02 Mar 2013, 11:52
ގައިދީއަކު ފޮށްޓެއްގައި ޖަލުން ފިލަން އުޅެނިކޮށް ހިފަހައްޓާ، ވެނެޒުއޭލާގެ ޖަލުތަކަށް ފޮށި ވެއްދުން މަނާކޮށްފި އެވެ.
ރިޕޯޓުތައް ބުނާ ގޮތުން މިއަދުގެ ވަގުތެއްގައި ފޮށްޓަކަށް ލައިގެން ޖަލުން ފިލަން މަސައްކަތްކޮށްފައި ވަނީ، މީހަކު މަރާލިކަމުގެ ކުށުގައި އުމުރަށް ޖަލަށް ލާފައިވާ ވެނެޒުއޭލާގެ ގެވިންސަން ގާސިއާ އެވެ.
ގާސިއާ ރައްޓެހިވެގެން އުޅޭ އަންހެން މީހާ ކަމަށްވާ ސުޒާނާ ބެލުންކޯ މިއަދު އޭނާ އަށް ޒިޔާރަތްކުރަން ޖަލަށް ދިޔަ އިރު، ދިޔައީ ދަތުރުވެރިން ގެންގުޅޭ ވައްތަރުގެ ފޮށްޓެއް (ސޫޓުކޭސް) އެއް ހިފައިގެން ކަމަށާއި އިސްކޮޅުގައި ފަސް ފޫޓު ތިން އިންޗި ހުންނަ ގާސިއާ މިފޮށީގެ ތެރޭގައި ކުރު ގެޅިގެން ޖަލުން ފިލަން އުޅެނިކޮށް ހިފަހައްޓާފައިވާ ކަމަށް ވެނެޒުއޭލާގެ ޔާރޭ ޖަލުން ބުނެ އެވެ.
ފިލަން ކުރި މަސައްކަތް ފަޅާ އަރާފައި ވަނީ ސުޒާނާ ވަރަށް އުދަނގުލުން ފޮށި ޖަލުން ނެރެން އުޅުމުން ގާޑަކު ފޮށި ހުޅުވާ ބެލުމުން ނެވެ. ފޮށި ހުޅުވާ ބެލި އިރު، ގާސިއާ ފޮށި ތެރޭގައި ކުރު ގެޅިގެން އޮތް ކަމަށް ރިޕޯޓުތައް ބުނެ އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ފިލަން އެހީވުމަށް ގާސިއާ ވަނީ ސުޒާނާ އަށް 1،100 އެމެރިކާ ޑޮލަރު ދީފަ އެވެ. އަދި ފިލުމުގައި އެހީވުމަށް އެދި ބައެއް ގައިދީންނަށް 3،175 ޑޮލަރު ދީފައިވެ އެވެ.