ރާއްޖޭގައި މިނިވަން އިންސާފުވެރި އިންތިހާބެއް ބޭއްވޭނެ ކަމާ މެދު ޝައްކު ކުރާނެ ޖާގައެއް އޮތް ކަމަށް ގަބޫލުނުކުރައްވާ ކަމަށް ޖެންޑާ އެންޑް ހިއުމަން ރައިޓްސް މިނިސްޓްރީއާ ހަވާލުވެ ހުންނެވި މިނިސްޓަރު ޑރ. މަރިޔަމް ޝަކީލާ ވިދާޅުވެއްޖެ އެވެ.

ޖެނީވާގައި މިހާރު ކުރިއަށްދާ ޔުނައިޓެޑް ނޭޝަންސް ހިއުމަން ރައިޓްސް ކައުންސިލް (ޔޫއެންއެޗްއާރުސީ)ގެ 22 ވަނަ ރެގިއުލާ ސެޝަންގެ ހައި ލެވަލް ސެގްމަންޓުގެ ފަސް ވަނަ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ޝަކީލާ ވިދާޅުވީ ބައިނަލްއަގުވާމީ ގިނަ ޖަމާއަތްތަކަކުން 2013ގެ ރިޔާސީ އިންތިހާބަކީ ހުރިހާ ޕާޓީއަކަށް ވާދަކުރެވޭ މިނިވަން އިންސާފުވެރި އިންތިހާބެއް ކަން ޔަގީންކުރުމަށް ގޮވާލަމުންދާ ކަމަށާއި ދިވެހިންނަކީ މީގެ ކުރިން ވެސް އިންސާފުވެރި މިނިވަން އިންތިހާބެއް ބޭއްވޭނެ ކަން ބައިނަލްއަގުވާމީ މުޖުތަމައަށް ސާބިތުކޮށްދީފައިވާ ގައުމެއްް ކަމަށެވެ.

"ދެހާސް އަށް ވަނަ އަހަރު އަދި 2009ގެ އިންތިހާބުތަކުގައި ރާއްޖޭގައި މިނިވަން އިންސާފުވެރި އިންތިހާބެއް ބޭއްވޭނެކަން ރާއްޖެ އިން ވާނީ ބައިނަލްއަގުވާމީ މުޖުތަމައުއަށް ސާބިތުކޮށްދީފައި،" ޝަކީލާ ވިދާޅުވި އެވެ.

ވަކި ކެންޑިޑޭޓަކަށް އިންތިހާބުގައި ވާދަކުރެވެން ޖެހޭނެ ކަމަށް ބައެއް ފަރާތްތަކުން ދައްކަމުންދާ ވާހަކަތަކަށް އިޝާރާތްކުރައްވަމުން ޝަކީލާ ވިދާޅުވީ އިންތިހާބުގައި ކުރިމަތިލާ ކެންޑިޑޭޓުންގެ ސައްހަކަމާ މެދު ގޮތެއް ނިންމާނީ ރާއްޖޭގެ އިލެކްޝަންސް ކޮމިޝަނުން ކަމަށެވެ.

"ކެންޑިޑޭޓުންގެ ސައްހަ ކަމާ މެދު ގޮތް ނިންމާނީ މިނިވަން އިލެކްޝަންސް ކޮމިޝަނުން. އެކޮމިޝަނުން އެކަމުގައި ގެންގުޅޭނެ ކުރައިޓީރިއާ މިހާރު ވެސް ވަނީ އާއްމުކޮށްފައި. އެހެން ކަމުން އިންތިހާބުގައި ވަކި ކެންޑިޑޭޓަކަށް ވާދަކުރެވޭނެ ކަން ކަށަވަރުކުރުމަށް އެއްވެސް ފަރާތަކުން ރާއްޖޭގެ ޖުޑިޝަރީ އަށް ނުވަތަ އިލެކްޝަންސް ކޮމިޝަނަށް ބާރު އަޅައިގެން ނުވާނެ،" ޝަކީލާ ވިދާޅުވި އެވެ.

ޝަކީލާގެ ވާހަކަފުޅުގައި ސަރުކާރުން ރާއްޖޭގައި އިންސާނީ ހައްގުތައް ކުރިއެރުވުމަށް ކުރަމުންދާ މަސައްކަތްތައް ވަނީ ފާހަގަ ކުރައްވައިފަ އެވެ.