02 Mar 2013, 12:30
މި މަހު 30 ވަނަ ދުވަހު ބާއްްވާ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)ގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ ކެންޑިޑޭޓުންގެ މެދުގައި ގުރުއަތުލުން ބާއްވައިފި އެވެ.
ޕީޕީއެމްގެ އޮފީހުގައި މިއަދު ބޭއްވި ގުރުއަތު ނެގުމުގެ ރަސްމިއްޔާތުގައި ނެގި ގުރުން ކެންޑިޑޭޓް ނަމްބަރު އެކެއް ލިބުނީ އެ ޕާޓީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަބްދުﷲ ޔާމިން އަށެވެ. އަދި ކެންޑިޑޭޓް ނަމްބަރު ދޭއް ލިބުނީ އެ ޕާޓީގެ ކުރީގެ އިންތިގާލީ ނައިބު ރައީސް އުމަރު ނަސީރު އަށެވެ.
ގުރުއަތު ނެގުމަށް ފަހު ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން އެ ޕާޓީގެ އިންތިހާބީ ކޮމެޓީގެ މުގައްރިރު މުހައްމަދު ތޮލާލް ވިދާޅުވީ ރާއްޖޭގެ މީހުން ދިރި އުޅޭ ކޮންމެ ރަށެއްގައި ވެސް ވޯޓު ފޮއްޓެއް ބަހައްޓާނެ ކަމަށެވެ. އޭނާ ވިދާޅުވީ ވޯޓު ކަރުދާސް ޗާޕް ކުރުމުގެ މަސައްކަތް ވެސް މިހާރު ފަށާފައިވާ ކަމަށާއި މިހާތަނަށް ޗާޕް ކުރަން ހަމަޖައްސާފައި ވަނީ 26 ހާސް ވޯޓު ކަރުދާސްކޮޅު ކަމަށެވެ. ނަމަވެސް މިހާރު ހުށަހަޅާފައި ހުރި ފޯމްތައް ރެޖިސްޓްރީކޮށް ނިމުމުން އެ އަދަދު ގާތް ގަނޑަކަށް 30 ހާހަށް އަރާނެ ކަމަށް ވެސް ތޮލާލް ވިދާޅުވި އެވެ.
"މީހުން ދިރި އުޅޭ ކޮންމެ ރަށެއްގައި ވެސް އަޅުގަނޑުމެން ވޯޓު ފޮށްޓެއް ބަހައްޓާނަން. މިހާރު ވޯޓު ކަރުދާސް ޗާޕް ކުރުމުގެ މަސައްކަތް ކުރިއަށް އެބަދޭ. ފުރަތަމަ 26 ހާސް ވޯޓު ކަރުދާސް ކޮޅު މި ޗާޕް ކުރަނީ. މި ދެންނެވީ މިހާތަނަށް އޮތް އަދަދު. އަދި އެބަހުރި ތިންހާސް ފޯމް ރެޖިސްޓްރީ ނުވެ،" ތޮލާލް ވިދާޅުވި އެވެ.
މިއަދު ބޭއްވި ގުރު ނެގުމުގެ ރަސްމިއްޔާތުގައި ޔާމީން އާއި އުމަރުގެ ފަރާތުން ގުރު ނެގީ އެ ދެ ބޭފުޅުން ފޮނުއްވި ދެ މަންދޫބުން ނެވެ. އަދި ރަސްމިއްޔާތުގައި އޭގެން އެއްވެސް ބޭފުޅަކު ބައިވެރި ވަޑައެއް ނުގަންނަވަ އެވެ.
ޕީޕީއެމްގެ ރިޔާސީ ޕްރައިމަރީ ބާއްވަން ހަމަޖައްސާފައި ވަނީ އަންނަ މާޗް މަހުގެ 30 ވާ ހޮނިހިރު ދުވަހު ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އެވެ.