ފްރާންސް ލީގުގައި މިރޭ ސްޓޭޑޭ ޑި ރެއިމްސް އާއި ދެކޮޅަށް ޕެރިސް ސެއިންޓް ޖާމެން (ޕީއެސްޖީ) ކުޅޭ މެޗުގެ ފުރަތަމަ އެގާރައިން އެ ކުލަބުގެ އިނގިރޭސި ތަރި ޑޭވިޑް ބެކަމް ނުފެންނާނެ ކަމަށް ޕީއެސްޖީގެ ކޯޗު ކާލޯ އަންޗެލޮޓީ ބުނެފި އެވެ.

ޕީއެސްޖީއާއި ގުޅުނު ފަހުން އުމުރުން 37 އަހަރުގެ މިޑްފީލްޑަރު ބެކަމް އެޓީމަށް ކުޅުނު ފުރަތަމަ މެޗަކީ މިދިޔަ ބުދަ ދުވަހު މާސެލް އާއި ދެކޮޅަށް ކުޅެ 2-0 ލަނޑުން މޮޅުވި މެޗެވެ. ތިން ޕޮއިންޓްގެ ލީޑަކާއެކު ފްރާންސް ލީގުގެ އެއްވަނާގައި އޮތް ޕީއެސްޖީގެ މުހިންމު ކުޅުންތެރިންތަކަކަށް މިރޭގެ މެޗުގައި ރެސްޓް ދޭނެ ކަމުގައި އަންޗެލޮޓީ ބުނެފައިވެ އެވެ.

"ފުރަތަމަ އެގާރައިން ބެކަމްއެއް ނުފެންނާނެ. މިރޭ ފެންނާނީ ބުދަ ދުވަހު ކުޅުނު މެޗުގައި ނުކުޅޭ ކުޅުންތެރިން. ތިއާގޯ މޮޓާއެއް ނުކުޅޭނެ. އަދި މެކްސްވެލް އަށް ވެސް ރެސްޓް ދޭނަން. އަނިޔާގައި ހުރުމުގެ ސަބަބުން ޖަލެޓް އެއް ނުފެންނާނެ. ފަރިތަކުރުމަށް ފަހު އަހަރެންގެ ނިންމުންތައް ނިންމާނަން. ފިޓްކޮށް ހުރި ގިނަ ކުޅުންތެރިންތަކެއް ޓީމުގައި އެބަ ތިބި،" އަންޗެލޮޓޯ ބުންޏެވެ.

ފްރާންސް ލީގުގެ 17 ވަނާގައި އޮތް ސްޓޭޑެ ޑި ރެއިމްސް އާއި ދެކޮޅަށް ކުޅޭ މެޗު ފަސޭހަ ނުވާނެކަމުގައި އަންޗެލޮޓީ ބުނެއެވެ. "މިމެޗު ފަސޭހައެއް ނުވާނެ. މިވަގުތު ރެއިމްސް އޮތީ ރަނގަޅު ފޯމެއްގައި. ކުރިއަށް އޮތް މެޗުތައްވެސް ކާމިޔާބުކުރަން ކުރެވެންހުރި ހުރިހާ މަސައްކަތެއް އަހަރެމެންނަށް ވަނީ ކުރަން ޖެހިފައި،" އަންޗެލޮޓީ ބުންޏެވެ.

ކުޅުނު 26 މެޗުން 54 ޕޮއިންޓް ލިބުނު ޕީއެސްޖީ އެއްވަނާގައި އޮތްއިރު، ދެވަނާގައި އޮތް ލިޔޯން އަށް ލިބިފައިވަނީ 51 ޕޮއިންޓެވެ. 46 ޕޮއިންޓާއެކު ތިންވަނާގައި މާސޭލް އަށް ލިބިފައިވާއިރު، ނައިސް އަށް ލިބިފައިވަނީ 45 ޕޮއިންޓެވެ.

ރަށުން ބޭރުގައި ރެއިމްސް އާއި ދެކޮޅަށް ޕީއެސްޖީ މިރޭ ނުކުންނާނީ 21:00 ގަ އެވެ.