28 Feb 2013, 21:29
މި މަހުގެ 17 ވަނަ ދުވަހުގެ ރޭ މެންދަމުގެ ވަގުތެއްގައި ފުލުހުންގެ ކާރެއްގައި އަލިފާން ރޯކޮށްލި މައްސަލައިގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުންގެ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓްގެ ހެޑް، ޗީފް އިންޕެކްޓަރު އޮފް ޕޮލިސް މުހައްމަދު ދާވޫދު މިރޭ އާންމުކުރި ވީޑިއޯ އިންޓަވިއުއެއްގައި ވިދާޅުވެފައި ވަނީ އެ މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ 30 އަހަރާއި 28 އަހަރުގެ ދެ މީހުން ކަމަށެވެ.
ދާވޫދު ވިދާޅުވީ އެ މައްސަލައިގެ ތަހުގީގަށް އެ ދެ މީހުންނާ ސުވާލު ކުރުމުން ކަންހިނގާފައިވާ ގޮތް ގަސްތުގައި އޮޅުވާލުމަށް ދޮގުހަދަމުން އަންނަ ކަމަށާއި އެ ދެ މީހުންނަކީ ކުށުގެ ރެކޯޑު އޮތް ދެ މީހުން ކަމަށެވެ.
މި މަހުގެ 17 ވަނަ ދުވަހުގެ ރޭ މެންދަމުން އަލިވެ 3:30 އެހައިކަންހާއިރު އެ ކާރުގައި ރޯކޮށްލާފައި ވަނީ ފުލުހުންގެ ފެމެލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާޓްމަންޓްގެ ކުރިމަތީގައި އޮއްވަ އެވެ.
އެ ކާރުގައި ރޯކޮށްލާފައި ވަނީ ކަރާސީނު އަޅާފައި ހުރި ފުޅިއެއް ކާރު މަތީގައި ބޭއްވުމަށް ފަހު އެ ފުޅީގައި ރޯކޮށްލުމަށް ފަހު ކަމަށާއި އޭގެ 10 މިނެޓްފަހުން އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިއު ސާވިސްގެ ޓީމުން އަލިފާން އެއްކޮށް ނިއްވާލާފައިވާ ކަމަށް ވެސް ދާވޫދު ވިދާޅުވި އެވެ.
އެ ހާދިސާގައި ކާރުގެ ކުރީބައި އެއްކޮށް އަނދައިގެން ގޮސް ކާރުގެ ވިންޑް ސްކްރީން ބޭނުންނުކުރެވޭ ވަރަށް ވަނީ ހަލާކުވެފަ އެވެ.
ދާވޫދު ވިދާޅުވީ ހާދިސާ ހިނގިތަނުގައި ހުރި ސީސީޓީވީ ވީޑިއޯ ފްޓޭޖްތައް ބެލުމުން ކާރުގައި ރޯކޮށްލުމުގެ ކުރިންނާއި ފަހުން ވެސް އެ ދެ މީހުން އެތަނުގައި ހަރަކާތްތެރިވާ މަންޒަރު ފެންނަ ކަމަށެވެ. އަދި އެ ދެ މީހުންގެ މައްޗަށް ތުހުމަތު ކުރެވޭ ވަރުގެ ހެއްކާ ގަރީނާ ލިބިފައިވާއިރު މިހާރުވެސް އިތުރު ހެއްކާ ގަރީނާތައް އެއްކުރުމުގެ މަސައްކަތް ކުރެވެމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އެ ހާދިސާއާ ގުޅޭ އިތުރު އެވިޑެންސްތަކެއް ހޯދައި އެތަކެތި ފޮރެންސިކް ލެބޯޓަރީގެ އެހީގައި ތަހުލީލު ކުރަމުން އަންނަ ކަމަށް ފުލުހުން ބުނެ އެވެ.
http://www.youtube.com/watch?&v=_4Txg3E8-nc