އެމެރިކާގެ ތާރީހުގައި އެންމެ ގިނަ ދައުލަތުގެ ސިއްރުތައް ލީކުކޮށްލުމުގައި ވިކިލީކްސް އަށް އެހީތެރިވި އެމެރިކާގެ ސިފައިންގެ މީހާ ބުރެޑްލީ މެނިންގް އާ ދެކޮޅަށް ކޮށްފައިވާ 22 ދައުވާގެ ތެރެއިން 10 ދައުވާއަކަށް އޭނާ އިއުތިރާފް ވެއްޖެ އެވެ.

އެމެރިކާގެ އަސްކަރީ ކޯޓެއްގައި ކުރެވެމުންދާ ދައުވާގައި ޕްރައިވެޓް ފަސްޓް ކުލާސް ބުރެޑްލީ މެނިންގް އިއުތިރާފް ވެފައި ވަނީ ސިއްރު މައުލޫމާތުތަކެއް އުސޫލުތަކާ ހިލާފަށް އާއްމުކުރުމާއި ސިއްރު މައުލޫމާތުތަކެއް އިންޓަނެޓްގެ ޒަރިއްޔާއިން އާއްމުކުރުމަށް ބޭނުންކުރި ކަމަށް ބުނެ އޭނާގެ މައްޗަށް ކޮށްފައިވާ ތަފާތު 10 ދައުވާއަކަށް ކަމަށް އެމެރިކާގެ ނިއު ޔޯކް ޓައިމްސްއިން ބުނެ އެވެ.

މިއަންނަ ޖޫން މަހުގެ ތިން ވަނަ ދުވަހު މެނިންގާ ދެކޮޅަށް ކުރެވޭ ދައުވާތަކުގެ އަޑުއެހުންތައް ފެށުމަށް ހަމަޖެހިފައިވާ އިރު، ޝަރީއަތުގެ އަޑުއެހުންތައް ފެށުމުގެ ކުރިން ބޭއްވުނު އަޑުއެހުމެއްގައި މެނިންގް 10 ދައުވާއަކަށް އިއުތިރާފްވެފައި ވުމުން، ދެން ކޯޓުގައި އޭނާ ވަކާލާތު ކުރަން ޖެހޭނީ ބާކީ 12 ދައުވާއާ ދެކޮޅަށެވެ.

ރޮއިޓާސް އިން އެމެރިކާގެ އަސްކަރީ ކޯޓާ ހަވާލާދީ ބުނީ 10 ދައުވާއަށް އިއުތިރާފްވުމުން އެކަނިވެސް މެނިންގެ މައްޗަށް 20 އަހަރުގެ ހުކުމެއް އަންނާނެ ކަމަށެވެ.

މެނިންގް އިންކާރުކޮށްފައިވާ 12 ދައުވާގެ ތެރޭގައި މައިގަނޑު ގޮތެއްގައި ހިމެނެނީ އެމެރިކާގެ ދުޝްމަނުންނަށް އެހީވުމާއި ޖާސޫސުކޮށް ދިނުމާއި އެމެރިކާއަށް ގައްދާރުވުމުގެ ދައުވާތަކެކެވެ.