01 Mar 2013, 22:53
އައްޑޫސިޓީ ހިތަދޫގައި ބަހަކާއި ސައިކަލެއްޖެހި ހިނގި އެކްސިޑެންޓެއްގައި މީހަކަށް ސީރިއަސް ޒަޚަމްތަކެއް ލިބިއްޖެ އެވެ. އެ އެކްސިޑެންޓުގައި ސީރިއަސް އަނިޔާތަކެއް ލިބިފައި ވަނީ ސ. ފޭދޫ ޒުމަރަދުގެ، މުހައްމަދު ޝިފާޒު 27، އެވެ.
އޭނާ އަށް ފަރުވާދެމުން އަންނަ ހިތަދޫ ރީޖަނަލް ހޮސްޕިޓަލުން ބުނީ އެކްސިޑެންޓްގައި އަނިޔާވި މީހާގެ ހާލު ސީރިއަސް ކަމަށާއި އޭނާ އަށް އައިސީޔޫގައި ފަރުވާ ދެމުން އަންނަ ކަމަށެވެ.
ސަން އަށް އެނގިފައިވާ ގޮތުގައި އަނިޔާވި ޒުވާނާގެ ހާލު ސީރިއަސް ކަމުން އޭނާ މާލެ ގެނައުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ މިރޭ 10:20 އެހާކަންހާއިރު ހިތަދޫ ކުނި ކޮށި ސަރަހައްދުގައި ހިނގި އެކްސިޑެންޓްގައި ސައިކަލު ދުއްވަން އިން މީހާގެ ބޮލުގެ ފުއްކިބައަށް އަނިޔާތަކެއް ލިބި ގައިގެ އެކި ތަންތަން މަށައިގެން ގޮސްފައިވާ ކަމަށެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލު އަދި ވިދާޅުވީ އެ އެކްސިޑެންޓް ހިނގީ ގަމުން ހިތަދޫއަށް ބަހާއި ސައިކަލު ދުއްވާފައި ދަނިކޮށް އެ ސަރަހައްދުގައި ފުލުހުން ވީސީޕީ (ވެހިކަލް ޗެކް ޕޮއިންޓް) ޖަހާފައިވަނިކޮށް ފެނިގެން ސައިކަލު ގަމަށް ދާން އަނބުރާލާފައި ގަމާވީ ކޮޅަށް ދުއްވާލި ވަގުތު ބަހުގެ ޖެހިގެން ކަމަށެވެ. އެ އެކްސިޑެންޓްގައި ޒަޚަމްވި މީހާ ހޮސްޕިޓަލަށް ގެންގޮސްފައި ވަނީ އެސަރަހައްދުގައި އެވަގުތު ހަރަކާތްތެރިވި ފުލުހުންނެވެ.