01 Mar 2013, 21:04
ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިން ރާއްޖޭގެ ބާޒާރަށް ޖަޕާނުގެ މަޝްހޫރު އުފެއްދުމެއްކަމަށްވާ ހިޓާޗީ މަރުކާގެ ރީވުމަށް ބޭނުންވާ އާލާތްތަކެއް ތައާރަފް ކޮށްފި އެވެ.
ޓްރޭޑާސް ހޮޓެލްގައި އޮތް ހާއްސަ ހަފްލާއެއްގައި ހިޓާޗީ މަރުކާގެ ހަތަރު ވައްތަރެއްގެ ރީތިވާ ސާމާނު ތައާރަފްކޮށްދެއްވީ ހިޓާޗީ އިން އޭޝިޔާ ސަރަހައްދަށް ކަނޑައަޅުއްވާފައި ހުންނަވާ ޑައިރެކްޓަރު ޗެން ޓެކް އާއި އެސްޓީއޯގެ މެނެޖިން ޑައިރެކްޓަރު ޝާހިދު އަލީ އެވެ. އަދި އެ ހަފްލާގައި އެސްޓީއޯގެ ޖެނެރަލް މެނޭޖާ ސޭލްސް އެންޑް މާކެޓިން އާދަމް އާޒިމް އާއި ހިޓާޗީގެ މާކެޓިން ޖެނެރަލް މެނޭޖަރު ތަރޫން ޖޭން ބައިވެރިވެ ވަޑައިގަތެވެ.
މީގެ ކުރިން ރައްޔިތުންގެ ވިޔަފާރި ކުންފުނިން ހިޓާޗީ މަރުކާގެ އިލެކްޓްރިކް އަދި އިލެކްޓްރޯނިކް އަދި އިމާރާތްކުރުމާއި ފަރުނީޗަރުގެ ގޮތުގައި ބޭނުންކުރާ ސާމާނު ރާއްޖޭގެ ބާޒާރަށް ނެރެމުން ގެންދިޔަ ކަމުގައިވީ ނަމަވެސް މިފަހަރު މިވަނީ ރަހަ ތަފާތުކޮށްލައިފަ އެވެ. އެގޮތުން މިފަހަރު އެސްޓީއޯ އިން ރާއްޖޭގެ ބާޒާރަށް ނެރެފައި ވަނީ މޫނުގެ ރީތިކަން ދެމެހެއްޓެނިވި ގޮތެއްގައި ހިފެހެއްޓުމަށް ބޭނުންވާ ހަތަރު ބާވަތެކެވެ.
އެސްޓީއޯ އިން އަލަށް ތައާރަފްކުރި މޫނުގެ ރީތިކަމަށް ހާއްސަ ކުރެވިފައިވާ ހަތަރު ބާވަތަކީ އިލެކްޓްރިކް އައިލަޝް ކާލާ، އިލެކްޓްރިކް ފޭސް ޓްރިމާ، އަދި މޫނުގެ ސާފުކޮށް ރީތިކޮށް ބެހެއްޓުމަށް ބޭނުން ކުރާ ކްރީމްގެ ބާވަތެއް ކަމަށްވާ ސްކިން ކްރީގެ ދެ މޮޑެލް އެއް ކަމަށްވާ ހަޑާކްރީ ކޫލް އާއި ފޭސް ކްރީ އެވެ.
ދިވެހިންނަކީ ޒަމާނުއްސުރެން ވެސް ރީތިކަމަށް ވަރަށްބޮޑަށް ލޯބިކުރަމުން އަންނަ ބައެއްކަމަށް ވިދާޅުވެ ވާހަކަފުޅު ދައްކަވަމުން އަލަށް ތައާރަފްކުރި ޕްރޮޑަކްޓާ ބޭހޭ ގޮތުން އެސްޓީއޯގެ ޖެނެރަލް މެނޭޖާ ސޭލްސް އެންޑް މާކެޓިން އާދަމް އާޒިމް ވިދާޅުވީ އެކުންފުނިން އެކިއެކި މުދާތައް ބާޒާރަށް ނެރެނީ އަބަދުވެސް ރައްޔިތުންގެ ބޭނުންތަކަށް ވަރަށް ބޮޑަށް ބަލައިގެން ކަމަށެވެ.
ޖަޕާނުގައި އެ ޕްރޮޑަކްޓަށް މީހުންގެ ޝައުގުވެރިކަން ހުރި މިންވަރު ހާމަކޮށް ދެއްވަމުން އާޒިމް ވިދާޅުވީ "މި ޕްރޮޑަކްޓް ގަންނަން ފިހާރަތަކަށްދާ މީހުންނަށް، ކޮންމެ މީހަކަށް އޭގެ އެންމެ އެއްޗެއް ދޫކުރާ މި ޕްރޮޑަކްޓަކީ އޭގެ ޕްރޮޑަކްޝަންއަށްވެސް ކެތްނުވާވަރަށް ޑިމާންޑް އޮތް ޕްރޮޑަކްޓެއް" ކަމަށެވެ.
އަލަށްތައާރަފް ކުރި އުފެއްދުންތަކާ ބެހޭ ގޮތުން މައުލޫމާތު ދެއްވަމުން އެސްޓީއޯގެ މާކެޓިން މެނޭޖަރު އާމިނަތު ޝިއުނާ އަހްމަދު ސައީ ވިދާޅުވީ ވަރަށް އަވަދިނެތި އަޅުގަނޑުމެން އެންމެން ވެސް އުޅެމުންދާ އިރު މޫނު ރީތިކޮށް ސާފުތާހިރުކޮށް ބެހެއްޓުމަށް މި "ޓޫލްސް"ތަކަކީ ވަރަށް ހާއްސަ އަދި އެހާމެ ބޭނުންތެރި އެއްޗެހި ތަކެއް ކަމަށެވެ.
އެސްޓީއޯ އިން އަލަށް ތައާރަފް ކުރި ހިޓާޗީ މަރުކާގެ ރީތިވުމަށް ބޭނުންވާ ސާމާނުތައް އެސްޓީއޯ ހޯމްއިމްޕްރޫވްމަންޓުގައި މާދަމައިން ފެށިގެން ވިއްކަން ފާށާނީ އެއް މަސް ދުވަހުގެ ޕްރޮމޯޝަނަކާ ވެސް އެކުގަ އެވެ. އެގޮތުން އެ މުއްދަތުގެ ތެރޭގައި އެތަކެތި ގަންނަ ފަރާތްތަށް އެގަންނަ ބާވަތެއްގެ 10 އިންސައްތަ އަގުހެޔޮކޮށް ލިބޭނެ އެވެ. އަލަށް ތައާރަފް ކުރި ބާވަތްތަކުގެ އަގު އުޅެނީ 400 ރުފިޔާއިން ފެށިގެން 5000 ރުފިޔާއާ ދެމެދުގައި ކަމަށް އެސްޓީއޯ އިން މައުލޫމާތު ދީފައިވެ އެވެ.
އަދި އެތަކެތީގެ "ވޮރަންޓީ ޕީރިއެޑް"ގެ އެގަންނަ އާލާތަކަށް މައްސަލައެއް ދިމާވެއްހެ ނަމަ ހިލޭ މަރާމަތު ކޮށްދިނުން ނުވަތަ އޭގެ އާ އެއްޗަކަށް ބަދަލު ކޮށްދެވޭނޭ ކަމަށް އެސްޓީއޯ އިން މައުލޫމާތު ދެއްވި އެވެ.
ހިޓާޗީގެ ފަރާތުން މައުލޫމާތު ދެއްވަމުން އެކުންފުނީގެ ފަރާތުން މިސަރަހައްދަށް ކަނޑައަޅާފައި ހުންނަ މާކެޓިން ޖެނެރަލް މެނޭޖަރު ތަރޫން ޖޭން ވިދާޅުވީ އެކުންފުނީގެ މި ހަތަރު "ބިއުޓީ ޕްރޮޑަކްޓްސް" އެންމެ ފުރަތަމަ ތައާރަފް ކުރެވުނީ ޖަޕާނުގައި ކަމަށެވެ. އަދި އޭގެފަހުން ހޮންކޮންގާއި ސިންގަޕޫރުގައި ކަމަށެވެ. ދެން މި ތައާރަފް ކުރެވުނީ ދިވެހިރާއްޖޭގައި ކަމަށެވެ.