އިންޑިއާ އިން ރާއްޖެ އަށް ކަނޑައަޅުއްވާފައި ހުންނަވާ ހައި ކޮމިޝަނަރުގެ މަގާމާ ޝްރީ ރާޖީވް ޝަހާރޭ އައްޔަނުކުރައްވާފައިވާ ކަމަށާއި އިންޑިއާގެ ސަފީރުގެ މަގާމާ ވަރަށް އަވަހަށް އޭނާ ހަވާލުވާނެ ކަމަށް އިންޑިއާ އިން ބުނެފި އެވެ.

އިންޑިއާގެ މިނިސްޓްރީ އޮފް އެކްސްޓާނަލް އެފެއާޒްއިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އެމިނިސްޓްރީގެ ޖޮއިންޓް ސެކެޓްރީއެއްގެ މަގާމުގައި ހުންނެވި ޝްރީ ރާޖީވް ޝަހާރޭ ވަރަށް އަވަހަށް މަގާމާ ހަވާލުވާނެ ކަމަށެވެ.

މިހާރު ރާއްޖޭގައި ހުންނެވި އިންޑިއާގެ ސަފީރު ޑީއެމް މުލޭގެ ސަފީރުކަމުގެ ދައުރު ހަމަވެފައި ވަނީ މިދިޔަ އަހަރުގެ ތެރޭގަ އެވެ. އެހެން ނަމަވެސް، ރާއްޖޭގެ ސަރުކާރު ބަދަލުވެ، ހިނގާދިޔަ ހަލަބޮލިކަމުގެ ތެރޭގައި އިންޑިއާއިން ވަނީ މުލޭ އިތުރު މުއްދަތަކަށް ރާއްޖޭގައި ބަހައްޓަން ނިންމާފަ އެވެ.

ރާޖީވް ޝަހާރޭ ސަފީރުކަމާ ހަވާލުވެލައްވާނެ ދުވަހެއް ހާމަކޮށްފައިނުވާ އިރު، މުލޭ ރާއްޖެ އިން ފުރާވަޑައިގަންނަވާނެ ދުވަހެއް ވެސް އިންޑިއާ އިން ހާމައެއް ނުކުރެ އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އިންޑިއާ އިން ވަނީ އެމެރިކާގެ ނިއު ޔޯކުގައި ހުންނަ އެގައުމުގެ ކައުންސެލާ ޖެނެރަލްގެ މަގާމަށް މުލޭ އައްޔަނުކޮށްފަ އެވެ.