ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް އިން ފައިބެ އަހަރު ފެށި "އެލީޓް ޑެވެލޮޕްމަންޓް ޕްރޮގްރާމް"ގެ ދަށުން މުޙައްމަދު ރިޝްވާން އާއި ޙަސަން ޙާޒިގު ޝްރީލަންކާގައި ކުރިއަށް ގެންދާ ކުރިކެޓްމުބާރާތެއްގައި ބައިވެރިވުމަށް ލަންކާ އަށް ފުރައިފި އެވެ.

ސްރީލަންކާގެ މާތަރަ ދެވަނަ ޑިވިޜަންގެ ކްރިކެޓް މުބާރާތުގައި ކުޅުމަށް 19 އަހަރުން ދަށުގެ ގައުމީ ޓީމުގައި ހިމެނޭ ދެ ކުޅުންތެރިން ކަމަށްވާ ރިޝްވާން އާއި ހާޒިގު މާތަރަ ޑިސްޓްރިކްޓް ޓީމްގައި ހިމަނާފައި ވަނީ ރިޝްވާން ބެޓްސްމަން އެއްގެ ގޮތުގައި އަދި ހާޒިގު ބެޓްސްމަން އެއްގެ އިތުރުން ވިކެޓްކީޕަރެއްގެ ގޮތުގަ އެވެ.

ކްރިކެޓް ބޯޑުން މައުލޫމާތު ދިން ގޮތުގައި މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ހާޒިގުއާއި ރިޝްވާން ވަނީ މާތަރައާ އެކު ދެ މަސް ދުވަހު ޕްރެކްޓިސްކޮށްފަ އެވެ. މި ދެކުޅުންތެރިން ހިމެނޭ ޓީމް ކުޅުމަށް ހަމަޖެހިފައިވާ ފުރަތަމް މެޗު އޮންނާނީ މިއަދާއި މާދަމާ އެވެ.

ހާޒިގް އާއި ރިޝްވާން އަކީ މިމަހުގެ 24ގައި ކަތަމަންޑޫގައި ބޭއްވުމަށް ހަމަޖެހިފައިވާ އޭސީސީ ޓްވެންޓީ ޓްވެންޓީ މުބާރާތުގައި ވާދަކުރާ ރާއްޖޭގެ ކްރިކެޓް ޓީމުގައި ވެސް ހިމެނޭ ދެކުޅުންތެރިން ނެވެ.