ސަރަކާރުގެ ކޮންމެ ޚިދްމަތެއް ވެސް އަވަސް އަދި ލުއިފަސޭހަ ގޮތެއްގައި އީ-ގަވަރންމަންޓް މެދުވެރިކޮށް، ޢާންމުންނަށާއި ވިޔަފާރިތަކަށް ފޯރުވައިދިނުމަށް ސަރުކާރުގައިވާ އައިސީޓީ ވަސީލަތްތައް ސެންޓްރަލައިޒް ކުރުމަށް ވަޒީރުންގެ މަޖިލީހުން މިއަދު ނިންމަވައިފި އެވެ.  


މިކަން މިގޮތަށް ނިންމެވީ، މިކަމާ ބެހޭ ގޮތުން މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ކޮމިއުނިކޭޝަނުން ތައްޔާރު ކުރެއްވި ކަރުދާހެއްގެ މައްޗަށް މިއަދު ބޭއްވެވި އެމަޖިލީހުގެ ޖަލްސާގައި މެންބަރުން މަޝްވަރާ ކުރެއްވުމަށްފަހުގައި ކަމަށް ރައީސް އޮފީހުން ބުނެ އެވެ.


މިއަދުގެ ޖަލްސާގައި، މެންބަރުން ދެއްކެވި ކަމަށް، ރައީސް އޮފީހުން ބުނީ، ސަރުކާރުގެ އައިސީޓީ ވަސީލަތްތައް ސެންޓްރަލައިޒް ކުރެއްވުމަކީ، ޢާންމުންނަށާއި ވިޔަފާރިތައް ހިންގާ ފަރާތްތަކަށް ވަރަށް ބޮޑު ލުއިފަސޭހަތަކެއް ލިބިގެންދާނެ އަދި ޚަރަދު ވެސް ވަރަށް ބޮޑުތަނުން ކުޑަވެގެންދާނެ ކަމެއް ކަމަށް ވިދާޅުވި ކަމަށެވެ. އަދި މިއީ އެފަދަ ތަންތަނުގެ ހިންގުމަށް ވެސް ލިބޭ ވަރަށްބޮޑު ކުރިއެރުމެއްކަން ވެސް މެންބަރުން ފާހަގަކުރެއްވި އެވެ.


ރާއްޖޭގައި އިޢާދަކުރަނިވި ހަކަތަ ބޭނުންކުރުން އިތުރުކުރުމަށް އެޅިދާނެ ފިޔަވަޅުތަކާއި އަދި ތެލުގެ ޚަރަދު ކުޑަކުރުމަށް އެޅިދާނެ ފިޔަވަޅުތަކާ ބެހޭ ގޮތުން ވެސް ވަޒީރުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރުން މަޝްވަރާ ކުރެއްވި ކަމަށް ރައީސް އޮފީހުން ބުންޏެވެ. މިގޮތުން ކަރަންޓް ޚަރަދު ކުޑަކުރުމަށްޓަކައި ސަރުކާރުގެ ހުރިހާ އިދާރާތަކުން ގެންގުޅޭ މިންގަނޑުތަކެއް މޯލްޑިވްސް އެނަޖީ އޮތޯރިޓީން އެކުލަވާލައި ސަރުކާރުގެ އޮފީސްތަކަށް ވީހާވެސް އަވަހަކަށް އެންގުމަށް ނިންމެވި އެވެ. އަދި އެ މިންގަނޑުތަކުގެ ތެރޭގައި، އޮފީސްތަކުގައި ދިއްލުމަށް ބޭނުންކުރަންވީ ބާވަތްތަކާއި އެއަކޮންޑިޝަންތަކުގެ ފިނިމިން ބަހައްޓަންވީ މިންވަރާއި އަދި މިނޫންވެސް ކަރަންޓްގެ ޚަރަދު ކުޑަކުރުމަށް ކުރެވިދާނެ އިތުރު ކަންތައްތައް ހިމެނުއްވުމަށް ނިންމެވި އެވެ.