ށ. ފޭދޫ 15 އަހަރުގެ އަންހެން ކުއްޖެއްގެ މައްޗަށް އަމިއްލަ އިއުތިރާފުން ޒިނޭގެ ކުށް ސާބިތުވެ، ހައްދު ޖެހުމަށް ހުކުމް ކުރުމުން ހިތާމަކުރައްވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ވިދާޅުވުމަކީ އިސްލާމް ދީނުގެ ހައްދުތަކާ ދެކޮޅަށް ވާހަކަދެއްކުން ކަމަށާއި އެ ގޮތަށް އެ ވާހަކަ ދައްކަވާފައިވާ ނަމަ އެމަނިކުފާނު ތައުބާ ވެވަޑައިގަތުމަށް ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަދި މަދަނީ އިއްތިހާދުގެ ނައިބު ރައީސް އަބްދުﷲ މުހައްމަދު ވިދާޅުވެއްޖެ އެވެ.

ޒިނޭގެ އަދަބެއްގެ ގޮތުން 100 އެތިފަހަރުން ހައްދު ޖަހައި، އަށް މަސް ދުވަހަށް ގޭގައި ބަންދު ކުރުމަށް ޖުވެނައިލް ކޯޓުން ކުރި ހުކުމް މުރާޖާ ކުރަން ބާރުއަޅުއްވާނެ ކަމަށް ވިދާޅުވެ، ރައީސް ވަހީދު ކުރެއްވި ޓުވީޓަކަށް އިޝާރާތް ކުރައްވައި އަބްދުﷲ ވިދާޅުވީ ދީނުގެ ހައްދަކާ ދެކޮޅަށް ގައުމުގެ ރައީސް ވާހަކަފުޅު ދެއްކެވުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި ވިދާޅުވީ އެ މައްސަލާގައި ރައީސްއާ ބައްދަލު ކުރައްވައި އެކަމަށް މައާފަށް އެދިވަޑައިގަތުމަށް ދަންނަވާނެ ކަމަށެވެ.

"ބައެއް މީހުން އެބަކިޔާ ދެން ކީއްވެހޭ ސަރުކާރުގައި ތި ހުންނަނީ، އިސްތިއުފާދޭށޭ. އަޅުގަނޑު އޮޑީގައި ހުރެ ވެސް ފާޑުކިޔާނަން. އިސްލާހު ނުވެއްޖެނަމަ ދެން މަގުތަކަށް ނުކުންނަން ޖެހެންޏާ އެކަން ވެސް ކުރާނަން،" ކުރީގެ ސަރުކާރުގެ ދީދީ ސިޔާސަތުތަކަށް ވެސް ވަރަށް ބޮޑަށް ފާޑުވިދާޅުވެ، އެއްވުންތަކުގައި އިސް ރޯލެއް އަދާ ކުރެއްވި އަބްދުﷲ ވިދާޅުވި އެވެ.

ދޮންބައްޕަ އާއި އެނޫން ވެސް މީހެއްގެ ފަރާތުން ޖިންސީ އަނިޔާ ލިބިފައިވާ ކުއްޖާގެ މައްޗަށް ކުރި ހުކުމަށް އިޝާރާތްކޮށް އަބްދުﷲ ވިދާޅުވީ "ހަމަބުއްދީގައި ހުރެ، ރުހުމުގައި ފާފައެއް ކުރެވުނު ކަން އަމިއްލަ އިއުތިރާފުވެ" އެއްބަސްވުމުން އެ ކުއްޖާގެ މައްޗަށް ކުށުގެ އަދަބު ލިބެން ޖެހޭނެ ކަމަށެވެ. އަދި ވިދާޅުވީ ޖިންސީ އަނިޔާގެ ޝިކާރައަކަށް ވެފައި ހުރި ކުއްޖާ އަމިއްލަ ރުހުމުގައި ޒިނޭކޮށްފިނަމަ ހައްދު ގާއިމް ކުރަން ޖެހޭނެ ކަމަށާއި އެކަމާމެދު "ޖަދަލު" ކޮށްގެން ނުވާނެ ކަމަށް އަބްދުﷲ ވިދާޅުވި އެވެ.

"އަނިޔާއެއް ލިބުމުން އޭނާ ވައްކަން ކުރަމުން ދުވަންވީތޯ؟ ފާފަތަކަށް އަރައިގަންނަންވީތޯ؟ ބާލިޣުވެ، ހަމަބުއްދި ސަލާމަތުން ހުރެ، ކުށެއްކޮށްފި ނަމަ ދީނުގައި ކަނޑައަޅާގައިވާ އަދަބު ލިބެންޖެހޭނެ. އެ ކުއްޖާ އަށް ޖިންސީ އަނިޔާ ލިބިފައިވުމުން އެކަމާ ހިތާމަކުރަން. އެ އަނިޔާދިން މީހުންނަށް ވެސް އަދަބު ދޭންޖެހޭނެ،" އަބްދުﷲ ވިދާޅުވި އެވެ.

ށ. ފޭދޫ 15 އަހަރުގެ އަންހެން ކުއްޖެއްގެ މައްޗަށް ޒިނޭގެ ހުކުމް ސާބިތުވެއްޖެ ކަމަށް ދަށު ކޯޓުން ކުރި ހުކުމް އިސްތިއުނާފަށް ހުށަހަޅަން އެ ކުއްޖާގެ ވަކީލަށް ބަންޑާރަ ނައިބުގެ އޮފީހުން ވަނީ އަންގާފަ އެވެ. އިސްތިއުނާފު މަރުހަލާ ނިމެންދެން ދައުލަތުން ވަނީ އޭނާއަށް ގާނޫނީ ވަކީލަކު ހަމަޖައްސައިދީފަ އެވެ.

އެ ކުއްޖާގެ ގައިގައި ހައްދު ޖެހުމަށް ކުރި ހުކުމް ތަންފީޒު ކުރާނީ އުމުރުން 18 އަހަރުވުމުން ކަމަށާއި ނަމަވެސް އެ ކުއްޖާ ބޭނުންވާނަމަ އޭގެ ކުރިން ވެސް ހައްދު ޖެހިދާނެ ކަމަށް ޖުވެނައިލް ކޯޓުން ބުންޏެވެ. އަދި ގޭ ބަންދު ކުރުމަށް ކުރި ހުކުމްގެ ދަށުން އެ ކުއްޖާ ކުޑަކުދިންގެ ހިޔާއަށް ބަދަލުކޮށް ޖިންސީ އަނިޔާއިން ނަފްސާނީ ގޮތުން ލިބިފައިވާ ގެއްލުމަށް ފަރުވާ ދިނުމަށް ވަނީ ނިންމާފަ އެވެ.

އެ ކުއްޖާގެ ދިފާއުގައި ސަރުކާރުން އިއްޔެ ވަނީ ނޫސްބަޔާނެއް ވެސް ނެރެފަ އެވެ. އަދި ފޭދޫ ކުއްޖާ ފަދައިން އެހެން ކުދިންނަށް އެފަދަ ކަމެއް ތަކުރާރުވިޔަ ނުދިނުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ވަނީ ކޮމެޓީއެއް ވެސް އުފައްދަވާފަ އެވެ.