އަންނަ އަހަރުގެ ވޯލްޑް ކަޕަށް ބްރެޒިލްއިން ތައްޔާރުވަމުންދާއިރު، ފަލަ މީހުންނަށް ހާއްސަކޮށްގެން ސްޓޭޑިއަމްތަކުގައި ބޮޑު ގޮނޑި ނުވަތަ "އެކްސްއެލް" ސީޓުތަކެއް ހުންނާނެ ކަމަށް ބްރެޒިލިއަން ފުޓުބޯލް ކޮންފެޑެރޭޝަން (ސީބީއެފް) އިން ބުނެފި އެވެ.

މީޑިއާއަށް މައުލޫމާތު ދިން ސީބީއެފްގެ އޮފިޝަލަކު ވިދާޅުވީ "އެކްސްއެލް" ސީޓުތަކަކީ ސައިޒުގެ ގޮތުން ބޮޑު އަދި ބަރު މީހުންގެ ބަރުދަން ހިފެހެއްޓޭ ގޮތައް ވަރުގަދަކޮށް ފަރުމާކޮށްފައިވާ ސީޓުތަކެއް ކަމަށެވެ.

"އެކްސްއެލް" ސީޓުތަކަށް 250 ކިލޯގުރާމްގެ ބަރުދަން ހުންނަ މީހުންގެ ބަރުދަން ހިފަހައްޓާލެވޭނެ ކަމަށް ރިޕޯޓުތައް ބުނެ އެވެ.

އާދައިގެ ގޮނޑިތަކާ ތަފާތު ކުލައެއްގައި ފެނިގެންދާނެ މިގޮޑިތަކުގެ އަގު، އާދައިގެ ގޮނޑިތަކަށް ވުރެ ދެގުނަ ބޮޑު ވާނެ ކަމަށް މައުލޫމާތު ލިބެ އެވެ.

"އެކްސްއެލް" ސީޓުތަކެއް ސްޓޭޑިއަމްތަކުގައި ހާއްސަކޮށްފައި ވަނީ ބްރެޒިލްގެ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ ގާނޫނުގެ ދަށުން އެކަން ކުރަން ޖެހޭތީ ކަމަށް ސީބީއެފް އިން ބުނެ އެވެ. މިގޮތުން ކޮންމެ ސްޓޭޑިއަމެއްގެ އެއް އިންސައްތަ ސީޓުތަކަކީ ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ހާއްސަކުރަން ޖެހޭ ސީޓުތަކެކެވެ.

މިއަހަރުގެ ޖޫން މަހުގެ ތެރޭގައި ބޭއްވުމަށް ހަމަޖެހިފައިވާ ކޮންފެޑެރޭޝަންސް ކަޕްގައި އާދައިގެ ގޮނޑިއެއްގެ ޓިކެޓް 19 އެމެރިކާ ޑޮލަރަށް ވިއްކާއިރު، "އެކްސްއެލް" ސީޓުތައް ވިއްކުމަށް ހަމަޖެހިފައި ވަނީ 38 އެމެރިކާ ޑޮލަރަށެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ބްރެޒިލްގެ ފޯޓަލޭޒާގައި ހުންނަ 64،000 މީހުންގެ ޖާގައިގެ ކެސްޓެލާއޯ ސްޓޭޑިއަމްގައި ފަލަ މީހުންނަށް ހާއްސަ ކުރެވިފައިވާ 120 "އެކްސްއެލް" ސީޓު ހުންނާނެ އެވެ.