01 Mar 2013, 12:03
ޒިނޭ ކުރިކަން ސާބިތު ވެގެން ހައްދު ޖެހުމަށް ހުކުމްކުރި ށ. ފޭދޫ 15 އަހަރުގެ އަންހެން ކުއްޖާ އަކީ "ޕޯސްޓް ޓްރައުމެޓިކް ޑިސް އޯޑަރ" (އަނިޔާއެއް ވުމަށް ފަހު ކުރިމަތިވާ ނަފްސާނީ މައްސަލަތަކެއް) ހުރި ކުއްޖެއް ކަމަށް ސިއްހީ ޑޮކްޓަރު އަދި ފޮރިން މިނިސްޓަރު އަބްދުއްސަމަދު އަބްދުﷲ ވިދާޅުވެއްޖެ އެވެ.
ޖިންސީ އަނިޔާ ލިބިފައި ވަނިކޮށް އަމިއްލަ އިއުތިރާފުން ޒިނޭގެ ކުށް ސާބިތުވެ، 100 އެތި ފަހަރުން ހައްދު ޖެހުމަށް ހުކުމް ކުރުމާ ގުޅިގެން ބޭރުގެ އެކި ގައުމު ތަކުންނާއި ޖަމާއަތް ތަކުން އެކަމަށް ފާޑު ކިޔަމުން ދާތީ އެކަމާ ގުޅޭ ގޮތުން ޓީވީއެމްގެ "ރާއްޖެ މިއަދު" ޕްރޮގްރާމްގައި ރޭ ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ އެ ކުއްޖާގެ ގައިގައި އެ ބަލީގެ ހުރިހާ އަލާމާތެއް ފެންނާން އެބަހުރި ކަމަށެވެ. އަދި އޭގެ އިތުރުން ޖިންސީ ގުޅުން ހިންގުމުން އަރާ ބަލިތަކުގެ އަލާމާތްތައް ވެސް އެ ކުއްޖާގެ ގައިން ފެނިފައިވާ ކަމަށް ވެސް މިނިސްޓަރު ސަމަދު ވިދާޅުވި އެވެ.
"ސައިކޮލޮޖިސްޓަކު ވަރަށް ތަފްސީލްކޮށް ލިޔެފައި އޮތް ރިޕޯޓެއް އެ ރިޕޯޓަކީ. އޭގައި ވަރަށް ތަފްސީލްކޮށް އެބައޮތް އެ ކުއްޖާއަކީ ކަނޑައެޅިގެން ޕޯސްޓް ޓްރައުމެޓިކް ޑިސްއޯޑާ ކިޔާ ބައްޔެއް ހުރި ކުއްޖެއް ކަމަށް. އޭގެ އިތުރުން ވެސް ސެކްޝުއަލީ ޓްރާންސްމިޓެޑް ޑިސީޒް ވެސް އެ ކުއްޖާގެ ގައިގައި އެބަހުރި،" ރައީސް އިބްރާހީމް ނާސިރުގެ ދައުރުން ފެށިގެން ރާއްޖޭގެ ސިއްހީ ދާއިރާގައި މަސައްކަތްޕުޅު ކުރެއްވުމަށް ފަހު، ޑަބްލިއުއެޗްއޯގައި ވެސް މަސައްކަތްޕުޅު ކުރެއްވި ސަމަދު ވިދާޅުވި އެވެ.
އެ ކުއްޖާ އެ ހާލަތަށް ދާން ޖެހުނު ސަބަބެއް ކަމަށް މިނިސްޓަރު ވިދާޅުވީ އެ ކުއްޖާ އަކީ އުމުރުން ބާރަ އަހަރުން ފެށިގެން ޖިންސީ އަނިޔާ ލިބެމުން އަންނަ ކުއްޖެއް ކަމަށެވެ. އެހެން ކަމުން މިހާރު އުމުރުން ފަނަރަ އަހަރު ފުރިފައިވާ އިރު ދާއިމީ ގޮތެއްގައި އެ އަނިޔާ ލިބެމުން އަންނަތާ ތިން އަހަރު ވެފައިވާ ވާތީ އެކުއްޖާ އަށް އެ ހާލަތު މެދުވެރިވީ ކަމަށެވެ.
"މި ކުއްޖާ އަކީ އުމުރުން 12 އަހަރުން ފެށިގެން 15 އަހަރު ފުރުމާ ހަމައަށް މެދު ނުކެނޑި ތިން އަހަރު މަލްޓިޕްލް ޓައިމްސް އެ އަނިޔާ ލިބިފައި ހުރި ކުއްޖެއް. ދޮން ބައްޕައަކު އެބިއުސް ކުރާ ކުއްޖެއް. އެ ކުއްޖާގެ ދަރިފުޅު މަރާލި ކަމަށް ބުނެ އެ ކުއްޖާ ވާހަކަ އެބަ ދައްކާ. ދެން އެކަހަލަ ކުއްޖެއްގެ މެންޓަލް ސްޓޭޓަސް ހުންނާނެ ގޮތް ނިކަން ބައްލަވާ ލައްވާ. އެހެން ވީމާ އެ ކުއްޖާ އަށް އެބަލި ހުރީ ޖެހިފައި،" މިނިސްޓަރ ވިދާޅުވި އެވެ.
އެ ކުއްޖާގެ ގައިގައި ހައްދު ޖަހަން ހުކުމް ކުރި މައްސަލަ ބޭރުގެ ފަރާތްތަކަށް އެހާ ސާފުނުވާ ކަމަށް ވިދާޅުވެ ވާހަކަފުޅު ދައްކަވަމުން އޭނާ ވިދާޅުވީ އެ ކުއްޖާގެ ގައިގައި ހައްދު ޖަހަނީ ދޮންބައްޕަ އާ އެކު ޖިންސީ ގުޅުން ހިންގައިގެން ނޫން ކަމަށެވެ.
އޭނާ ވިދާޅުވީ އެ ކުއްޖާ ހައްދު ޖަހަން ހުކުމް ކުރީ އެހެން ކޮންމެ ވެސް މީހަކާ ޖިންސީ ގުޅުމެއް ހިނގި ކަމަށް އެ ކުއްޖާ އަމިއްލަ އިޚްތިޔާރުގައި އިއުތިރާފް ވެފައި ވާތީ ކަމަށެވެ. އަދި ވިދާޅުވީ އެހާ ހިސާބުން ދެން ޖެހޭނީ ހަމަ ހުކުމް ކުރަން ކަމަށެވެ.
އެކިއެކި ފަރާތްތަކުން އެ މައްސަލައިގައި ރާއްޖެ އަށް ބަހުގެ ހަމަލާތަށް ދެމުން އަންނަ ދަނޑިވަޅެއްގައި ހުރިހާ ސިޔާސީ ޕާޓީ ތަކާއި ރައްޔިތުން ގުޅިގެން އެކަތި ގަންޑެއްގެ ގޮތުގައި މަަސައްކަތް ކޮށްދެއްވުމަށް ވެސް މިނިސްޓަރު ގޮވާލެއްވި އެވެ. އޭނާ ވިދާޅުވީ އެގޮތަށް ކަންތަށް ނުކުރެވިއްޖެ ނަމަ އަޅުގަނޑުމެންނަށް ގެއްލުމެއް ދޭން ޚިޔާލު ކުރާ ބަޔަކަށް މި ވަގުތަކީ ވަރަށް ރަނގަޅު ފުރުސަތަކަށް ވެދާނެ ކަމަށެވެ.