ބ. ފެހެންދޫގައި 32 އިންޗީގެ ޓީވީއެއްް ބޮލަށް ވެއްޓި އެއްް އަހަރާ އެގާރަ މަހުގެ ކުއްޖަކު މަރުވެއްޖެ އެވެ.

މިއަދު ހެނދުނު 9:25 އެހާކަންހާއިރު ހިނގި އެ ހާދިސާގައި މަރުވެފައި ވަނީ އެ ރަށު ބްލޫހައުސް އުމުރުން އެއް އަހަރާ އެގާރަ މަހުގެ އަމާނީ އަބްދުﷲ އެވެ.

ފެހެންދޫ ކައުންސިލްގެ ރައީސް އިބްރާހިމް ޝާހީން މިރޭ "ސަން" އަށް ވިދާޅުވީ އެ ހާދިސާ ހިނގީ އެ ކުއްޖާގެ ދައްތަ އުމުރުން ތިން އަހަރުގެ އަމަން އަބްދުﷲއާ ދެކުދިން ގޭތެރޭގައި ކުޅެން ބޭތިއްބުމަށް ފަހު އެ ކުދިންގެ މަންމަ ގޮސް ބަދިގެއަށް ވަދެ ސައި ހަދަން ހުއްޓައި ކަމަށެވެ.

"އަޅުގަނޑުމެން ގޮސް އެ ކުދިންގެ މަންމަ އާ ވާހަކަ ދެއްކީމާ ބުނީ ދައްތަ އާ ދެކުދިން ކުޅެން ބައިތިއްބާފައި ގޮސް ބަދިގޭގައި ހުއްޓާ އަޑު ފައްގަޑެއް އިވިގެން ދުވެފައި އައި އިރު އެ ކުއްޖާ އޮތީ ޓީވީ ދަށުގަ އޭ. ދެން ހާސް ވެފައި ހުރީމާ އިތުރު ވާހަކަތަކެއް ނުދެއްކުނު،" ޝާހީން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެ ކުއްޖާ އެންމެ ފުރަތަ އެ ރަށު ހެލްތު ޕޯސްޓަށް ގެންދިޔަ އިރު ވިންދު ހުރި ކަމަށެވެ. ނަމަވެސް އެ ރަށުން އިތުރު ފަރުވާ ދެވެން ނެތިގެން އެ ރަށް ކައިރީގައި އޮންނަ ގޮއިދޫ ސިއްހީ މަރުކަޒަށް ގެންގޮސް ފަރުވާ ދެމުން ދަނިކޮށް އިތުރަށް ރަނގަޅު ނުވެ އޮވެ ނިޔާވީ ކަމަށެވެ.

ފުލުހުން ވެސް ވަނީ އެކަން ކަށަވަރު ކޮށްދީފަ އެވެ. އަދި ފުލުހުން ބުނީ މިހާރު އެ ހާދިސާ ހިނގި ގޮތް އިތުރަށް ތަހްގީގު ކުރަމުން އަންނަ ކަމަށެވެ.