ހއ. ކެލާގެ އަމިއްލަ ޖަމްއިއްޔާއެއް ކަމަށްވާ އައިލެންޑް ޑިވެލޮޕްމަންޓް އެންޑް އެންވަރަމަންޓަލް އެވެއާނަސް ސޮސައިޓީ (އައިޑިއާސް) އިން އިންތިޒާމް ކޮށްގެން ބާއްވާ ފުޓްސަލް މުބާރާތް "ފޯލާ އައިޑިއާސް ފުޓްސަލް ކަޕް 2013" އިއްޔެ ހަވީރު ފަށައިފި އެވެ.

މާފަންނު ސްޓޭޑިއަމްގައި އިއްޔެ ހަވީރު ފެށި މުބާރާތް މިމަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން މުބާރާތުގައި މާލޭގެ އެކިއެކި އޮފީސް ތަކާއެކު ޖުމްލަ 16 ޓީމް ވަނީ ބައިވެރިވެފަ އެވެ.

މުބާރާތުގައި ބައިވެރިވެފައިވާ ޓީމް ތަކަކީ، މުބާރާތުގެ މެއިން ސްޕޮންސަރުން ކަމަށްވާ ރީފްސައިޑް، އެލައިޑް އިންސުއަރެންސް، އެމްއެމްއޭ، ސީޕްރިއާ، އޮޅުވެލި ބީޗް އެންޑް ސްޕާ ރިސޯޓް، އެލްއެލް ސްޕޯޓްސް (ދިއްދޫ)، ބާރަށް ދޮންބެ ނެޓްވޯކް (ބާރަށް)، ވިދާ (ވަށަފަރު)، ތަކަންދޫ ޒުވާނުންގެ ރޫހު، ފިއްލަދޫ ސްޕޯޓްސް ކުލަބް، ޓިޑްސް (ުރާކުނު)، ރޫޓް އެކްސް (ކެލާ)، ވަސްމީރު (ކެލާ) ޓޮރެންޓް (ކެލާ) ލަގަނާ (ކެލާ) އަދި ކޭލި (ކެލާ) އެވެ.

އައިޑީއާސް ޖަމްއިއްޔާގެ ރައީސް އިބްރާހިމް ސިޢާޢު ވިދާޅުވީ، މުބާރާތުގެ މެޗްތައް ކުޅުމަށް ހަމަޖެހިފައި ވަނީ ހަތަރު ގްރޫޕަކަށް ބަހާލައިގެން ކަމަށެވެ. އެގޮތުން ބައެއް މެޗްތައް ހަފްތާ ބަންދު ދުވަސް ދުވަހުގެ ހަވީރާއި ރޭގަނޑު ކުޅުމަށް ހަމަޖެހިފައި ވާއިރު، ރަސްމީ ދުވަސް ދުވަހު މެޗްތައް ކުޅުމަށް ހަމަޖެހިފައި ވަނީ ރޭނގަޑު ގަޑީގައި ކަމަށެވެ.

އައިޑިއާސް ޖަމްއިއްޔާއިން ބުނީ، މުބާރާތުގައި ސަޕޯޓް ކުރައްވަން ވަޑައި ގަންނަވާ ބޭފުޅުންނަށާއި ކުޅިބަލަން ވަޑައި ގަންނަވާ ބޭފުޅުންނަށް ވަރަށް ހާއްސަ ލަކީޑްރޯއެއް ހުޅުވާލުމަށް ވަނީ ހަމަޖެހިފައި ކަމަށެވެ. އެގޮތުން ގުރުއަތުން ހޮވޭ ފަރާތައް މުބާރާތުުގެ އެ ސްކުލޫސިވް ކޮން ސްޕޮންސާ ކޮށްފައިވާ ރީފްސައިޑްގެ ސޮނީ ބުރާވިއާ ލެޑް 32 އިންޗީގެ ޓީވީއެއް ދޭގޮތައް ވަނީ ހަމަޖެހިފައި ކަމަށެވެ. އަދި ކޮންމެ ބޭފުޅަކަށް ވެސް ކޮންމެ މެޗެއް ކުޅޭވަގުތު އެއް ކޫޕަން ފުރާނެ ކަމަށާއި އެގޮތުން ކޫޕަންތަކުގެ ގުރުއަތު ނެގުމަށް ހަމަޖެހިފައި ވަނީ ފައިނަލް މެޗް ކުލޭ ދުވަހު ކަމަށް ވެސް އައީޑިއާސްއިން ބުނެއެވެ.

މުބާރާތުގައި މިއަދު ވެސް ކޮންމެ ގްރޫޕަކުން އެއް މެޗް ކުޅުމަށް ވަނީ ހަމަޖެހިފަ އެވެ.