މާލޭ ސިޓީ ތަރައްގީ ކުރުމުގެ ފަސް އަހަރު ދުވަހުގެ ޕްލޭނެއް މާލޭ ސތީ ކައުންސިލުން އެކުލަވައިލައި ރައްޔިތުންނާ ހިއްސާ ކޮށްފި އެވެ.

ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުންގުމުގެ ގާނޫނުގެ ދަށުން ރައްޔިތުންނަށް މައުލޫމާތު ދިނުމާއި ރައްޔިތުންނާއި މަޝްވަރާ ކުރުމަށްޓަކައި އާންމުކޮށް ހުޅުވައިލައިގެން ބޭއްވި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން މާލޭ ސިޓީގެ މޭޔަރު މައިޒާން އަލިމަނިކު ވިދާޅުވީ ނިމިގެން ދިޔަ ދެ އަހަރަކީ ކައުންސިލުން ވަރަށް ބޮޑެތި ގޮންޖެހުން ތަކަކާ ކުރިމަތިލާން ޖެހުނު ދެ އަހަރު ކަމަށާއި އެކަމުގެ ސަބަބުން ކައުންސިލުން ކުރިއަށް ގެންދަން ބޭނުންވި ވަރަށް ބޮޑެތި އަދި އެހާމެ މުހިންމު މަޝްރޫޢުތަކެއް ހުއްޓިފައިވާ ކަމަށެވެ. އެހެން ނަމަވެސް ސަރުކާރުގެ ފިއްތުންތަކާ އެކު ވެސް ވަރަށް ގިނަ މަސައްކަތް ތަކެއް ކުރެވިފައިވާ ކަމަށް މޭޔަރު ވިދާޅުވި އެވެ.

މާލޭ ސިޓީ ތަރައްގީ ކުރުމަށް އެކުލަވައިލައިފައިވާ ފަސް އަހަރު ދުވަހުގެ ޕްލޭނާ ބެހޭ ގޮތުން ވާހަކަފުޅު ދައްކަވަމުން މޭޔަރު ވިދާޅުވީ ފަސް އަހަރު ދުވަހަށް އަމާޒު ކޮށްގެން ކުރިއަށް ގެންދާ ޕްލޭން މައިގަނޑު މަގުސަދަކީ މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް އަމާން މާހައުލެއް ހޯދައިދީ މާލޭގެ ރައްޔިތުންނަކީ ދުޅަހެޔޮ ސިއްހަތެއްގައި ތިބޭ ބަޔަކަށް ހަދައި އަދި ބާއްޖަވެރި މުސްތަގުބަލެއް ހޯދައި ދިނުން ކަމުގައި މޭޔަރު ވިދާޅުވި އެވެ.

ޕްލޭންގައިވާ ގޮތުން ކައުންސިލްގެ ބެލުމުގެ ދަށުގައިވާ ހުސް ބިންތައް ބޭނުން ކޮށްގެން މާލޭގައި ތޮއްޖެހިފައިވާ އާބާދީ އަށް ހައްލެއް ހޯދައި ދިނުމަށް ރާވާފައިވެއެވެ. އަދި މާލޭ ސިޓީގައި ހުރި ވިޔަފާރި ފުރުސަތުތައް ފުޅާކުރުމަށްޓަކައި ވިޔާފާރީގެ ފުރުސަތު ރާއްޖެއާއި ރާއްޖެއިން ބޭރުން ހޯދައި ދިނުމަށް ޕްލޭންގައި އުސޫލްތަކެއް ކަނޑައަލާފައިވެއެވެ. މީގެ އިތުރުން ޕްރީ ސްކޫލްތައް ޕްރައިވަޓައިޒްކުރުމަކީ ވެސް ކައުންސިލަށް ލިބިގެންވާ ފުރުސަތެއް ކަމަށް ޕްލޭންގައިވެ އެވެ.

މާލޭ ސިޓީ ތަރައްގީ ކުރުމަށްޓަކައި ކުރިމަތިވެފައިވާ ގޮންޖެހުންތަކެއް ކަމަށް ޕްލޭންގައި ބުނެފައި ވަނީ މާލެއާ އެއް ފެންވަރަށް ހުޅުމާލެ އާއި ވިލިމާލެ ތަރައްގީ ކުރުމަކީ ކައުންސިލަށް ކުރިމަތިވެފައިވާ ވަރަށް ބޮޑު ގޮންޖެހުމެއް ކަމަށް އެ ޕްލޭންގައިވެއެވެ. އޭގެ ސަބަބެއް ކަމަށް ޕްލޭން ގައި ބުނެފައި ވަނީ ކުދި އަދި މެދު ފަންތީގެ ވިޔަފާރި ތަރައްގީ ކުރެވޭނެ އުސޫލުތަކަކާއި އެފަދަ ވިޔަފާރި ތަކަށް ލޯން ލިބޭނެ އެކަށީގެންވާ ނިޒާމެއް ގާއިމްވެފައި ނެތުން ކަމަށެވެ. އަދި ރާއްޖޭގެ ގާނޫނުތައް ހުރި ގޮތުން ބޭރުގެ ފަރާތް ތަކަށް ތަންތަން ތަރައްގީ ކުރުމަށްޓަކައި ދިގުމުއްދަތަކަށް ދެވެން ނެތުމާއި ތަންތަން ތަރައްގީ ކުރުމަށްޓަކައި ހިލޭ އެހީ ނުލިބުމަކީ ވެސް ކައުންސިލުން ކުރިމަތިލާން ޖެހިފައިވާ ވަރަށް ބޮޑު ގޮންޖެހުމެއް ކަމަށް އެ ޕްލޭގައި ބުނެފައިވެ އެވެ.

ފަސް އަހަރު ދުވަހަށް އެކުލަވައިލާފައިވާ ޕްލޭގައިވާ ކަންތައް ތަކުގެ ތެރޭގައި އެކަށީގެންވާ ގޮތެއްގައި މާލެއިން ކުނި ނައްތާލައި ކާނުތައް ސާފުކުރުމާއި ތިމާވެށި ހިމާޔާތްކުރުން ވެސް ތަރައްގީގެ ޕްލޭންގައި ކަނޑައަޅާފައިވެ އެވެ. އަދި ގާނޫނާ އެއްގޮތްވާ ގޮތުގެ މަތިން، ކަރަންޓާއި ފެނާއި ފާހާނާ އާއި ނަރުދަމާ ފަދަ އާއްމު ހިދުމަތްތައް ފޯރުކޮށްދިނުން ވެސް އެ ޕްލޭންގައިވެ އެވެ. އަދި މާލޭގެ މަގުތައް މަރާމާތުކޮށް ބެލެހެއްޓުމަކީ ވެސް އެ ތަރައްގީގެ ޕްލޭންގެ މައިގަނޑު އެއްބައެވެ. ހަމައެހެންމެ މުސްކުޅިންނާއި ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް އެހީތެރިކަން ފޯރުކޮށްދީ އެފަދަ މީހުން ބެލެހެއްޓޭނެ ނިޒާމެއް ގާއިމްކުރުން ވެސް ތަރައްގީގެ ޕްލޭންގައި ހިމަނާފައިވެއެވެ.