އައްޑޫ ސިޓީ ހިތަދޫގައި ރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓްގައި ބަހެއްގެ ދަށުވެ، ސީރިއަސް އަނިޔާތަކެއް ލިބުނު ޒުވާނާ ދުއްވި ސައިކަލަކީ ވަގަށް ނަގައިގެން ދުއްވި ސައިކަލެއް ކަމަށް ފުލުހުން ބުނެފި އެވެ.

އައްޑޫ ލިންކްރޯޑުގައި ބަހެއްގެ ދަށުވެ، ސައިކަލް ފުޑުފުޑުވެ، ސީރިއަސް އަނިޔާތަކެއް ލިބުނު ސ. ފޭދޫ ޒުމަރަދުގެ، މުހައްމަދު ޝިފާޒު ދުއްވި ސައިކަލް ގެއްލިގެން ފުލުހުންނަށް ރިޕޯޓް ކުރީ ރޭ ދަންވަރު 12:05 ގައި ކަމަށް ފުލުހުން ބުންޏެވެ. އެކްސިޑެންޓް ހިނގާފައި ވަނީ ރޭ 10:20 ގަ އެވެ. އަދި އޭނާ ދުއްވި ސައިކަލަކީ ތަޅު ހަލާކުވެގެން މަރަދޫ ގަރާޖަކަށް ހަދަން ހަވާލުކޮށްފައި ހުއްޓާ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ވެސް ފުލުހުން ބުންޏެވެ.

"އެކްސިޑެންޓް ހިނގިފަހުން ރޭ 12:05 ގައި އަޅުގަނޑުމެންނަށް ރިޕޯޓްކުރީ އެ ސައިކަލް ނަންބަރާއި ސިފަތައް. ދެން އަޅުގަނޑުމެން ބެލިއިރު މި އެނގުނީ އެކްސިޑެންޓުވި ސައިކަލަކީ ވަގަށް ނަގައިގެން ދުއްވި ސައިކަލެއްކަން،" ފުލުހުންގެ މީޑީއާ އޮފިޝަލް ވިދާޅުވި އެވެ.

އެކްސިޑެންޓް ހިނގަން މެދުވެރިވި ސަބަބެއް ކަމަށް ފުލުހުން ބުނީ ސ. ގަމާ ދިމާލުން ހިތަދުއަށް ބަހަކާއި ސައިކަލެއް ދަތުރު ކުރަމުން ދަނިކޮށް، ލިންކުރޯޑްގެ ވަކި ހިސާބެއްގައި ޓްރެފިކް ފުލުހުންގެ ވެހިކަލް ޗެކް ޕޮއިންޓް (ވީސީޕީ) ޖަހާފައި ވަނިކޮށް ސައިކަލް ކުއްލިއަކަށް އަނބުރާލާފައި ގަމާވީ ގޮޅަށް ދާން އުޅެނިކޮށް ބަހުގެ ދަށުވެގެންނެވެ.

އެ އެކްސިޑެންޓްގައި ބޮލުގެ ފުއްކިބަ ފަޅައިގެން ގޮސް ގައިގެ އެކިތަންތަން މަށައިގެން ދިޔަ ޒުވާނާއަށް ހިތަދޫ ރީޖަނަލް ހޮސްޕިޓަލްގެ އައިސީޔޫގައި ގެންދަނީ ފަރުވާދެމުންނެވެ.