28 Feb 2013, 23:25
މާމިގިލިން: އަހުމަދު ސާއިލު
މާމިގިލީ އެއާޕޯޓް އިންޓަނޭޝަނަލްކުރުމުގެ ހުއްދަ ދިނީ އެ އެއާޕޯޓުން ސަރުކާރަށް ލިބޭ އާމްދަނީގެ އިތުރުން އެ ސަރަހައްދުގެ ތަރައްގީ އަށް ބައެއް ކަންތައްތައް ކުރުމަށް އެއްބަސްވެ އެގްރީމަންޓް ކުރުމަށް ފަހު ކަމަށް އެކްޓިން ޓްރާންސްޕޯޓް މިނިސްޓަރު މުހަންމަދު ނާޒިމް ވިދާޅުވެއްޖެ އެވެ.
މާމިގިލީ އެއާޕޯޓް އިންޓަނޭޝަނަލް ކުރުމުގެ ގޮތުން މިއަދު އެ ރަށުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުން ނާޒިމް ވިދާޅުވީ އެ އެގްރިމެންޓްގެ ދަށުން ސަރުކާރަށް ލިބޭ އާމްދަނީގެ އިތުރުން އެ ސަރަހައްދުގެ ތަރައްގީ އަށް ކަންތައްތަކެއް ވިލާ އެއާއިން ކޮށްދޭން ޖެހޭނެ ކަމަށެވެ. އެގޮތުން އދ. ސިއްހީ މަރުކަޒަށް ބޭނުންވާ އެހީތެރިކަން އެ އެގްރިމެންޓްގެ ދަށުން ވާން ޖެހޭ އިރު ކޯޑްޑެލްޓާގެ ފެންވަރަށް ކުރިއަށް އޮތް ތިން އަހަރު ދުވަހުގެ ތެރޭގައި އެ އެއާޕޯޓް ތަރައްގީ ކުރަން ޖެހޭނެ ކަމަށް ވެސް ނާޒިމު ވިދާޅުވި އެވެ.
"މާމިގިލީ އެއާޕޯޓް އިންޓަނޭޝަނަލް އެއާޕޯޓަކަށް މިއަދު ބަދަލުވެގެން މިދިޔައީ ދިވެހި ސަރުކާރާއި ވިލާ ގްރޫޕާ ދެމެދު ސޮއިކުރެވިފައިވާ އެއްބަސްވުމެއްގެ ދަށުން، ސަރުކާރަށް ލިބެން ޖެހޭ އާމްދަނީގެ އިތުރުން މިސަރަހައްދުގެ ރައްޔިތުންނަށް ލިބެން ޖެހޭ ބައެއް ހިދުމަތްތައް ވެސް މި އެގްރިމެންޓްގައި ހިމެނޭކަން އަޅުގަނޑު ދަންނަވާލަން،" މިނިސްޓަރު ވިދާޅުވި އެވެ.
ނާޒިމު ވިދާޅުވީ ކުރިއަށް އޮތް ތަނުގައި އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓްގެ އޯލްޓްނޭޓިވް ރަންވޭއެއްގެ ގޮތުގައި މާމިގިލީ އެއާޕޯޓް ބޭނުން ކުރައްވާނެ ކަމަށެވެ. އަދި ސަރުކާރުގެ ސިޔާސަތަކީ ރާއްޖޭގެ ވައި ދަތުރުތައް ވީހާ ވެސް ބޮޑަކަށް ހުޅުވާލުން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވިލާ ކުންފުނީގެ ޗެއާމަން ގާސިމް އިބްރާހިމް ވިދާޅުވީ މާމިގިލީ އެއާޕޯޓް އިންޓަނޭޝަނަލް ކުރުމަކީ ވަރަށް އުފާވެރިކަމެއް ކަމަށާއި އޭނާ ކުރައްވަމުން ވަޑައިގަތް މަސައްކަތްތަކަކީ ދިވެހި ރައްޔިތުންނަށް ޓަކައި ކުރައްވާ މަސައްކަތްތަކެއް ކަމަށެވެ.