އަރަބިއްޔާގެ ބެލެނިވެރިންގެ ޝަކުވާ ބަލައިގަތުމަށް މަދަނީ އިއްތިހާދުން ކުރިއަށްގެންދާ ކެންޕޭނުގެ ދެ ވަނަ ބުރު މިއަދު ހަވީރު އަރަބިއްޔާ ސްކޫލްކައިރީގައި ކުރިއަށް ގެންގޮސްފި އެވެ.


މިއަދު ހަވީރު 5:30 އިން ފެށިގެން 6:10 ވަންދެން އެ ސަރަހައްދުގައި މަދަނީ އިއްތިހާދުގެ ޓީމަކުން ވަނީ ހަރަކާތްތެރިވެފަ އެވެ.


އަރަބިއްޔާ ސްކޫލް މިހާރު ހިންގާ މަންދު ކޮލެޖު (ކުރީގެ އެމް.އީ.އެސް) ކުރިމަތީގައި ބަހައްޓާފައި މޭޒު ދޮށަށް ގިނަ އަދަދެއްގެ ބެލެނިވެރިން ޝަކުވާ ހުށަހެޅުމަށް ދިޔަ އެވެ.


މަދަނީ އިއްތިހާދުގެ ކްރިޓިކަލް އެނަލައިސިސް ގޮފީގެ މެންބަރު އިބްރާހިމް މުހައްމަދު ވިދާޅުވީ މިއަދުގެ ނިޔަލަށް އަރަބިއްޔާ ސްކޫލުން ޝަކުވާ ބަލައިގަތުން ނިމުނީ ކަމަށެވެ.


"ދެން އަޅުގަނޑުމެން އެހެން ސްކޫލުތައް ކައިރިއަށް ވެސް ދާނަން އެ ސްކޫލްތަކުގެ ބެލެނިވެރިންގެ ޝަކުވާތައް ބަލައިގަތުމަށް. ވަރަށް ގިނަ އަދަދެއްގެ ބެލެނިވެރިން މިއަދު މެންދުރާއި ހަވީރު ޝަކުވާ ހުށަހެޅި. އެ ތަކެތީގެ ސަމަރީއެއް ހަދާފައި އަޅުގަނޑުމެންނަށް އެނގޭނީ ޝަކުވާ ހުށަހެޅި ބެލެނިވެރިންގެ އަދަދު ދަންނަވާލަން." އިބްރާހިމް ވިދާޅުވި އެވެ.


މިއަދު މެންދުރު ވެސް މަދަނީ އިއްތިހާދުން ބެލެނިވެރިންގެ ޝަކުވާ ބަލައިގަތުމަށް އަރަބިއްޔާ ސްކޫލު ދޮށައް ގޮސްފައިވެ އެވެ.


ސަން.އެފް.އެމް އޮންލައިނުން މިއަދު ދެންނެވި ސުވަލަކަށް ޖަވާބު ދެއްވަމުން އެންމެބޮޑު އިދިކޮޅު ސިޔާސީ ޕާޓީ ޑީއާރުޕީގެ ނައިބު ލީޑަރު އިބްރާހީމް ޝަރީފު ވިދާޅުވެފައި ވަނީ މަޖީދިއްޔާ އާއި އަމީނިއްޔާ ފަދަ ސްކޫލުތަކުގައި އަންހެން ކުދިންނާއި، ފިރިހެން ކުދިން އެއްކޮށްލުމަކީ "ސަގާފީ" މައްސަލަތަކެއް އުފެދޭނޭ ކަމެއްކަމަށެވެ.


"އަޅުގަނޑު ދަންނަވާނީ ޑރ. މިސްތަފާ ލުތުފީ މިފަދަ ކަމެއް ކުރެއްވުމުގެ ކުރިން ރައްޔިތުންގެ ހިޔާލު މިކަމުގައި އޮތް ބައްލައިލައްވަން ވާނެޔޭ. ޑރ. މުސްތަފާ ލުތުފީ ކަންތައްތައް ކުރައްވަނީ އެންމެ ރަނގަޅަށް ކަމަކަށް އަޅުގަނޑެއް ނުދެކެން." ޝަރީފް ވިދާޅުވިއެވެ.


މަދަނީ އިއްތިހާދުން ބަލައިގަންނަނީ ތަފާތު ހަތަރު ވައްތަރެއްގެ މައްސަލަ އެވެ. އެއީ އެޑިއުކޭޝަން މިނިސްޓަރު ޑރ. މުސްތަފާ ލުތުފީ އާ ދެކޮޅަށް އެއްވެސް މައްސަލައެއް އޮތްތޯ އާއި އަރަބިއްޔާ ސްކޫލާ މެދު އެއްވެސް މައްސަލައެއް އޮތްތޯ އާއި ގްރޭޑް އެކަކުން ދިހައެއްގެ ކުދިން، އަންހެން ފިރިހެން އެއްކޮށްލައިގެން ކިޔަވައިދޭން ފެނޭތޯ އާއި ދިވެއްސާއި އިސްލާމް އިހްތިޔާރީ ކުރުމުން އެއްވެސް މައްސަލައެއް އެބައެއްތޯ އެވެ.