02 Mar 2013, 09:40
މަސްތުވާތަކެތި ގެންގުޅުނު މީހަކު 15 އަހަރަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.
މަސްތުވާތަކެތި ގެންގުޅުމުގެ ކުށުގައި 15 އަހަރަށް ޖަލަށް ލާން ހުކުމް ކޮށްފައި ވަނީ ގ. އާކާޝްވިލާ މުހައްމަދު އަސްލަމްގެ މައްޗަށެވެ.
ކްރިމިނަލް ކޯޓުން ބުރާސްފަތި ދުވަހު ކުރި ހުކުމްގައި ބުނަނީ 2010 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 14 ވަނަ ދުވަހުގެ މެންދުރުގެ ވަގުތެއްގައި ރަށްދެބައި ކެފޭތެރޭގައި އޭނާ އިންދާ ފުލުހުން ގޮސް އޭނާ ހައްޔަރު ކޮށް މާލޭ ކަސްޓޯޑިއަލަށް ގެންގޮސް ބަލައި ފާސްކުރި އިރު އޭނާގެ ޖީންސްގެ ޖީބުން މަސްތުވާތަކެތި ފެނިފައިވާ ކަން ހެކީންގެ ހެކިބަހުން ޝަރީއަތަށް ސާބިތުވާ ކަމަށެވެ.
އެ ހުކުމްގައި ބުނަނީ އޭނާގެ ޖީބުން ފެނުނު ދެ ސެލޯފިން ކޮޅެއްގައި ހުރި ތަކެތި ތަހުލީލު ކުރި އިރު އޭގައި ހުރީ 0.1158 ޓެޓްރާހައިޑްރޯ ކެނަބިނޯލް އާއި 0.0816 ގްރާމް ކެނަބިނޯލް ކަން ތަހުލީލު ރިޕޯޓުން އެނގޭ ކަމަށެވެ. އަދި އޭނާގެ އަތުން ފެނުނު ހަ ރަބަރު ޕެކެޓްގައި ހުރިތަކެތި ތަހުލީލު ކުރި އިރު އޭގައި 0.0052 ގްރާމް ހެރޮއިން އާއި 0.0369 ގްރާމް ޒެނެކްސް ހުރިކަން އެތަކެތީގެ ތަހުލީލު ރިޕޯޓުން އެނގޭ ކަމަށް ވެސް އެ ހުކުމްގައި ވެއެވެ.
އޭނާގެ މައްޗަށް ހުކުމް ކޮށްފައި ވަނީ މަސްތުވާތަކެއްޗާ ބެހޭ ކުރީގެ ގާނޫނުގެ ދަށުންނެވެ. ސަބަބަކީ ކުށްކުރި އިރު މިހާރު އަމަލު ކުރަމުންދާ މަސްތުވާތަކެއްޗާ ބެހޭ ގާނޫނު ފާސްކުރެވިފައި ނުވާތީ އެވެ.