ދިރާގް ދިވެހި ލީގް ފުޓްބޯޅަ މުބާރާތުގައި އިއްޔެ ހަވީރު އޭވައިއެލްއާ ދެކޮޅަށް ކުޅުނު މެޗް 1-0 ލަނޑުން ކުލަބް ވެލެންސިއާ އިން ކާމިޔާބު ކޮށްފިއެވެ.

ދެ ޓީމުގެ ފަރާތުން ވެސް ވާދަވެރި ކުޅުމެއް ފެނިގެން ދިޔަ އެމެޗުގައި ވެލެންސިއާއިން އޭވައިއެލްގެ ކޮޅަށް ޖެހި ލަނޑު މެޗުގެ ދެ ވަނަ ހާފުގެ ފަހު ފަސް މިނެޓުގެ ތެރޭގައި ވެލެންސިއާއަށް ކާމިޔާބު ކޮށްދިނީ އަކްރަމް އަބްދުލް ޣަނީ އެވެ.

އިއްޔެގެ މެޗުގެ ފުރަތަމަ ހާފުގައި ވެސް ވެލެންސިއާއަށް ލަނޑު ޖަހާނެ ދެ ތިން ފުރުސަތެއް ލިބުނު ނަމަވެސް، އެފުރުސަތު ތަކުގެ ބޭނުން އެޓީމުގެ ކުޅުންތެރިންނަށް ނުހިފިގެން ދިޔަތަން ފެނުނެވެ. އެގޮތުން މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިންމާލަން ޖެހުނީ ދެ ޓީމް ކުރެ އެއްޓީމަކަށް ވެސް ގޯލެއް ކާމިޔާބު ނުކުރެވި އެވެ.

އެހެން ނަމަވެސް އިއްޔެ މެޗުގައި ވެލެންސިޔާއިން އޭވައިއެލް ކޮޅަށް ލަނޑު ޖެހުމުގެ ފަސް މިނެޓު ކުރިން ރެފްރީވަނީ ވެލެންސިޔާގެ ބިދޭސީ ކޯޗް ބެންޗުން ފޮނުވާލައިފައެވެ. ކޯޗު ބޮއިކޯ ކަމެނޯފް ބެންޗުން ފޮނުވާލީ ރެފްރީގެ ނިންމުންތަކާ ހިތްހަމަނުޖެހުން ފާޅުކުރުމުން ނެވެ.

ލީގުގައި ދެން އެންމެ އަވަހަށް ވެސް މެޗެއް ކުޅޭނީ އަންނަ ހޮނިހިރު ދުވަހުގެ ހަވީރު 4:00 ޖަހާއިރު އެވެ. އެމެޗުގައި ބައްދަލު ކުރާނީ ވިކްޓަރީ އާއި އީގަލްސްއެވެ.