01 Mar 2013, 14:32
ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ޝަރީއަތުގެ މައްސަލާގައި ދިވެހި ސަރުކާރާއި އިންޑިއާއާ ދެމެދު އެއްބަސްވުމެއް އޮތް ނަމަވެސް، އެއެއްބަސްވުމަކީ އެހާ ވަރުގަދަ އެއްބަސްވުމެއް ކަމަށް ގަބޫލުނުކުރައްވާ ކަމަށް ކުރީގެ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
އިންޑިއާގެ ނޫހެއް ކަމަށްވާ އެންޑީޓީވީ އަށް ދެއްވި ބަސްދީގަތުމެއްގައި ނަޝީދު ވިދާޅުވީ އެމަނިކުފާނު ހައި ކޮމިޝަން ދޫކުރައްވާފައި ވާނީ އިންޑިއާ އާއި ދިވެހި ސަރުކާރާ ދެމެދު އެއްބަސްވުމަކަށް އާދެވުނު ކަމަށް ގަބޫލުކުރެއްވުމުން ކަމަށެވެ.
"އަޅުގަނޑު ގަބޫލުކުރަނީ ކޮންމެވެސް ކަހަލަ އެއްބަސްވުމެއް އޮތް ކަމަށް. އޭގައި އޮތް "ހިޔާލަކީ" ހުރިހާ ޕާޓީއަކަށް ބައިވެރިވެވޭ، އިންސާފުވެރި އިންތިހާބަކަށް އިންތިހާބު ވެގެންދާނެ ކަމުގެ ޔަގީންކަން ދިވެހި ސަރުކާރުން އިންޑިއާއަށް ދިނުން. ހަމައެއާ އެކު އެއްވެސް ހުރަހެއް ނެތި އަޅުގަނޑަށް ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވެވޭނެ ކަމުގެ ޔަގީންކަން ދިވެހި ސަރުކާރުން ދިނުން." ރައީސް ނަޝީދު އެންޑީޓީވީ އަށް ދެއްވި އިންޓަވިއުގައި ވިދާޅުވެފައި ވެއެވެ.
ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު (އަބްދުﷲ ގާޒީ) ނިޒާމުން ގެއްލުވާލި މައްސަލާގައި އެމަނިކުފާނާ ދެކޮޅަށް ކުރާ ދައުވާގެ ޝަރީއަތުގެ މަޖިލީހަށް ހައްޔަރުގައި ބަހައްޓަވައިގެން ރައީސް ނަޝީދު ހާޒިރުކުރުމަށް ކޯޓުން އަމުރު ނެރުމުން ނަޝީދު އިންޑިއަން ހައި ކޮމިޝަނަށް ވަދެވަޑައިގެންފައި ވަނީ މިދިޔަ މަހުގެ 13 ވަނަ ދުވަހު އެވެ.
ދިވެހި ސަރުކާރުން އިންޑިއާއާ އެކު ވެފައިވާ އެއްބަސްވުމާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުން ނަޝީދު ވިދާޅުވީ އެއެއްބަސްވުމަކީ އެހާ ވަރުގަދަ އެއްބަސްވުމެއް ނޫން ކަމުން އެއްވެސް ޔަގީން ކަމެއް ނެތް ކަމަށެވެ.
"އެއްބަސްވުމެއް އޮތް ނަމަވެސް، މިއެއްބަސްވުމަކީ ވަރަށް ބަލިކަށި އެއްބަސްވުމެއް،" ނަޝީދު ވިދާޅުވި އެވެ.
ނަޝީދު ވަނީ އެންޑީޓީވީގެ އިންޓަވިއުގައި ވެސް އެމަނިކުފާނާ ދެކޮޅަށް ކުރެވެމުންދާ ދައުވާތަކަކީ ސިޔާސީ ގޮތުން ކުރެވޭ ދައުވާތަކެއް ކަމަށް ތަކުރާރުކޮށް ވިދާޅުވެފަ އެވެ.