މަސްތުވާތަކެތި ރާއްޖެ އެތެރެކުރުމުގައި ބައިވެރިވި މީހަކު އުމުރަށް ޖަލަށް ލާން ހައިކޯޓުން ހުކުމް ކޮށްފި އެވެ.

ހައިކޯޓުން އެ ހުކުމް ކޮށްފައި ވަނީ މާލޭ ދަފްތަރު 4962 މުހައްމަދު ރަޝީދު އަލީގެ މައްޗަށެވެ. އޭނާގެ މައްޗަށް ކުށް ސާބިތުވާކަމަށް ހައިކޯޓުން ކަނޑައެޅީ މަސްތުވާތަކެތީގެ މައްސަލަ އޭނާގެ މައްޗަށް ސާބިތު ނުވާކަމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމް ދައުލަތުން އިސްތިއުނާފު ކުރި މައްސަލަ ބެލުމަށް ފަހު އެވެ.

މަސްތުވާތަކެތި ރާއްޖެ އެތެރެކުރުމުގައި ބައިވެރިވުމާއި ވިޔަފާރީގެ ބޭނުމަށް އަތުގައި ބެހެއްޓުމުގެ ކުށް އޭނާގެ މައްޗަށް ސާބިތުވާކަމަށް ކަނޑައަޅައި ހައިކޯޓުން އިއްޔެ ހުކުމް ކޮށްފައި ވަނީ 2009 ވަނަ އަހަރުގެ މާޗް މަހުގެ ހަތަރު ވަނަ ދުވަހު އިންޑިއާގެ ޓްރިވެންޑްރަމުން މާލެއައި ބިދޭސީއަކު ގެނައި މަސްތުވާތަކެތި އަޅާފައި ހުރި ފޮށިގަނޑެއް އޭނާ ދުއްވާ ޓެކްސީގެ ޑިކީތެރެއަށް ލައިގެން ދުއްވާފައި ގޮސް އެ ފޮށިގަނޑު ނަގައިގެން މަގުމަތިން ހިނގާފައި ދަނިކޮށް ފުލުހުންނަށް ފެނުމާ ގުޅިގެންނެވެ.

އޭނާގެ މައްޗަށް ކުށް ސާބިތުނުވާކަމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރީ މަސްތުވާތަކެތި އަޅާފައިވާ އެ ފޮށިގަނޑު އޭނާ ގެންގުޅެފައި ވަނީ އެފޮށިގަނޑުގައި މަސްތުވާތަކެތި ހުރެގެންކަން އެނގޭނެ އެކަށީގެންވާ ހެކި ގަރީނާ ލިބިފައި ނުވާކަމަށް ބުނެ އެވެ. ނަމަވެސް ހައިކޯޓުގެ ހުކުމްގައި ބުނަނީ އެ ފޮށިގަނޑުގައި އޮތް ރައިސްކުކަރެއްގެ ފޫދަށުން 1081.2400 ގްރާމް ކެނަބިސް ފެނިފައިވާކަން އެތަކެތީގެ ތަހުލީލު ރިޕޯޓުން އެނގެން އޮތް އިރު މުހައްމަދު ރަޝީދު އަލީ އެކަމަށް އިންކާރުކޮށްފައި ނުވާކަމަށެވެ.

އެ ހުކުމްގައި ބުނަނީ އެ ފޮށިގަނޑު އޭނާ ދުއްވާ ޓެކްސީގެ ޑިކީ ތެރެއަށް ލާފައި ވަނީ ޖެޓީމަތީގައި ފޮށިގަނޑު ހުއްޓާ އެތަނުގައި އިރުކޮޅަކު މަޑުކުރުމަށްފަހު އޭގޭމަތި ހުޅުވައި ބެލުމަށް ފަހު ކަން ހެކީންގެ ހެކިބަހުން އެނގޭ ކަމަށެވެ. އަދި އޭގެ ފަހުން ގަލޮޅު ސަހަރާ ކައިރީ ހުންނަ އޭނާގެ ގެ ކައިރީ ޓެކްސީ މަޑުކުރުމަށްފަހު އެ ފޮށިގަނޑު ހިފައިގެން ހިނގައިގަތީ ފުލުހުސް އޮފީހާ ހަވާލު ކުރުމަށް ކަމަށް އޭނާ ބުނި ނަމަވެސް ގަލޮޅު ސަހަރާ ކައިރީ ޓެކްސީ މަޑު ކުރުމަށް ފަހު ފޮށިގަނޑު ހިފައިގެން ފުލުސް އޮފީހަށް ގޮސްފާނެކަމީ ގަބޫލުކުރަން އުނދަގޫ ކަމެއް ކަމަށް ވެސް ހައިކޯޓުގެ ހުކުމްގައި ވެއެވެ.