އިންސާނީ ހައްގުތަކުގެ ވާހަކައަކީ މިހާރު މުޅި ދުނިޔޭގައި ވެސް އެންމެ އަޑުހަރުކޮށް ދެކެވޭ އެއް ވާހަކަ އަށްވާނެ އެވެ. އަދި އެއީ މުޅި ދުނިޔެ އިން ވެސް އެކަމަށް އެންމެ ސަމާލުކަންދޭ ކަންތައް ކަމަށްވެ އެވެ.

ފަހަކަށް އައިސް އިންސާނީ ހައްގުތައް ނަގާލާ ކަމުގެ ތުހުމަތުތަކާއި އެފަދަ ކަންތައްތަކާ ހުރެ ދަތިކުރުމުގެ ފިޔަވަޅާ އެންމެ ފަސޭހައިން ކުރިމަތިލާން ޖެހެނީ އިސްލާމީ ގައުމުތަކަށް ކަން ފާހަގަ ކުރެވެ އެވެ.

އިސްލާމީ ޝަރީއަތުގައިވާ ގޮތުގެ މަތިން ގާތިލުންނަށާއި އެނޫން ވެސް މަރުގެ އަދަބު ހައްގުވާ މީހުންނަށް ބައެއް އިސްލާމީ ގައުމުތަކުގައި މަރުގެ އަދަބު ތަންފީޒުކުރަމުން ދާތީ އދ.ގެ އިތުރުން ޔޫރަޕްގެ ގައުމުތަކާއި އެމެރިކާ އިން ވެސް އެކަން ކުށްވެރިކުރެ އެވެ. ހައްދު ޖެހުމަކީ ވެސް ހަމަ އެގޮތަށް އެމީހުން ދެކޮޅު ހަދާ ކަމެކެވެ. މިހާރު ރާއްޖޭގައި ފެންމަތިވެގެން މިއުޅެނީ ވެސް ހަމަ އެފަދަ ކަމެކެވެ.

ކުޑަކުއްޖެއްގެ ގޮތުގައި ހުއްޓައި ދޮން ބައްޕަގެ ޖިންސީ ޝިކާރައަކަށްވީ ކުއްޖަކު، މަޖުބޫރު ކަމެއް ނެތި އެހެން ބަޔަކާ ޒިނޭ ކުރިކަމަށް ތަހުގީގުގައި އޭނާ އަމިއްލަ އަށް އިއުތިރާފް ވުމުން އޭނާގެ ގައިގައި 100 އެތި ފަހަރުން ހައްދުޖެހުމަށް ހުކުމް ކުރީ އެވެ. އެހާ ހިސާބުން އެ މައްސަލަ ބައިނަލްއަގުވާމީ އިންސާނީ ހައްގުތަކުގެ މައްސަލައަކަށް ވެގެން ދިޔައީ އެވެ.

މިހާ ހިސާބުން އުފެދޭ ސުވާލުތައް ގިނަ އެވެ. ފުރަތަމަ ސުވާލަކީ މީހަކަށް ނުވަތަ ކުއްޖަކަށް ވިޔަސް އަނިޔާއެއް ލިބުން އެއީ އޭނާ ކުށްކުރުމަށް ލިބޭ ލައިސަންސެއްތޯ ނުވަތަ ނޫންތޯ އެވެ. މިސުވާލުތައް ސުވާލުގެ ގޮތުގައި ބަހައްޓާފައި މިކަމުގައި އަޑުގަދަވެގެން އުޅޭ ގައުމުތަކުގެ އިންސާނީ ހައްގުތަކުގެ ތާރީހަށް ބަލާލުން ވެސް މިދަނޑިވަޅުގައި މުހިއްމެވެ.

މަޝްހޫރު ވިކިލީކްސް އިން އާއްމުކުރި އެމެރިކާ ސަރުކާރުގެ ސިއްރުން ލިއުންތަކުން ހާމަވެފައިވާ ގޮތުގައި ކިއުބާގެ ގުއާންޓެނާމޯ ބޭގައި އެގައުމުން ހިންގަމުން އަންނަ "އަނިޔާވެރި" ޖަލުގައި އުމުރުން 18 އަހަރުން ދަށުގައި 22 އަށް ވުރެ ގިނަ ކުދިން ހައްޔަރުކޮށްފައި ތިއްބެވެ.

އިނގިރޭސިވިލާތުގެ ގާނޫނީ ވަކީލުންތަކަކާ ހަވާލާދީ އެ ގައުމުގެ ދަ އިންޑިޕެންޑެންޓް ނޫހުން 2008 ވަނަ އަހަރު ބުނި ގޮތުގައި ގުއާންޓެނާމޯބޭ ޖަލުގައި އެމެރިކާ އިން 60 ކުޑަކުދިން ހައްޔަރުކުރި އެވެ. އަދި އޭގެ ތެރޭގައި އުމުރުން އެންމެ 13 އަހަރުގެ ކުދިން ވެސް ހިމެނެއެވެ.

"އޭގެ ތެރޭގައި މިހާރު ވެސް އެޖަލުގައި ހައްޔަރުކޮށްފައި ތިބި 10 ކުދިންން ހިމެނެ އެވެ. ހައްޔަރުކުރި އިރު އުމުރުން 14 އަހަރާއި 15 އަހަރާ ދެމެދުގެ އެކުދިންނާ ތަކުރާރުކޮށް ސުވާލުކޮށް، ތަކުރާރުކޮށް ލާއިންސާނީ އަނިޔާތައް ދީފައިވެ އެވެ،" ދަ އިންޑިޕެންޑެންޓްގައި އޭރު ލިޔެފައިވެ އެވެ.

ނަމަވެސް 100 އެތިފަހަރުން ރާއްޖޭގެ 15 އަހަރުގެ އަންހެން ކުއްޖާ އަށް ހުކުމް ކުރުމުން އެމެރިކާ އިން ބުނެފައި ވަނީ ރޭޕްގެ ޝިކާރައަކަށްވީ ކުއްޖާ އަށް ދޭންޖެހޭނީ ފަރުވާ ކަމަށެވެ.

އެމެރިކާގެ އެނަޒަރިއްޔާ އިން ބަލާ ނަމަ އަނިޔާއެއް ލިބުމަކީ ކުށް ކުރުމަށް ލިބޭ ލައިސަންސެއް ކަމަށް ބެލިދާނެ އެވެ. އެހެން ކަމަށްވާ ނަމަ އެމެެރިކާ އިން އަފްޣާނިސްތާނަށް އަރައި، އެތަނުގައި ގަތުލު އާއްމުތައް ހިންގައި، އެތައް އާއިލާތަކެއް މަރާލުމުން އެކަމާ ދެކޮޅަށް ތެދުވާ އެ ކުޑަކުދިން ލާން ޖެހޭނީ ގުއާންޓެނާމޯ ފަދަ އަނިޔާވެރި ޖަލަކަށް ބާއެވެ. ނުވަތަ އެކުދިންނަށް ދޭން ޖެހޭނީ ނަފުސާނީ ފަރުވާ ބާއެވެ.

އިންސާނީ ހައްގުތައް ހިމާޔަތް ކުރުމަށް ބައިނަލްއަގުވާމީ މުޖުތަމައުން ބާރުއަޅަމުން މިދަނީ ވަކި ބަޔަކަށް ކަމަށް ފެނެ އެވެ.