02 Mar 2013, 12:07
ގައުމީ 33 ވަނަ ބާސްކެޓް ބޯޅަ މުބާރާތުގެ ފިރިހެން ތިން ވަނަ ޑިވިޝަންގެ ޗެމްޕިއަންކަން ޑީ ބާސްކެޓް ބޯޅަ ކުލަބުން ހޯދައިފި އެވެ.
ޑީ ބާސްކެޓް ބޯޅަ ކުލަބުން ޗެމްޕިއަންކަން ހޯދީ ފައިނަލުގައި އެލްކިއު ސްޕޯޓްސް ކުލަބާ ވާދަކޮށް 70 ޕޮއިންޓް 55 ޕޮއިންޓުން މެޗް ކާމިޔާބު ކޮށްގެންނެވެ.
މިދިޔަ ބުރާސްފަތި ދުވަހު ކުޅުނު އެ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ ޗެމްޕިއަންކަން ހޯދި ޑީބާސްކެޓް ބޯލް ކުލަބުގެ ރިޝްފާން ރަޝީދެވެ.
ޖުމްލަ ހަތަރު ޓީމް ވާދަކުރި މުބާރާތުގެ ޗެމްޕިއަންކަން ޑީ ބާސްކެޓް ބޯޅަ ކުލަބުން ހޯދުމުން، އެކުލަބު ވަނީ ދެ ވަނަ ޑިވިޝަނަށް ކޮލިފައިވެފަ އެވެ.
މުބާރާތުގެ ފައިނަލް މެޗަށްފަހު ވަނަ ވަނައަށް އާ ފަރާތްތަކަށް ވަނީ ތައްޓާއި ހަދާނީ ލިޔުން ދެއްވާފައެވެ. އެގޮތުން މުބާރަތުގެ އެންމެ މޮޅު ޕްލޭމޭކަރަށް އެލްކިއުގެ އިމްތިނާން ސައުދުﷲ ހޮވުނުއިރު އެންމެ މޮޅު ޑިފެންސިވް ކުޅުންތެރިޔަކަށް ހޮވުނީ އެލްކިއުގެ އީވާން ޒާހިރެވެ. އަދި އެންމެ މޮޅު އޮފެންސިވް ކުޅުންތެރިޔަކަށް ވިޔަންސާގެ ނިޝާތު ޝަރީފް ހޮވުނުއިރު، އެންމެ މޮޅު ކޯޗަކަށް ހޮވުނީ ޑީބީސީގެ ކޯޗު އިސްމާއިލް ސާޖިދެވެ.