ދާކާ (މާޗް 01): ބަންގްލަދޭޝްގެ އެންމެ ބޮޑު އިސްލާމީ ޕާޓީގެ ނައިބު ޒަޢީމް ދިލާވަރު ޙުސައިން ސީދީ މެރުމަށް އެގައުމުގެ ޖިނާއީ ކަންތައްތަކާބެހޭ ޚާއްސަ ކޯޓުން ޙުކުމް ކޮށްފި އެވެ.

ދިލާވަރު ޙުސައިންގެ ސީދީގެ މައްޗަށް މިޙުކުމްކުރީ 1971 ވަނަ އަހަރު ޕާކިސްތާނުގެ ކިބައިން މިނިވަންވުމަށް ބަންގްލަދޭޝްގެ ރައްޔިތުން ކުރި މިވަންކަމުގެ ހަނގުރާމައިގާ އާންމުންނާ ދެކޮޅަށް އިންސާނިއްޔަތާ ޚިލާފު ޖަރީމާތައް ހިންގާފައިވާކަން އޭނާގެ މައްޗަށް ސާބިތުވުމުންނެވެ. އުމުރުން 73 އަހަރުގެ ސީދީގެ މައްޗަށް ސާބިތުވެފައި ވަނީ ޖަމާޢީ ކޮށް މީހުން މެރުމާއި ތަންތަނުގައި ހުޅުޖެހުމާއި އަންހެނުން ރޭޕްކުރުމާއި ތަންތަން ލޫޓުވުމުގެ ޖަރީމާތަކެވެ.

ބަންގްލަދޭޝްގެ މިނިވަންކަމުގެ ހަނގުރާމައިގާ ދިލާވަރު ޙުސައިން ސީދީ ހުންނެވިކަން ކޯޓަށް ސާބިތުވެފައި ވަނީ މިނިވަންކަމަށް މަސައްކަތްކުރި ބަންގްލަދޭޝްގެ ރައްޔިތުންނާ ހަނގުރާމަކުރި ޕާކިސްތާން ސިފައިންނަށް މަދަދާއި އެހީތެރިކަންދިން ބަންގްލަދޭޝްގެ ޚާއިނުންގެ ފަޅީގަ އެވެ. މިގޮތުން ބަންގްލަދޭޝްގެ ރައްޔިތުންނާ ދެކޮޅަށް ހަނގުރާމަކުރި ޕާކިސްތާން ލަޝްކަރުތަކަށް މަދަދުދޭ ބަންގްލަދޭޝްގެ ހަތިޔާރުއެޅި މިލީޝިޔާ ގްރޫޕެއްގައި ޢަމަލީ ގޮތުން އޭނާ ޙަރަކާތްތެރިވެފައިވާކަން ސާބިތުވާ ކަމަށް ކޯޓުގެ ޙުކުމް ބުނެ އެވެ.

ކުރީގެ އިރުމަތީ ޕާކިސްތާނުގެ ނަމުން މަޝްހޫރުވެފައިވާ ބަންގްލަދޭޝް، ޕާކިސްތާނުގެ ކިބައިން މިނިވަންވުމަށް ކުރި މިނިވަންކަމުގެ ހަނގުރާމައިގާ ޕާކިސްތާން ސިފައިންގެ އަތްދަށުން ބަންގްލަދޭޝްގެ ހަ މިލިޔަން މީހުން މަރާލާފައިވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ. މީގެއިތުރުން ޕާކިސްތާން ސިފައިންނާއި ޕާކިސްތާން ސިފައިންނަށް ތާއީދުކުރާ ބަންގްލަދޭޝްގެ ހަތިޔާރުއެޅި މިލީޝިޔާ ގްރޫޕްތަކުން ހިންގި އިންސާނިއްޔަތާ ޚިލާފު ޖަރީމާތަކުގައި ބަންގްލަދޭޝްގެ އެތަށް ލައްކަ އަންހެނުން ރޭޕްކޮށް ކުޑަކުދިންނަށް ފުޅާދާއިރާއެއްގައި ޖިންސީ ގޯނާކޮށްފައިވާކަމަށް ވެސް ރިޕޯޓްތައް ބުނެ އެވެ.

ޕާކިސްތާނުގެ ކިބައިން މިނިވަންވުމަށް ބަންގްލަދޭޝްގެ ރައްޔިތުން މަސައްކަތްފެށީ ޕާކިސްތާނުން ބަންގްލަދޭޝްގެ ރައްޔިތުންނާމެދު ކަންތައްތައް ކުރަމުން ގެންދިޔަ އިހާނާތްތެރި ގޮތުންނާއި ބަންގްލަދޭޝްގެ ރައްޔިތުންނާ މުޢާމަލާތް ކުރުމުގައި ޕާކިސްތާނުން ގެންގުޅު ތަފާތުކުރުން ތަކާއި ބޭއިންސާފު ޢަމަލުތަކަށް ކެތްނުކުރެވިގެން ގައުމީ ރޫޙުގައި ކުރިޔަށްގެން ދިޔަ އުތުރި އެރުމެއްގެ ގޮތުގަ އެވެ. މިގޮތުން ދެގައުމު ވަކިނުވެއޮތްއިރު ޕާކިސްތާނުގެ ވެރިކަމަށް އާންމު އިންތިޚާބަކުން ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ މުޖީބުއްރަޙްމާން ހޮވިވަޑައިގަތުމުން އޭނާ އަކީ ބަންގްލަދޭޝްގެ ރައްޔިތަކަށް ވާތީ އޭނާއާ ވެރިކަން ޙަވާލުކުރުމަށް ޕާކިސްތާނުން ފާޅުގައި ދެކޮޅު ހެދިއެވެ. ކޮންމެ އަގެއް ދައްްކައިގެން ނަމަވެސް ޕާކިސްތާނުގެ އަތްދަށުން މިނިވަން ވުމަށް ބަންގްލަދޭޝްގެ ރައްޔިތުން މިނިވަންކަމުގެ ހަނގުރާމަފެށީ މިހިސާބުންނެވެ.

ބަންގްލަދޭޝްގެ އެންމެ ބޮޑު އިސްލާމީ ޕާޓީގެ ނައިބު ޒަޢީމް ދިލާވަރު ޙުސައިން ސީދީ މެރުމަށް އެގައުމުގެ ހަނގުރާމައިގެ ޖަރީމާތަކާ ބެހޭ ކޯޓުން ޙުކުމް ކުރުމާގުޅިގެން އޭނާގެ ޕާޓީގެ އެކްޓިވިސްޓުން އިއްޔެ ހިންގި ހަމަނުޖެހުންތަކުގައި ފުލުހުންނާ ކުރިމަތިލައި ފުޅިއާއި އޮއްގަލާއި ޕެޓްރޯލް ބޮމުން ފުލުހުންނަށް ޙަމަލާދީފައިވެ އެވެ. މިޙަމަލާތައް މައިތިރިކުރުމަށް ފުލުހުން ބަޑިޖެހުމުން އެކްޓިވިސްޓުންގެ ހަ މީހަކު މަރުވެ އެތަށް ބަޔަކު ޒަޚަމްވެފައިވެ އެވެ. ސިދީގެ މައްޗަށް ކުރި ޙުކުމާގުޅިގެން ރުޅިގަދަވެފައިވާ އޭނާގެ ޕާޓީގެ ޒުވާން އެކްޓިވިސްޓުން ހިންގި ހަމަނުޖެހުންތަކުގައި ސަރުކާރުގެ އިމާރާތްތަކުގައި ހުޅުޖެހުމާއި ރޭލްވޭތައް ހަލާކުކޮށް ރޭލްތަކުގައި ހުޅުޖެހުން ހިމެނެ އެވެ.

މިކަމުގެ ސަބަބުން ބަންގްލަދޭޝްގެ ރޭލްވޭގެ ޙަރަކާތްތައް އިއްޔެ ހުއްޓުމަކަށް އައިސްފައިވެ އެވެ. ހަމަނުޖެހުންތައް ހުއްޓުވުމަށްޓަކައި ބަންގަލްދޭޝްގެ ފުލުހުންވަނީ ޝިޓަގޮންގް އާއި ސިރަގަންގް އާއި ރަންޖިޕޫރާއި ދިނަޖިޕޫރުގައި ހަރަކާތްތެރިވި ސީދީގެ ޕާޓީގެ އެކްޓިވިސްޓުންނަށް އަސްލު ވަޒަން ބޭނުންކޮށްގެން ބަޑިން ޙަމަލާދީ ފަ އެވެ. ސީދީގެ މައްޗަށްކުރި ޙުުކުމާ ދެކޮޅަށް ބަންގްލަދޭޝްގެ އިދިކޮޅު ޒަޢީމާ ޚާލިދާ ޒިޔާ ވަނީ އަޑުއުފުއްލަވައި މިއީ ސިޔާސީ ޙުކުމެއް ކަމަށް ސިފަކުރައްވާފަ އެވެ.

ސީދީގެ މައްޗަށް ޙުކުމް ކުރި ކޯޓަކީ ބަންގަލްދޭޝްގެ މިނިވަންކަމުގެ ހަނގުރާމައިގެ ދުވަސްވަރު ހިންގާފައިވާ އިންސާނިއްޔަތާ ޚިލާފު ޖަރީމާތައް ބެލުމަށް އެގައުމުގެ ބޮޑުވަޒީރާ ޝައިޚް ޙަސީނާ ވާޖިދް އެކުލަވާލެއްވި ޖިނާއީ ޚާއްސަ ކޯޓެކެވެ. މިކޯޓަށް ނަންދީފައި ވަނީ ބައިނަލްއަޤްވާމީ ޖިނާއީ ކޯޓުގެ ނަމުންނެވެ. ނަމަވެސް މިކޯޓާއި އދ. އާވެސް އަދި ބައިނަލްއަޤްވާމީ މުޖްތަމަޢާވެސް އެއްވެސް ގުޅުމެއްނެތެވެ. (ނޫސްއެޖެންސީތައް)