ޒިނޭގެ ކުށް ސާބިތުވާ ކަމަށް ހުކުމްކޮށް، އުމުރުން 15 އަހަރުގެ އަންހެން ކުއްޖެއްގެ ގައިގާ 100 އެތިފަހަރުން ހައްދު ޖެހުމަށް ހުކުމް ކުރުމާ ގުޅިގެން އެމެރިކާ އިން މިއަދު ކަންބޮޑުވުން ފާޅުކޮށްފި އެވެ.

އާއިލާގެ ފަރާތްތަކުގެ އަތްދަށުގައި ޖިންސީ ގޯނާގެ ޝިކާރައަކަށް ވެފައިވާ އުމުރުން 15 އަހަރުގެ ށ. ފޭދޫ އަންހެން ކުއްޖާ ޒިނޭކުރިކަން ސާބިތުވާ ކަމަށް ކުރި ހުކުމާ ގުޅިގެން އެމެރިކާގެ އެމްބަސީން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އެ ކުއްޖާ އަކީ ރޭޕްގެ ޝިކާރަ އަކަށް ވެފައިވާ ކުއްޖެއްކަން ފާހަގަކޮށް ކަމާ ބެހޭ ފަރާތްތަކުން އެ ކުއްޖާ އަށް އަދަބު ދިނުމުގެ ބަދަލުގައި އެ ކުއްޖާ އަށް ބޭނުންވާނެ ރައްކާތެރިކަން ދެނެގަތުމަށް ދިވެރި ސަރުކާރަށް ގޮވާލާ ކަމަށެވެ.

އެމެރިކާގެ ބަޔާނުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު އަށް މަރުހަބާ ދަންނަވާފައިވެ އެވެ. އެ ބަޔާނުގައި ބުނެފައި ވަނީ އެ ހުކުމް މުރާޖާ ކުރުމަށް ބާރު އަޅާނެ ކަމަށް އެ މަނިކުފާނު ވިދާޅުވެފައި ވާތީ އެކަމަށް ވަރަށް ބޮޑަށް މަރުހަބާ ދަންނަވާ ކަމަށެވެ. އަދި ކުއްޖާއާ މެދު ހުރިހާ ދައުވާއެއް ހުއްޓުވުމަށް ރާއްޖޭގެ ޝަރުއީ ދާއިރާ އަށް ބާރު އަޅާ، ޖިންސީ އަނިޔާ ތަހައްމަލް ކުރަން ޖެހިފައިވާ އަންހެނުންނާއި ކުޑަ ކުދިންނަށް ރައްކާ ތެރިކަން ފޯރުކޮށްދޭނެ ގާނޫނުތައް ހެދުމަށް ރައްޔިތުންގެ މަޖިލީހަށް އެ ގައުމުން ބާރު އަޅާ ކަމަށެވެ.

އެ ބަޔާނުގައި ބުނެފައި ވަނީ ދެ ޖިންސުގެ ހަމަހަމަކަމާއި އަންހެނުންނާއި އަންހެން ކުދިންގެ ހާލަތު މުޅި ދުނިޔޭގައި ކުރި އެރުވުމަކީ މިހާތަނަށް ގިރާ ކުރެވިފައި ނުވާ ބޮޑެތި ގޮންޖެހުންތަކުގެ ތެރެއިން ގޮންޖެހުމެއް ކަމަށެވެ. އަދި އެއީ ދިމިގްރާތީ ހައްގުތައް ފުރިހަމަ އަށް ޔަގީންކޮށް ދިނުމަށްޓަކައި ކޮންމެ ސަގާފަތެއް އޮތް ކަމުގައި ވިޔަސް ހުރިހާ ގައުމެއްގައި ވެސް ކޮންމެހެން ކުރަން ޖެހިފައިވާ ކަމެއް ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެ އެވެ.

ކުޑަ ކުއްޖާގެ ގައިގައި ހައްދު ޖެހުމަށް ހުކުމް ކުރުމާ ގުޅިގެން އދ. އިން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އދ. އިން އެ ހުކުމް ސިފަކޮށްފައި ވަނީ އިންސާނިއްޔަތާ ހިލާފު ދަށު ދަރަޖައިގެ އަދަބެއްގެ ގޮތުގަ އެވެ.