އިނގިރޭސިވިލާތުގެ އަންހެން ކުއްޖަކު 44 ދުވަސްވަންދެން މެދުކެނޑުމެއްނެތި ނިދައިފި އެވެ. ލަންޑަންގައި ނުކުންނަ "ޑެއިލީ މެއިލް" ނޫހާ ޙަވާލާދީ ޔުނައިޓެޑް ޕްރެސް އިންޓަނޭޝަނަލް ބުނި ގޮތުގައި އުމުރުން 16 އަހަރުގެ މިއަންހެން ކުއްޖާ 44 ދުވަސްވަންދެން މެދުކެނޑުމެއް ނެތި ނިދާފައި ވަނީ ވަރަށް ނާދިރު ބައްޔެއް ޖެހިގެންނެވެ.

މިބަލިޖެހުމުން އެކުއްޖާ އުޅުމަށާއި ސުލޫކަށް ވެސް ވަނީ އަޖައިބު ކުރަނިވި ބަދަލުތަކެއް އައިސްފަ އެވެ. މީގެތެރޭގައި މީހުންނަށް ޙަމަލާދިނުމާއި އޭނާގެ ބޮލުގައި އެކިބާވަތުގެ ކުލަތައް ޖެއްސުމާއި މޮޔަވެގެން އުޅޭގޮތަށް އުޅުން ހިމެނެ އެވެ. މިގޮތުން މިއަންހެންކުއްޖާގެ ބޮލުން ފާރުގައި އަމިއްލަ ތަޅައި ހަށިގަނޑަށް އަނިޔާ ދިނުމާއި އޭނާގެ އެއްބަނޑުއެއްބަފާ ފިރިހެން ކޮށްކޮ އަށް ތަކުރާރުކޮށް ޙަމަލާދީ އަނިޔާކުރުމުގެ ޢަމަލުތައް އޭނާ ހިންގަމުން ގެންދާކަމަށްވެ އެވެ.

އެކުއްޖާގެ ޙާލަތު ދިރާސާ ކުރަމުންގެންދާ ޑޮކްޓަރުން ބުނާގޮތުން އޭނާއަށް ވަނީ "ކެލެއިން ލެވިން" ނަމަކަށްކިޔާ ސިންޑްރޯމެއް ޖެހިފަ އެވެ. މިއީ އިންސާނުންނަށް ވަރަށް މަދުން ޖެހޭ ވަރަށް ނާދިރު ބައްޔެކެވެ. އިނގިރޭސިވިލާތުގައި މިބަލިޖެހިފައިވާކަން ރެކޯޑް ކުރެވިފައި ވަނީ އެންމެ 65 މީހުންނަށެވެ. މިއީ ފަސޭހަކުރަން ވަރަށް އުނދަނގޫ ބައްޔެއް ކަމަށް ޑޮކްޓަރުން ބުނެ އެވެ. މިބަލިޖެހޭ ކަމަށް ވަނީ ސިކުނޑިއަށެވެ.

ލުއިސް ވުޑްސް ނަމަކަށްކިޔާ މިއަންހެން ކުއްޖާގެ މަންމަ ބުނި ގޮތުގައި އޭނާ ރަނގަނޅުވާ ވަގުތުތައް ވެސް އާދެ އެވެ. ނަމަވެސް ރަނގަނޅަށް ހުރުމަށް ފަހު ކުއްލިއަކަށް އޭނާގެ ސުލޫކުބަދަލުވަނީ އެވެ. މިގޮތުން 44 ދުވަހު ނިދުމަށް ފަހު ކޮންމެވެސް ވަރަކަށް ރަނގަނޅުވެފައި އަނެއްކާ ކުރީގެ ޙާލަތަށް ގޮސްފައިވާ ކަމަށާ ނިދީގެ ވަގުތުގައި ލުއިސް އަމިއްލައަށް ތެދުވެ ޢާއިލާގެ މެންބަރުންނަށް ޙަމަލާދީފައިވާ ކަމަށް މަންމަ ބުނެ އެވެ. ލުއިސް އަށް މިބަލިޖެހިފައިވާ ކަމަށް ބެލެވެނީ އޭނާގެ އުމުރުން 14 އަހަރުގަ އެވެ. ބަލިޖެހުނުތާ ކުރީކޮޅަށްވުރެ މިހާރު ޙާލަތު ގޯސްކަމަށްވެ އެވެ.

މިބަލީގެ ސަބަބުން ލުއިސްގެ ހަނދާންތަކުގެ ބޮޑުބައެއް ވެސް ވަނީ ފިލައި ގޮސްފަ އެވެ. އޭނާގެ ސުލޫކު އެންމެ އަނިޔާވެރިވާއިރު ކުރެވޭކަންތައްތައް އެއްގޮތަކަށް ވެސް ހަނދާން ހުންނަ ކަމަކަށް ނުވެ އެވެ. ލުއިސް 44 ދުވަސްވަންދެން މެދުކެނޑުމެއްނެތި ނިދާފައިވާކަން އޭނާ އަށް އެނގުމުން ނިދަން މިހާރު ބިރުގަންނަ ކަމަށް އޭނާގެ މަންމަ ބުނެފައިވެ އެވެ. (ޔުނައިޓެޑް ޕްރެސް އިންޓަނޭޝަނަލް)