01 Mar 2013, 13:50
ތަފާތު ބަލިތައް ދެނެގަތުމަށް މީހުންގެ ކުޑަކަމުދާ ތަކެތި ޓެސްޓުކުރާ ސްމާޓްފޯން އެޕްލިކޭޝަނެއް، އެމެރިކާގެ ލޮސް އެންޖެލީސްގައި ކުރިއަށްދާ މިއަހަރުގެ ޓެކްނޮލޮޖީ، އެޑިއުކޭޝަން، ޑިޒައިން (ޓެޑް) ކޮންފަރަންސްގައި ދައްކާލައިފި އެވެ.
ޔޫޗެކް (Uchek) ނަން ދީފައިވާ މިއެޕްލިކޭޝަން މެދުވެރިކޮށް ތަފާތު 25 ބައްޔަކަށް ކުޑަކަމުދާ ތަކެތި ޓެސްޓްކުރެވޭނެ ކަމަށް އެޕް އުފެއްދި މިޝްކިން އިންގަވާލޭ ވިދާޅުވެ އެވެ.
ސިއްހީ ދާއިރާގައި ކުރެވޭ މިފަދަ ޓެސްޓްތައް މިހާރު ސްމާޓްފޯނުގެ އެހީގައި ބޭނުންކުރެވޭ އެޕްލިކޭޝަންތަކުން ކުރެވެމުންދާއިރު، މިކަމުގެ ސަބަބުން ދުނިޔޭގެ ތަރައްގީވެފައި ނުވާ ސަރަހައްދުތަކުގައި މީހުންގެ ފުރާނަ ސަލާމަތްކުރުމަށް ބޮޑެ އެހީއަކަށް ވެގެންދާނެ ކަމަށް މުރާސިލުން ބުނެ އެވެ.
ގުލުކޯޒް، ޕްރޮޓީންސް އަދި ނިޓްރައިޓްސް ފަދަ ކުޑަކަމުދާ ތަކެތީގައި އެކުލެވޭ ތަފާތު 10 މާއްދާއެއް މިއެޕްއިން ދެނެގަންނަ އިރު، މީގެ ސަބަބުން ތަފާތު ބަލިތަކަކަށް ޓެސްޓްކުރެވޭނެ އެވެ. މީގޮތުން ހަކުރު ބަލި، ކުޑަކަމުދާ ނިޒާމުގެ އިންފެކްޝަން، ބައެއް ކަހަލަ ކެންސަރު ބަލިތަކުގެ އިތުރުން މެއަށް ޖެހޭ ބައެއް ބަލިތައް ވެސް މިއެޕްއިން ދެނެގަންނަ ކަމަށް މައުލޫމާތު ލިބެ އެވެ.
މިއެޕް ބޭނުންކުރާ ގޮތައް ބަލާލާއިރު، ކުޑަކަމުދިއުމަށް ފަހު، އެޕްއާ އެކު ލިބޭ ޓެސްޓް ސްޓްރިޕް ތެއްމާލަން ޖެހެ އެވެ. ޓެސްޓް ސްޓްރިޕް ތެއްމާލުމަށް ފަހު، އެޕްއާ އެކު ވިއްކާ ހާއްސަ މެޓެއްގައި ސްޓްރިޕް ބާއްވައިގެން، އެޕްގައި އެކުލެވޭ ކެމެރާއަކުން ފޮޓޯއެއް ނަގަ އެވެ.
މިފޮޓޯ މެދުވެރިކޮށް، ކުޑަކަމުދާތަކެތިން ތެއްމާލާފައިވާ ސްޓްރިޕްގެ ކުލައަށް އަންނަ ބަދަލުތައް ދެނެގަނެ، އެނަލައިޒްކުރުމަށްފަހު ބައްޔެއް ޖެހިފައިވާ ނަމަ، އެކަން ހޯދެ އެވެ.
ޓެޑް ކޮންފަރަންސްގައި ވާހަކަދައްކަމުން އެޕް އުފެއްދި އިންގަވާލޭ ވިދާޅުވީ މިފަދަ އެޕްއެއް ފަރުމާކުރަން ނިންމީ މީހުންނަށް ފަސޭހަ ކަމާއެކު، މައްސަލައެއް ނެތި މިފަދަ ޓެސްޓްތައް ހެދުމުގެ ފުރުސަތު ދިނުމަށް ކަމަށެވެ.
ރިޕޯޓުތައް ބުނާ ގޮތުން އިންޑިއާގެ މުމްބާއީގެ ކިންގު އެޑްވާޑް މެމޯރިއަލް ހޮސްޕިޓަލުގައި މިއެޕްއިން ހަދާ ޓެސްޓުތަކުގެ ނަތީޖާތައް ސައްހަ ތޯ ބެލުމަށް ޓެސްޓްތަކެއް ކުރުމަށް ވަނީ ހަމަޖެހިފަ އެވެ. މިގޮތުން އެޕް ޓެސްޓްކުރުމުގެ ގޮތުން ޔޫޗެކްއިން ޓެސްޓް ހެދުމަށްފަހު، އާއްމުކޮށް ލެބޯޓަރީގައި ހަދާ ޔޫރިން ޓެސްޓާ އަޅާ ކިޔުމަށް ވަނީ ހަމަޖެހިފަ އެވެ.
މިޓެސްޓްތައް ކާމިޔާބުވެ، ޔޫޗެކްގެ ނަތީޖާތަކުގެ ސައްހަކަން ޔަގީންކުރެވުމުން ކުދި ކުލިނިކުތަކަށް އަގުބޮޑު ޔޫރިން ޓެސްޓް މެޝިތައް ބޭނުންކުރުމުގެ ބަދަލުގައި ސްމާޓްފޯނަކަށް މިއެޕްލިކޭޝަން އަޅައިގެން ބޭނުންކުރެވޭނެ ކަމަށް ތަޖުރިބާކާރުން ބުނެ އެވެ.
ޔޫޗެކްގެ އައިފޯން އެޕްލިކޭޝަން މާޗު މަހުގެ ފަހުކޮޅުން ފެށިގެން އެޕް ސްޓޯރުން 20 ޑޮލަރަށް ލިބެން ހުންނާނެ އެވެ.
ޔޫޗެކްގެ އެޑްރޮއިޑް ވާޝަން ވަރަށް އަވަހަށް ބާޒާރަށް ނެރޭނެ ކަމަށް މައުލޫމާތު ލިބެ އެވެ.