12 Oct 2010, 13:24
މި މަހުގެ ފަސް ވަނަ ދުވަހު ގދ. ތިނަދޫގައި ދަންޖެހެން އުޅެނިކޮށް ސަލަމާތްކޮށް, ފަރުވާ ދިނުމަށް މާލެ ގެނައި އަންހެން ކުއްޖާ މަރުވެއްޖެ އެވެ.
އުމުރުން 17 އަހަރުގެ އަންހެން ކުއްޖާގެ އާއިލާގެ ގާތް މީހަކު މިއަދު ބުނީ އަންހެން ކުއްޖާ މަރުވީ ރޭ ފަތިހު 5:00 ޖަހާއެހާކަންއިރު އައޖީއެމްއެޗްގެ އައިސީޔޫގައި ކަމަށެވެ.
"ފަތިހު ނިޔާވީ އޭރު ފަހެއް ޖެހީ. އޭނާ މިއަދު ހެނދުނު ކޮޅު ވަޅުލާފައި ވަނީ،" އޭނާ ބުންޏެވެ.
މަރުވި އަންހެން ކުއްޖާ ދަންޖެހެން މަސައްކަތް ކުރަނިކޮށް ފެނިގެން އޭނާ ސަލާމަތް ކުރީ އޭނާގެ މަންމަ އެވެ.
އާއިލާގެ ފަރާތުން އޭނާ މާލެ ގެނެސް ފަރުވާދެމުން ދިޔައީ އެ ހާދިސާއަށް ފަހު އޭނާގެ ހާލު ދެރަވެގެނެވެ. މަރުވި އަންހެންކުއްޖާއަކީ މިދިޔަ އަހަރު ސްކޫލް ނިންމާފައިވާ ކުއްޖެކެވެ. އޭނާ ދަންޖެހެން މަސައްކަތްކޮށްފައި ވަނީ ލޯބީގެ މައްސަލައެއްގައި ކަމަށް ވެއެވެ.