ދެކުނު އެފްރިކާގެ ޑެވޭޓަންގައި ދިރިއުޅުނު، މޮޒަމްބީކަށް އުފަން އުމުރުން 27 އަހަރުގެ މިޑޯ މާސިއާ ހައްޔަރުކުރުމަށް ފުލުހުން މަސައްކަތް ކުރީ އޭނާ ދުއްވި ވެހިކަލް މަގުގެ ނުބައި ފަޅީގައި ޕާކްކުރުމުންނެވެ.

ނަމަވެސް އެކަމުގެ އަދަބަކަށް ފުލުހުން ކުރި ކަމަކީ އެމީހުންގެ ކާރުގެ ފަހަތުގައި އޭނާ އައްސައިގެން ބާރު ސްޕީޑްގައި ދުއްވުމެވެ. އެންމެ ފަހުން އޭނާ ފެނުނީ ފުލުހުންގެ ގޮޅިއެއްގައި މަރުވެފައި އޮއްވަ އެވެ.

މާސިއާ މަރާލިކަމުގެ ތުހުމަތުގައި ފުލުހުންގެ އަށް މީހުން މިހާރު ވަނީ ހައްޔަރުކޮށްފަ އެވެ. އެމީހުން ހައްޔަރުކުރީ މާސިއާ މެދު އެމީހުން އަމަލުކުރި ގޮތް ދައްކުވައިދޭ ވީޑިއޯއެއް އާއްމުވެ، އެކަމާ ދެކޮޅަށް މީހުން ނުކުމެ މުޒާހަރާ ކުރުމުންނެވެ.

ވީޑިއޯ އިން ފެންނަ ގޮތުން ބިރުގެންފައި ބަލަން ތިބި މީހުންގެ ކުރިމަތީގައި ފުލުހުން އޭނާ ގެންގޮސް ކާރުގެ ފަހަތުގައި ބަނުމަށް ފަހު ބާރު ސްޕީޑްގައި ކާރު ދުއްވާލަ އެވެ.

އެކަމާ ބެހޭ ގޮތުން ފުލުހުންގެ ވެރިޔާ ރިޔާ ފިޔޭގާ ވިދާޅުވި ކަމަށް ވަނީ "ވީޑިއޯއާ މެދު އިންތިހާ ދަރަޖައިގެ ހައިރާން ކަމުގައި ހުންނެވި" ކަމަށެވެ. އަދި އެފުލުހުން ސަސްޕެންޑްކޮށް، އެމައްސަލަ ތަހުގީގުކުރުމަށް އޭނާ އަމުރުކުރެއްވި އެވެ.

މައްސަލައިގެ ތަހުގީގުގައި ފުލުހުން ބުނި ކަމަށް ވަނީ މާސިއާ ހައްޔަރުކުރަން އުޅުމުން އޭނާ ފުލުހުންގެ މީހެއްގެ އަތުގައި އޮތް ބަޑި އަތުލަން މަސައްކަތް ކުރީ ކަމަށެވެ. ނަމަވެސް ދެކުނު އެފްރިކާގެ ޑެއިލީ ސަންއިން އާއްމުކޮށްފައިވާ އާ ވީޑިއޯ ފޫޓޭޖުން ފުލުހުންގެ އެދައުވާ ދޮގުވެ އެވެ.

ދެކުނު އެފްރިކާގެ ފުލުހުންގެ ކަންތައްތައް ބަލަހައްޓާ މުއައްސަސާ އިން އެމައްސަލަ ތަހުގީގުކުރަން ފަށާފައިވާ އިރު މާސިއާ މަރުވި ސަބަބެއް ކަމަށް ބުނެފައި ވަނީ ބޮލަށް ލިބުނު ޒަހަމް ތަކަކާއި އެތެރެހަށްޓަށް ލޭ ފޭބުމެވެ.
ކާރުގެ ކަފު ޖަހައިގެން މާސިއާ ދެމުމުގެ އިތުރުން ފުލުހުންގެ ގޮޅީގައި ވެސް އޭނާ އަށް ބޮޑެތި އަނިޔާތައް ދިން ކަން މިހާރު ވަނީ ހާމަވެފަ އެވެ.

"އެމީހުން އޭނާ މަރާލީ، އެމީހުން މިތަނުގައި އޭނާގެ ގައިގާ ވަރަށް ތެޅި،" މާސިއާ ގެންދިޔަ އިރު ފުލުހުންގެ ބަންދުގައި ހުރި މީހަކު ބުނި ކަމަށް އިނގިރޭސިވިލާތުގެ ޑެއިލީމެއިލް ނޫހުން ބުންޏެވެ.

މިހާދިސާއަކީ މިހާރު ވެސް ވަރަށް ބޮޑަށް ނަންހުތުރުވެފައިވާ ދެކުނު އެފްރިކާގެ ފުލުހުންގެ ނަން އިތުރަށް ހަޑިވެގެން ދިޔަ ހާދިސާއެކެވެ. އެގައުމުގެ މަސައްކަތްތެރިން ކުރި މުޒާހަރާއެއްގެ ތެރެއަށް ބަޑިޖަހައި 34 މީހުން މަރާލި ހާދިސާއާ ގުޅިގެން އެމީހުންގެ ނަން ކުރިން ވެސް ވަނީ ހަޑިވެފަ އެވެ.