02 Mar 2013, 11:49
"އަ ކޯޑް އެން ޑްރީމް" އިން އިންތިޒާމް ކޮށްގެން ލަވަޔާއި މިއުޒިކަށް ލޯބިކުރާ ފަރާތްތަކަށް ހާއްސަކޮށްގެން "ރޮކް އެން ރޯލް"މިއުޒިކް ޝޯއެއް ބާއްވައިފި އެވެ.
ރާއްޖޭގައި މިއުޒިކްގެ ފަންނު ކުރިއަރުވައި އާލާ ކުރުމުގެ މަގްސަދުގައި "އަ ކޯޑް އެން ޑްރީމް" އިންތިޒާމް ކޮށްގެން ރޭ ދަރުބާރުގޭގެ ރަންނަ ބަނޑޭރި މާލަމްގައި ބޭއްވި މިއުޒިކް ޝޯއަށް ގިނަބައެއްގެ ތަރުހީބު ލިބުނު ކަމަށް އިންތިޒާމް ކުރި ފަރާތުން ބުންޏެވެ.
ރާއްޖޭގައި ޒުވާނުންނާއި މިއުޒިކަށް ލޯބިކުރާ އެތައްބައެއްގެ މެދުގައި މިހާރު އަނެއްކާ ވެސް މަގުބޫލްކަން ލިބެމުން އަން މިއުޒިކްގެ ބާވަތެއް ކަމަށްވާ "ރޮކް އެން ރޯލް"އަކީ އަލަށް މިއުޒިކް ދަސްކުރާން ފަށައިގަންނަ މީހުންގެ މެދުގައި ވެސް ވަރަށް މަގުބޫލު އަދި ކޮންމެހެން ދަސްކުރަން ޖެހޭ މިއުޒިކްގެ ބާވަތެއް ކަމަށްވީ ހިނދު އެކަމަށް ޝައުގުވެރިކަން ހުރި ފަރާތްތަކަށް މަގުތަނަވަސް ކޮށްދިނުމަކީ ކޯޑް އެން ޑްރީމްގެ އެންމެ ބޮޑު އެއް މަގުދަސު ކަމަށް އެފަރާތުން ހާމަ ކުރި އެވެ.
"އަލަށް މިއުޒިކް ދަސްކުރާ މީހުން ފަށައިގަންނަ އިރު ކުޅޭ މިއުޒިކެއް ރޮކް އެން ރޯލް މިއުޒިކަކީ. ރާއްޖޭގައި އަލަށް އުފެދެމުން އަންނަ ޒުވާން މިއުޒިކް ކުޅުންތެރިންގެ މެދުގައި ރޮކް އެން ރޯލް މިއުޒިކް މިދަނީ ދުވަހެއް ދުވަހަކަށް އިތުރުވަމުން. އެހެންކަމުން އަޅުގަނޑުމެން ދެކެނީ އެފަދަ ފަރާތްތަކަށް އެމީހުންގެ ހުނަރުތައް ދައްކާލެވޭނޭ މާހައުލެއް ގާއިމް ކޮށްދޭން ޖެހޭނޭ ކަމަށް. އަޅުގަނޑުމެން މިހާރު މިކުރަނީ އެމަސައްކަތް،" ކޯޑް އެން ޑްރީމްގެ ފަރާތުން އެ ހަރަކާތް އިންތިޒާމް ކުރުމަށް ހަވާލުވެ ހުރި އަހްމަދު ޝިހާމް ބުންޏެވެ.
ޝިހާމް އިތުރަށް ބުނީ މި ޝޯގެ ސަބަބުން އެ ގްރޫޕްގެ ނަން ރާއްޖޭގެ ތާރީހްގައި ދެވަނަ ފަހަރަށް ކާމިޔާބުކަމާ އެކު މިފަދަ ޝޯއެއް ބޭއްވި ކަމަށް ލިޔެވިގެންދާ އިރު ފަންނީ ގޮތުން ވެސް ކުރިއެރުންތަކެއް މިޝޯގައި ފެނިގެން ގޮސްފައިވާ ކަމަށެވެ. އަދި ވޭތުވެ ދިޔަ ފަސް ވަރަކަށް އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގައި މިފަދަ އެތައް ޝޯތަކެއް ބާއްވާފައިވާ "ކޯޑް އެން ޑްރީމް" އިން މުސްތަގުބަލުގައި ވެސް މިފަދަ ޝޯތައް ބާއްވާނޭ ކަމަށް ޝިހާމް ބުންޏެވެ.