02 Mar 2013, 11:39
ކުލަގަދަ ރަސްމިއްޔާތަކާ އެކު އޮލިމްޕަސް ސިނާމާ ރޭ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދުގެ ދެކަނބަލުން ރޭ ހުޅުވައިދެއްވައިފި އެވެ.
ބައިގަރުނުގެވެފައިވާ އޮލިމްޕަސް ސިނަމާ އަލުން ހުޅުވުމަށް ރޭ ބޭއްވި ރަސްމިއްޔާތަށް ދައުވަތުދީފައިވާ ފިލްމީ ފަންނާނުންގެ އިތުރުން ސަރުކާރުގެ ވެރިންނަށް ވަނީ ރަތް ދޫލައިގައި ހޫނު މަރުހަބާއެއް ކިޔާފަ އެވެ. އޮލިމްޕަސް ރަސްމީކޮށް ހުޅުވިގެން ދިޔައީ އޮލިމްޕަސްގެ ނަން ބޯޑު ފަރުދާ ރައީސުލްޖުމްހޫރިއްޔާ ކައްސަވާލެއްވުމާ ގުޅިގެންނެވެ. އެއަށް ފަހު އެމްއެންޑީއެފްގެ ހަވާއެރުވުން ވެސް ކުރިއަށް ގެންދިޔަ އެވެ.
ޒަމާނާ އެއްގޮތަށް ތަރައްގީކޮށްފައިވާ އޮލިމްޕަސް އަލުން ހުޅުވުމަށް ބޭއްވި އެ ރަސްމިއްޔާތުގައި ފިލްމީ ދާއިރާގެ ފަންނާނުންނާއި ސަރުކާރުގެ އިސް ބޭފުޅުން ވަނީ ބައިވެރިވެވަޑައިގެންފަ އެވެ.
އޮލިމްޕަސް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރައީސް ވަހީދު ވިދާޅުވީ އޮލިމްޕަސް ހުޅުވިގެން ދިއުމަކީ ޒަމާންތަކެއް ވަންދެން ދިވެހިން ވަކިން ހާއްސަކޮށް އެދާއިރާގެ ފަންނާނުން ދެކެމުން ދިޔަ ހުވަފެން ހަގީގަތަށްވުން ކަމަށާއި އެހާ ފުރިހަމައަށް އެތަން ހުޅުވުމުގެ ފަހަތުގައި ވަރަށް ގިނަ ބައެއްގެ ވަކިން ހާއްސަކޮށް ހެޔޮއެދޭ ވަރަށް ގިނަ ފަރާތްތަކެއްގެ އެހީތެރިކަން ލިބިވަޑައިގެންފައިވާ ކަމަށް ވިދާޅުވެ އެފަރާތްތަކަށް ޝުކުރުއަދާ ކުރެއްވި އެވެ. އަދި އެމަސައްކަތް އެހާ ފުރިހަމައަށްކޮށް ނިންމާލެވިފައިވާތީ ޑިފެންސް މިނިސްޓްރީ މުހައްމަދު ނާޒިމާއި ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބަށް ރައީސް ޝުކުރު އަދާކުރެއްވި އެވެ.
"އޮލިމްޕަސް މީގެ 54 އަހަރު ކުރިން ހުޅުވިގެން ދިޔައިރު މިއީ ދިވެހި ރާއްޖެގައި ހުރި އެންމެ ބިޔަ ހައިބަތު ހުރި އެންމެ ރީތި އެއް އިމާރާތް. މި އިމާރާތް ރަމްޒުކޮށްދެނީ ގްރީސްގައި ހުރި އެންމެ އުސް ފަރުބަދައާ މިއީ އޭރު ރާއްޖޭގައި ހުރި އެންމެ ހުސް އިމާރާތް. މި އިމާރާތް ރަމްޒުކޮށްދެނީ ދިވެހިންގެ އުފެއްދުން ތެެރިކަމަށް، ދިވެހި ރާއްޖާގެ އަންނަ އޮތް ޖީލްތަކަށް ވެސް މިއުފެއްދުންތެރިކަން ފޯރުކޮށްދޭން އެބަޖެހޭ. އެހެންވެ މިއުފެއްދުންތެރިކަން އެ ޖީލްތަކަށް ފޯރުކޮށްދިނުމަކީ އަޅުގަނޑުމެން ކުރަން ޖެހޭ ކަމެއް. މިގައުމު މުސްތަގުބަލުގައި އަންނަން އޮތް ޖީލްތަކަށް ފޯރުކޮށްދެވޭނީ އަޅުގަނޑުމެން އުފެއްދި އެއްޗެއް. އެހެންވެ ލަވައިންނާއި ތަމްސީލްތަކުންނާއި ފިލްތަކުންނާއި ވާހަކަތަކުން ފެންނަން އޮތް އެއްޗެއް ފެންނަން އޮންނާނީ،" ވަހީދު ވިދާޅުވި އެވެ.
ރޭ ގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޑިފެންސް މިނިސްޓަރު ނާޒިމް ވިދާޅުވީ އޮލިޕްމަސް ތަރައްގީކޮށް ހުޅުވުމަށް ކުރަން ޖެހުނީ ވަރަށް ޗެލެންޖިން މަސައްކަތަކެއް ކަމަށާއި އެތަން އަލުން ހުޅުވުމުގެ މަސައްކަތް ކުރަމުން ދިޔަ އިރު އެއީ ވަރަށް ގިނަ ފަރާތްތަކުން އެއީ ނުވާނެ ކަމެއް ކަމުގައި ބުނެ ވަރަށް ފާޑުކިޔުންތައް ރައްދުވަމުން ދިޔަ ކަމަށެވެ.
"ބައެއް ބޭފުޅުން އަޅުގަނޑުމެންނާ ޗެލެންޖް ކުރި، ބުނި ތިއީ ވާނެ ކަމެއް ނޫނީ، އެހެން އެ ބޭފުޅުންނަށް ވެސް ދައުވަތުދީގެން އެކަން ވާނެކަން އެވަނީ ސާބިތުކޮށްދީފައި. އަޅުގަނޑުމެންގެ މިސަރުކާރަކީ ނަތީޖާ ހާސިލްކުރާނެ ސަރުކާރެއް ފަހަތަކަށް ނުޖެހޭނަން،" ނާޒިމް ވިދާޅުވި އެވެ.
ރޭގެ އެރަސްމިއްޔާތުގައި ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބުގެ އިތުރުން މޯލްޑިވްސް ފިލްމް އެސޯސިއޭޝަންގެ ޗެއާމަން އަސްލަމް ރަޝީދު ވެސް ވާހަކަ ދެއްކެވި އެވެ.
ބޮޑެތި ބަދަލުތަކަކާ އެކު އޮލިމްޕަސް އަލުން ރޭ ހުޅުވި އިރު އެތަނުގެ އެތެރޭގެ ޒިޑައިންއަށް ވެސް ވަނީ ބޮޑު ބަދަލްތަކެއް ގެނެސްފަ އެވެ. އެގޮތުން ކެންޓީން ސަރަހައްދާއި ޓިކެޓް ކައުންޓަރު ސަރަހައްދު ވަނީ ތަނަވަސް ބޮޑު ސަރަހައްދެއްގެ ގޮތުގައި ތަރައްގީކޮށްފަ އެވެ. އަދި އޮލިމްޕަސްގެ އެތެރޭގައި ހުރި ގޮޑިތައް ވެސް ވަނީ ޒަމާނީ ފެންވަރުގެ ބޮޑެތި ގޮނޑިތަކަކަށް ބަދަލުކޮށް، މުޅި ހޯލްވެސް ވަނީ އޭސީކޮށްފަ އެވެ.
އޮލިމްޕަސް ސިނާ ހުޅުވުމުގެ ރަސްމިއްޔާތު ކުރިއަށް ދިޔައީ ދިވެހި ފިލްމީ ދާއިރާގައި މަސައްކަތް ކުރާ ގިނަ ފަންނާނުންތަކެއް ވަނީ ދިވެހި ފިލްމީ ދާއިރާ ވަކިން ހާއްސަކޮށް އޮލިމްޕަސް ސިނަމާގެ ފާއިތުވީ ދިގު ތާރީހު ދައްކުވައިދޭ ޓްރިބިއުޓެއް ހުށަހަޅައިދީފަ އެވެ. އެގޮތުން އޮލިޕަމްސް ފެށުނީއްސުރެ އެދާއިރާ އަށް އައިސްފައިވާ ކުރިއެރުންތައް ދައްކުވައިދޭ ސްޓޭޖް އައިޓަމްތަކެއް ވަނީ ހުށަހަޅައިދީފަ އެވެ. ހުޅުވުމުގެ ރަސްމިއްޔާތު ނިއްމާލީ ހަރުބީގެ ބެރުގެ ހަރާތްތަކާ އެކުގަ އެވެ. އެއަށް ފަހު އޮލިމްޕަސްގެ އާ ސްކްރީންގައި ރޭ ވަނީ ތްރީޑީ ފިލްމެއް ކަމުގައިވާ "ހެންސަލް އެންޑް ގްރޭޓަލް" އަޅުވައިފަ އެވެ.