01 Mar 2013, 20:55
ކުޑަކުދިންގެ ހައްގުތަކަށް މަސައްކަތްކުރާ ޖަމިއްޔާއެއް ކަމަށްވާ އެޑްވޮކޭޓިންގް ފޯ ދަ ރައިޓްސް އޮފް ޗިލްރެން (އާކު) އިން އެކި ވައްތަރުގެ މޭވާ އާއި ތަރުކާރީ ކެއުމަށް ބާރުއަޅައިދޭ ކުޑަކުދިންގެ ވާހަކަ ފޮތެއް ނެރެފި އެވެ.
އާކު އިން ފަށާފައިވާ ހީލް ކެމްޕެއިންގެ ދަށުން އިސްކަންދަރު ސްކޫލުގައި މިހާރު ކުރިއަށްދާ ހީލް ފެސްޓިވަލްގައި މިއަދު އެ ފޮތް ނެރެ ދިނީ މަޝްހޫރު ލަވަކިޔުންތެރިޔާ މަރިޔަމް އުނޫޝާ އެވެ.
"ދަ ކަލާފުލް ކޮމްޕޭނިއަންޝިޕް އޮފް ކެސީ ކެބެޖް"ގެ ނަމުގައި އިނގިރޭސި ބަހުން ނެރެފައިވާ ފޮތުގައި ކެރެކްޓަރުންގެ ގޮތުގައި ހިމަނާފައި ވަނީ މޭވާތަކެކެވެ. މައިގަނޑު ކެރެކްޓާގެ ގޮތުގައި ކެސީ ކެބެޖް ހިމެނިފައިވާ އިރު، މީގެ އިތުރުން ކެރެޓަކާއި އާފަލައަކާއި ކަރައަކާއި އަނބެއްގެ އިތުރުން ކިއުކަމްބާގެ މައްޗަށް އެކުލެވޭ މޭވާއާއި ތަރުކާރީގެ ބާވަތްތައް ފޮތުގެ ކެރެކްޓަރުންގެ ގޮތުގައި ފެނިގެންދެ އެވެ.
އާކުގެ ފަރާތުން ލިޔެފައިވާ މިފޮތް ވިއްކަމުންދާނީ 30 ރުފިޔާއަށް ކަމަށާއި ފޮތް ވިއްކައިގެން ލިބޭ ފައިސާ އިން ހީލް ކެމްޕެއިންގެ ކަންކަން ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކަމަށް އާކުއިން ބުނެ އެވެ.
މިފޮތަކީ ހީލް ކެމްޕެއިނަށް އާކުން ކަނޑައަޅާފައިވާ ފަސް ޝިއާރުގެ ތެރެއިން ފުރަތަމަ ޝިއާރު ކަމަށްވާ "އެކި ކުލަ ކުލައިގެ އެކި ވައްތަރުގެ މޭވާއާއި ތަރުކާރީ ކެއުން" މިިޝިއާރަށް ތައްޔާރުކޮށްފައިވާ ފޮތެއް ކަމަށް އާކުގެ ޑިރެކްޓަރ ޒެނީޝާ ޒަކީ ވިދާޅުވި އެވެ.
ސަން އަށް މައުލޫމާތު ދެއްވަމުން ޒެނީޝާ ވިދާޅުވީ ހީލް ކެމްޕެއިނަށް އާކުން ކަނޑައަޅާފައިވާ ފަސް ޝިއާރުގެ ތެރޭގައި ހިމެނެނީ އެކި ކުލަތަކުގެ މޭވާ ކެއުމާއި، ކުޑަކުދިންނަށް ދޭ ބުއިންތަކަކީ ސިއްހަތަށް ރަނގަޅު ބުއިންތަކަކަށް ހެދުމާއި ތައްޔާރީ ކާނާ މަދުން ބޭނުން ކުރުމާއި ލުއި ކާނާގެ ގޮތުގައި ވެސް ފައިދާ ހުރި ކާނާ ބޭނުން ކުރުމާއި ކޮންމެ ދުވަހަކު ވެސް އެއް ގަޑިއިރު ހަރަކާތްތެރިވެ އުޅުން ކަމަށެވެ.
ހީލް ފެސްޓިވަލްގެ ތެރެއިން މިއަދު ކުޑަކުދިންނަށް ފައިދާ ހުރި ކާނާއާއި ކަސްރަތު ކުރުމުގެ މުހިއްމުކަން އަންގައި ދިނުމަށް އެކި އެކި ހަރަކާތްތައް ކުރިއަށް ގެންގޮސްފައިވެ އެވެ. މީގެ އިތުރުން މިއަދުގެ ފެސްޓިވަލްގައި ކުޑަކުދިންނަށް ފައިދާ ހުރި ކާނާ ދިނުމާ ބެހޭ ގޮތުން ނިއުޓްރިޝަނިސްޓަކާ ސުވާލުކުރުމުގެ ފުރުސަތު ވެސް އާކުން ބެލެނިވެރިންނަށް ހުޅުވާލާފައިވެ އެވެ.
ހީލް ފެސްޓިވަލް މާދަމާ ވެސް ކުރިއަށްދާނެ ކަމަށް އާކުން ބުނެ އެވެ.