01 Mar 2013, 13:57
ސަރުކާރުގެ މައި ހަސްފަތާލުގައި ބޭނުންކުރަމުންގެންދާ ކޮމްޕިއުޓަރު ނިޒާމަށް ބޮޑެތި ބަދަލުތަކެއް ގެނެސް އާ ހިދުމަތްތަކެއް ތައާރަފް ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް ސަރުކާރުގެ މައި ހަސްފަތާލު، އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) އިން ބުނެފި އެވެ.
މިއަދު ހެނދުނު އެ ހަސްފަތާލުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި އައިޖީއެމްއެޗްގެ މީޑިއާ ކޯޑިނޭޓަރު ޒީނަތު އަލީ ވިދާޅުވީ އެ ހަސްފަތާލުން ރައްޔިތުންނަށް ދެމުންގެންދާ ހިދުމަތްތައް ދުވަހެއް ދުވަހަކަށް ހަރުދަނާކޮށް ތަރައްގީ ކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ދަށުން، އަލަށް ގެނެވޭ ބަދަލުތަކުގެ ސަބަބުން، ފުރަތަމަ ފަހަރު ޑޮކްޓަރަށް ދައްކާފަ ދެވަނަ ފަހަރަށް ދައްކަން އެތަނަށް އަންނަ މީހާއަށް އެޕޮއިންޓްމަންޓް ހެދުމާއި އަދި ރެފަރެންސް ހެއްދުން ފަސޭހަވެގެން ދާނޭ ކަމަށެވެ.
"އަޅުގަނޑުމެންގެ ކޮމްޕިއުޓަރު ސިސްޓަމްތަކަށް ގެނެވޭނެ ބަދަލުތަކަކާއި ގުޅިގެން އަޅުގަނޑުމެން އިތުރަށް ތައާރަފްކުރާ ހިދުމަތްތަކެއްވެސް އެބަހުރި. އޭގެ ތެރޭގައި ފުރަތަމަ ފަހަރަށް ޑޮކްޓަރަށް ދަކާފަ ދެވަނަފަހަރަށް ޑޮކްޓަރަށް ދައްކަން އަންނަ އައުމުގަ ޕޭޝަންޓަށް ރޫމް ތެރެއިން އެޕޮއިންޓްމަންޓެއް ދެވޭނެ އުސޫލެއް ގާއިމް ކުރުމާއި ހަމަ އެގޮތަށް އެއް ޑިޕާޓްމަންޓުން އަނެއް ޑިޕާޓްމަންޓަށް ރިފާ ކުރާ ބަލިމީހުންގެ ރިފަރެންސް ރޫމްތެރެއިން ހެދޭނެ ގޮތް ހެދުން އިންތިޒާމް ކުރުން،" ޒީނަތު ވިދާޅުވި އެވެ.
ސަރުކާރުގެ މައި ހަސްފަތާލުން ރައްޔިތުންނަށް ފޯރުކޮށްދޭ ހިދުމަތްތަކަކީ ރައްޔިތުން ބަލައިގަންނަ އަދި ވީހައި ވެސް ފަސޭހަކަމާ އެކީގައި ލިބި ގަނެވޭނޭ ހިދުމަތްތަކެއް ކަމުގައި ހެއްދެވުމުގެ ގޮތުން ކުރިއަށް އޮތް މަހެއްހައި ދުވަހުގެ ތެރޭގައި ދިގުމުއްދަތަކަށް އެޕޮއިންޓްމަންޓް ދެވޭނޭ އުސޫލެއް ގާއިމުކުރުމަށް މަސައްކަތް ކުރެވެމުން ދާކަމަށް ވެސް ޒީނަތު ވިދާޅުވި އެވެ.
ދިގުމުއްދަތަކަށް އެޕޮއިންޓްމަންޓް ދޫކުރެވޭ ފަރާތްތަކަށް އެފަރާތަކުން ނަންނޯޓް ކުރަށްވާތާ އެއްމަސް ދުވަހުގެ ތެރޭގައި އެޕޮއިންޓްމަންޓެއް ހަމަޖައްސައި ދެއްވި ނަމަވެސް އެގޮތަށް އެޕޮއިންޓްމަންޓް ދޫކުރާނީ ވަކި "ޚާއްޞަ ޑޮކްޓަރަކަށް" ދޫކުރުމުގެ ބަދަލުގައި "ޚާއްސަ ޑިޕާޓްމަންޓް" ތަކަށް ދެއްކުމަށް ކަމުގައިވެސް ޒީނަތު ވިދާޅުވި އެވެ.
އައިޖީއެމްއެޗުން ހާމަކުރެއްވި ގޮތުގައި އެތަނުގައި މިވަގުތުވެސް ޑޮކްޓަރުންގެ ދަތިކަން ހުރުމާއެކު އާންމު ބަލިތަކާއި އަދި ހާއްސަ ބަލިތަކުގެ ޑޮކްޓަރުން ނޭޕާލުން ނާއި އަދި އެހެނިހެން ބައެއް ގައުމުންވެސް ހޯއްދެވުމުގެ މަސަައްކަތް މިހާރުވެސް ކުރަށްވަމުން އެބަ ގެންދަވަ އެވެ.
ސަރުކާރުގެ މައި ހަސްފަތާލު މިހާރަށްވުރެ ބޮޑަށް ހަރުދަނާކޮށް ތަރަށްގީކުރުމަށް ކުރަމުންގެންދާ މަސައްކަތްތަކުގައި ރައްޔިތުންގެ ފުރިހަމަ އެއްބާރުލެއްވުން ބޭނުންވާ ކަމަށް އެ ހަސްފަތާލުންވަނީ ބުނެފަ އެވެ.