01 Mar 2013, 14:18
މުޤަދީޝޫ (މާޗް 2013): ސޮމާލިޔާގެ ޒުވާނުންގެ ތެރޭގައި ހިމެނޭ ކަނޑުފޭރޭ މީހުންނަށް އެގައުމުގެ ރައީސް ޢަފޫޢާންމެއް ހުށަހަޅުއްވައިފި އެވެ.
ސޮމާލިޔާގެ ރައީސް ޙަސަން ޝައިޚް މަޙްމޫދު އޭޖެންސީ ފްރާންސް ޕްރެސް އަށް ދެއްވި ބަސްދީގަތުމެއްގައި ވިދާޅުވީ ދުނިޔޭގެ ކަނޑުތަކުގައި ކަނޑުފޭރުމުގައި ޙަރަކާތްތެރިވާ ސޮމާލިޔާގެ ޒުވާނުންނަށް ޢަފޫޢާންމު ހުށަހެޅީ އެމީހުންނަށް އިސްލާޙްވުމުގެ ފުރުސަތު ދިނުމުގެ ގޮތުންނެވެ. ނަމަވެސް ކަނޑުފޭރުމުގެ ޖަރީމާގެ އިސްކޮށް ޙަރަކާތްތެރިވާ ލީޑަރުންނަށް ޢަފޫޢާންމު ނުދެއްވާނެ ކަމަށާ އެމީހުން ހައްޔަރުކޮށް އެމީހުންނާމެދު ޝަރީޢަތް ހިންގާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ކަނޑުފޭރުމުގެ ޖަރީމާގައި ޙަރަކާތްތެރިވާ ސޮމާލިޔާގެ މުޖްރިމުންނާ އެގައުމުގެ ސަރުކާރުން ގެންދަނީ ނުސީދާ ގޮތެއްގައި ވާހަކަ ދައްކަމުންނެވެ. މިވާހަކަތަކުގެ ނަތީޖާއެއްގެ ގޮތުން، ކަނޑުފޭރޭ މީހުންގެ ރަހީނުކޮށްފައިވާ ހަ މީހުންނާއި ދެ އާގުބޯޓު މިނިވަން ކުރެވިފައިވާ ކަމަށް ސޮމާލިޔާގެ ރައީސް ޙަސަން ޝައިޚް މަޙްމޫދު ވިދާޅުވި އެވެ. އަދި ކަނޑުފޭރޭ މީހުންނަށް މަޢާފްދިނުމުގެ މިހުށަހެޅުމާއެކު އެމީހުންގެ އަތްދަށުގައިވާ 24 ރަހީނުން މިނިވަންކޮށްދޭނެ ކަމުގެ ފެހި ސިގްނަލް މިހާރު ލިބިފައިވާ ކަމަށްވެސް ރައީސް މަޙްމޫދު ވިދާޅުވި އެވެ. ސޮމާލިޔާގެ ކަނޑުފޭރޭ މީހުންގެ ނުރައްކާ މުޅިދުނިޔެއަށް ބޮޑުވެފައިވާ އިރު އެމީހުން ކަނޑުފޭރިގެން އަތުލައިގަންނަ އާގުބޯޓްތަކާއި ފޭރިގަންނަ މުދައު ހިފަހައްޓައި އަދި ރަހީނު ކުރާ މީހުން ހައްޔަރުކޮށް ގެންގުޅެނީ ސޮމާލިޔާ ސަރުކާރުގެ ބާރު ނުހިނގާ އެގައުމުގެ އައްސޭރި ފަށުގެ ސަރަޙައްދުތަކުގަ އެވެ.
ސޮމާލިޔާއަކީ 25 އަހަރުގެ ދިގުލީ އަހްލީ ހަނގުރާމައެއްގައި ހަލާކުވެ ވީރާނާވެ އަދި ކުދިކުދި ސަރުކާރު ތަކަކަށް ބައިބައިވެފައިވާ ވަރަށް ފަގީރު އިސްލާމީ ގައުމެކެވެ. އެގައުމު ހަލާކުވެ ވީރާނާވެފައި ވަނީ ވާދަވެރި ސިޔާސީ ހަރަކާތްތަކާ އެކު 1989ގައި އެގައުމުގައި ފެށުނު ހަމަނުޖެހުންތައް އަހްލީ ހަނގުރާމައަކަށް ބަދަލުވުމާ ގުޅިގެންނެވެ. މިއަހްލީ ހަނގުރާމައިގާ 7 ލައްކައެއްހާ މީހުން މިހާތަނަށް މަރުވެފައިވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ. އެގައުމުގައި ސޮމާލިޔާގެ ވެރިރަށުގެ ބައެއް ސަރަހައްދުތަކަށް އެގައުމުގެ މައި ސަރުކާރުގެ ބާރެއް ނުހިނގަ އެވެ. ބައިނަލްއަޤްވާމީ ފުލުހުންގެ އިދާރާ އިންޓަޕޯލުންވަނީ ސޮމާލިޔާގެ ކަނޑުފޭރޭ މީހުންގެ ގިނަބަޔަކު ހައްޔަރު ކުރުމުގެ ބައިނަލްއަޤްވާމީ އަމުރުތައް ނެރެފަ އެވެ. އެއީ އެމީހުންގެ ދުއްތުރާ ކުރިމަތިވާ ގައުމުތަކުގެ އެދުމުގެ މަތިންނެވެ.
ސޮމާލިޔާގެ ރައީސް ބައިނަލްއަޤްވާމީ މުޖްތަމަޢަށް ގޮވާލެއްވީ ސޮމާލިޔާގެ މުސްލިމް ޒުވާނުން ކަނޑުފޭރުމުގެ ޖަރީމާތަކުގައި ބައިވެރިވުމުން ސަލާމަތް ކުރުމަށްޓަކައި އެމީހުންނަށް އާމްދަނީ ލިބޭނެ ވަސީލަތްތަކެއް ޤާއިމް ކޮށްދިނުމަށެވެ. ސޮމާލިޔާގެ ޒުވާނުން ކަނޑުފޭރުމުގެ ޖަރީމާތަކުގައި ބައިވެރިވަނީ އާމްދަނީ ލިބޭނެ އެހެން ވަސީލަތެއްނެތި ގޮތް ހުސްވެގެން ކަމަށް ރައީސް މަޙްމޫދު ވިދާޅުވި އެވެ. (ނޫސްއެޖެންސީތައް)