02 Mar 2013, 11:30
މިސީޒަނުގައި ބަޔާން މިއުނިކަށް އަދި އެއްވެސް ޓްރޮފީއެއް ކާމިޔާބު ނުވާ ކަމަށާއި ކުރިއަށް އޮތް މެޗުތަކުން ފަސޭހަކޮށްލެވެން ނެތް ކަމަށް އެކުލަބުގެ ނެދަލޭންޑްސް ތަރި އާޔެން ރޮބެން ބުނެފި އެވެ.
މިސީޒަނުގައި ބަޔާންގެ ފަރާތުން ފެންނަމުންދަނީ މޮޅު ކުޅުމެކެވެ. ޖަރުމަން ބުންޑަސްލީގާގެ އެއްވަނާގައި އޮތް ބަޔާން އެއް ޔޫއެފާ ޗެމްޕިއަންސް ލީގު އަދި ޖަރުމަން ކަޕުން ވެސް އަދި ކަޓާފައެއް ނުވެއެވެ. މިހުރިހާ ކަމަކީ ފުދޭ ކަންތައްތަކެއް ނޫންކަމަށް ރޮބެން ދެކެއެވެ.
"މިހާތަނަށް އަހަރެމެން ކުރެވުނު ކަންތައްތަކަކަކީ ފުދޭ ކަންތައްތަކެއް ނޫން. މުހިންމު ކަމަކީ މިގޮތަށް ކުރިއަށް ދިއުން. އަހަރެމެން ޖެހޭނީ ހަމަޖެހިގެން ދަނޑުގައި ފައިތިލަތައް ބެހެއްޓުން. ޑީއެފްބީ ޕޯކަލްގައި ޑޯޓްމުންޑް އަތުން މޮޅުވުމަކީ ވަރަށް ރަނގަޅު ކަމެއް. ނަމަވެސް އަހަރެމެންނަށް އަދި އެއްވެސް އެއްޗެއް ޓްރޮފީއެއް ކާމިޔާބެއް ނުވޭ." ރޮބެން ބުންޏެވެ.
މިސީޒަނުގައި މުޅި ޓީމްގެ ފަރާތުން ވެސް ފެނިގެންދަނީ ވަރަށް ރަނގަޅު ކުޅުމެއް ކަމުގައި ރޮބެން ބުނެފައި ވެއެވެ. "އަހަރެމެންގެ އަމާޒަކީ މިސީޒަނުގައި ހޯދެންހުރި ހުރިހާ ކާމިޔާބެއް ހޯދުން. މިހުރިހާ ކަމެއް ހޯދޭނީ ޓިމްގެ ހުރިހާ ކުޅުންތެރިންގެ ފަރާތުން އެންމެ ރަނގަޅު ކުޅުން ދެއްކުމުން. އަދި މިޓީމްގެ ހުރިހާ ކުޅުންތެރިންގެ ފަރާތުން ވަރަށް ރަނގަޅު ކުޅުމެއް ވަނީ ފެނިފައި." ރޮބެން ބުންޏެވެ.
ބުންޑަސްލީގާގެ އެއްވަނާގައި ބަޔާން އޮތީ ސަތާރަ ޕޮއިންޓްގެ ލީޑެއްގަ އެވެ. ބަޔާން އަށް 60 ޕޮއިންޓް ލިބުނު އިރު، ދެވަނާގައި އޮތް ބޮރޫސިއާ ޑޯޓްމުންޑަށް ލިބިފައިވަނީ 43 ޕޮއިންޓެވެ. މިސީޒަނުގެ ބުންޑަސްލީގާގައި ކުޅުނު 23 މެޗުން ބަޔާން ބަލިވެފައިވަނީ އެންމެ މެޗަކުންނެވެ.