މިއަހަރުގެ ތެރޭގައި އދ. މާމިގިލީގައި ނަރުދަމާގެ ނިޒާމު ގާއިމު ކުރުމުގެ މަސައްކަތް ފަށާނެ ކަމަށް ރައީސްޖުމްހޫރިޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ވިދާޅުވެއްޖެ އެވެ.

މާމިގިލީ އެއާޕޯޓް އިންޓަނޭޝަނަލް ކުރުމުގެ ގޮތުން އިއްޔެ އެ ރަށުގައި ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޑރ. ވަހީދު ވިދާޅުވީ މިއަހަރު މާމިގިލީގައި ނަރުދަމާގެ ނިޒާމު ގާއިމުކުރުމުގެ މަސައްކަތް ފަށާނެ ކަމަށެވެ.

މާމިގިލީ ކައުންސިލްގެ ރައީސް ޖުނައިދު އިބްރާހިމް ވިދާޅުވީ އެ ރަށަށް ފެނުގެ މައްސަލަ ވަރަށް ބޮޑަށް ދިމާބެފައިވާ ކަމަށާއި އެ މައްސަލައަކީ އަވަސް ހައްލެއް ބޭނުންވެފައިވާ މައްސަލައެއް ކަމަށެވެ.

އިއްޔެގެ ރަސްމިއްޔާތުގައި ރައީސް ޖުމްހޫރިއްޔާ ޑރ. ވަހީދު ވިދާޅުވީ މާމިގިލީ ވައިގެ ބަނދަރު ހިންގުމަށް ވިލާއެއާއެކު ވެވުނު އެއްބަސްވުމުގެ ދަށުން އެ ސަރަހައްދުގައި ރަނގަޅު ފެންވަރުގެ ސިއްހީ ހިދްމަތްދޭ ހޮސްޕިޓަލެއް އަޅައިދިނުމަށް ޝަރުތުކޮށްފައި ވުމާއެކުގައި ރާއްޖޭގެ ސިއްހީ ދާއިރާއަށް ލިބިގެންދާނެ ވަރަށްބޮޑު ކުރިއެރުމެއް ކަމަށެވެ.

ރައީސް ވަހީދު ވިދާޅުވީ ވިލާ އިންޓާނޭޝަނަލް އެއާޕޯޓް އިފްތިތާހްވެގެންދިޔައިރު އެކަމުގެ ސަބަބުން ރާއްޖޭގެ ވައިގެ ދަތުރުފަތުރުގެ ހިދުމަތަށް ވަރަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ ކަމަށެވެ. އަދި އެ އެއާޕޯޓް ބައިނަލްއަޤްވާމީ ވައިގެ ބަނދަރަކަށް ހެދުމުގެ މައިގަނޑު މަޤްޞަދުތަކުގެ ތެރޭގައި ރާއްޖޭގެ ދަތުރުފަތުރުގެ ނިޒާމު މިހާރަށްވުރެ ހަރުދަނާ ކުރުމާއި ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތު އިތުރަށް ކުރިއެރުވުމަށް މަގުފަހިކުރުން ހިމެނޭ ކަމަށް ރައީސް ވިދާޅުވި އެވެ. އަދި މާމިގިލީ އެއާޕޯޓްގެ ސަބަބުން އިބްރާހީމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓަށް ލުއި ލިބިގެންދާނެ ކަމަށް ވިދާޅުވި އެވެ.

"އިބްރާހީމް ނާސިރު އިންޓާނޭޝަނަލް އެއާޕޯޓަށް ޖައްސާ ބޯޓު ފަހަރު އިތުރުވަމުން ދިޔުމަކީ ވެސް، އެ ބަނދަރަށް ލޯޑު އިތުރުވެގެންދާނެ ކަމެއް. އެހެން ކަމުން، ރާއްޖޭގެ އެހެން ރަށަކުން ބައިނަލް އަގްވާމީ ވައިގެ ދަތުރުތައް މިއަދު ފެށުމަކީ، މިކަމަށް ވެސް އެދެވޭ ހައްލެއް އަންނާނެ ކަމެއްކަމަށް އަޅުގަނޑު ޔަޤީންކުރަން،" ރައީސް ޖުމްހޫރިއްޔާ ވިދާޅުވިއެވެ.

"ފަތުރުވެރިކަން މުޅި ރާއްޖެއަށް ފުޅާކުރެވެމުންދާއިރު، ރާއްޖޭގެ އެކި ކަންކޮޅުތަކަށް ފަތުރުވެރިންނަށް ފަސޭހައިން ދެވޭނެ މަގު ފަހިކޮށްދިނުމަކީވެސް ފަތުރުވެރިކަމުގެ ސިނާއަތަށް ލިބޭނެ ވަރަށްބޮޑު ކުރިއެރުމެއް. ހަމައެހެންމެ އެއީ، ފަތުރުވެރިން ޒިޔާރަތްކުރާ ސަރަޙައްދުތަކުގައި ދިރިއުޅޭ ރައްޔިތުންނަށާއި، އެ ސަރަޙައްދުތަކުގެގެ ތަރައްޤީއަށް ވެސް އެކަމުން މަންފާތަކެއް ލިބިގެންދާނެ ކަމެއް. ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތު، ދުވަހަކަށްވުރެ ދުވަހެއް ކުރިއަށް ދިޔުމުގެ ނަތީޖާއަކީ، ގިނަ ޢަދަދެއްގެ ޕްރައިވެޓް ޖެޓްތައް ރާއްޖެއަށް އަންނަމުން ދިޔުން،"

ރައީސް ވަހީދުގެ ވާހަކަފުޅުގައިވަނީ ވިލާއެއާގެ ޗެއާމަން ގާސިމް އިބްރާހިމްގެ މަސައްކަތުން މާމިގިލީގައި އެއާޕޯޓެއް އެޅުއްވާފައި ވާތީ އެ ބުރަ މަސައްކަތް އަގުވަޒަންކޮށް ޝުކުރު އަދާކުރައްވާފަ އެވެ.