01 Mar 2013, 13:26
ދިވެހި ފުލުހުން މަސައްކަތް ކުރަމުންދަނީ ގާނޫނާއި ގަވާއިދާ އެއްގޮތަށް ކަން ދުނިޔޭގެ ބޮޑެތި ގައުމުތަކުން ވެސް ގަބޫލު ކުރާ ކަމަށް ކޮމިޝަނާ އޮފް ޕޮލިސް އަބުދުﷲ ރިޔާޒު ވިދާޅުވެއްޖެ އެވެ.
ވީޑިއޯ މެދުވެރިކޮށް ކޮމިޝަނާ ދެއްވާފައިވާ އިންޓަވިއުއެއްގައި ވިދާޅުވަނީ ފުލުހުންގެ ޚިދުމަތުގައި މަސައްކަތް ކުރަމުންދަނީ ގާނޫނާއި ގަވާއިދާ އެއްގޮތަށްކަން ދުނިޔޭގެ ބޮޑެތި ގައުމުތަކުން ވެސް ގަބޫލުކުރާނެ ކަމަށާއި މިހާރު ފުލުހުންނާ ގުޅޭ ގޮތުން ދައްކާ ވާހަކައެއް ކުރާހާ ޝަކުވާއެއް ނުވަތަ ދައްކާ ވާހަކައެއް މިހާރު އިންޓަނޭޝަނަލް ކޮމިއުނިޓީން ގަބޫލެއް ނުކުރާނެ ކަމަށެވެ.
އަދި މިހާރު ދުނިޔޭގެ އެކި ގައުމުތަކުގެ އެކިއެކި ކޮންސަލްޓަންޓުން ފުލުހުންގެ މުއައްސަސާގައި އެކި ލެވެލްގައި މަސައްކަތް ކުރާ ކަން ފާހަގަ ކުރައްވާކަން ކޮމިޝަނާ ފާހަގަ ކުރެއްވި އެވެ.
"ހުރިހާ ސެކްޓާތަކެއް ހުޅުވާލައިގެން އެބޭފުޅުންނާއެއްކޮށް މަސައްކަތްކޮށްގެން މިތަން ތަރައްގީ ކުރުމުގެ މަސައްކަތް އަޅުގަނޑުމެން މިކުރަނީ. މާކުރީގައި ހިނގި ކަމެއްގެ ވީޑިއީ ދައްކައިގެން އެކަންކަމުގެ ވާހަކަ ދެއްކިޔަސް މީހުންނެއް އެކަން ކަމެއް ގަބޫލެއް ނުކުރާނެ ބަލައި ނުގަންނާނެ،" ޕޮލިސް ކޮމިޝަނާ ރިޔާޒު ވިދާޅުވި އެވެ.
ޔޫޓިއުބްގައި ފުލުހުން އާންމުކޮށްފައިވާ ދެމިނެޓްގެ އެވީޑިއޯގައި ރިޔާޒު ވިދާޅުވީ ފުލުހުންގެ ހިދުމަތްދޭ ގޮތާއި ދޭތެރޭ އިންޓަނޭޝަނަލް ކޮމިއުނިޓީ ވެސް އަދި ދިވެހި ރައްޔިތުންވެސް ގަބޫލު ކުރާ ކަމުގެ ފީޑްބެކްތައް ލިބެމުން އަންނަ ކަމަށެވެ. އަދި ރަނގަޅަށް ހުރި ކަންތައްތަކާ ރަނގަޅު ކުރަން ޖެހޭ ކަންތައްތައް ފާހަގަކޮށް އެކަންތައްތަ ރަނގަޅު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ވިދާޅުވި އެވެ.
ޕޮލިސް މީޑިއާއިން އާންމު ކުރި އެ ވީޑިއޯގައި ގާނޫނާއި ގަވާއިދާ ޚިލާފަށް ފުލުހުން އަމަލު ނުކުރާނެ ކަން ފާހަގަކުރައްވާ ރިޔާޒު ވިދާޅުވަނީ ގާނޫނާއި ޚިލާފަށް ފުލުހުން އެއްވެސް މީހަކު ހައްޔަރުނުކުރާނެ ކަމަށެވެ. އެއީ ކޮންމެ މަގާމެއްގައި ހުރި ކޮންމެ މީހަކަށް ވިޔަސް ކޮންމެ މަގާމެއް ފުރިހަމަކޮށް ރިޓަޔާ ކޮށްފައި ހުރި މީހަކު ވިޔަސް އަމަލު ކުރާނީ ގާނޫނުގެ ތެރެއިން ކަމަށް ރިޔާޒުވިދަޅުވި އެވެ.
ޕޮލިސް ކޮމިޝަނާ އެހެން ވިދާޅުވެފައިވާއިރު މުޒާހަރާ ތަކުގައި މީހުން ހައްޔަރުކުރުމުގައި ފުލުހުންގެ ގެންގުޅޭ އުސޫލާ ދޭތެރޭ އިދިކޮޅު ފަރާތްތަކުން އަންނަނީ ތަކުރާރުކޮށް ފުލުހުންނަށް ފާޑުކިޔަމުންނެވެ.