28 Feb 2013, 20:37
ދޮންބައްޕަޔާއި އެހެން މީހުންގެ ފަރާތުން ޖިންސީ އަނިޔާލިބިފައި ވަނިކޮށް އަމިއްލަ އިއުތިރާފުގެ މައްޗަަށް ޒިނޭގެ ކުށް ސާބިތުވި ށ. ފޭދޫ 15 އަހަރުގެ އަންހެން ކުއްޖާފަދަ އެއްފަދަ ޙާލަތުގައި ތިބި ކުދިންގެ ޙައްޤުތައް ރައްކާތެރިކޮށް، އެފަދަ ކަމެއް ތަކުރާރުވިޔަ ނުދިނުމަށްޓަކައި އެ މައްސަލަ ދިރާސާކޮށް އަޅަންޖެހޭ ފިޔަވަޅުތައް ދެނެގަތުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ކޮމެޓީއެއް އުފައްދަވައިފި އެވެ.
ފޭދޫ ކުއްޖާގެ ދިފާއުގައި، އޭނާއަށް ދިމާވެފައިވާ "ހާލަތާމެދު" ކަންބޮޑުވުން ފާޅުކޯށް ސަރުކާރުން މިއަދު ނެރުނު ނޫސްބަޔާގައި ބުނެފައި ވަނީ ރައީސް ވަހީދު އުފެއްދެވި ކޮމެޓީގެ މަސައްކަތަކީ، ކަމާބެހޭ ޤާނޫނީ އޮނިގަނޑާއި، އަދި އިދާރީ އޮނިގަނޑުތައް މުރާޖަޢާކޮށް، ގެންނަންޖެހޭ އިޞްލާޙުތައް ފާހަގަ ކުރުން ކަމަށެވެ. އެ ކޮމެޓީގައި ހިމެނެނީ
މިނިސްޓްރީ އޮފް ޖެންޑާ، ފެމިލީ އެންޑް ހިޔުމަން ރައިޓްސްއާއި، މިނިސްޓްރީ އޮފް ފޮރިން އެފެއާޒާއި، މިނިސްޓްރީ އޮފް ހޯމްއެފެއާޒާއި، މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒާއި، އެޓަރނީ ޖެނެރަލްގެ އޮފީހާއި، ފެމިލީ ޕްރޮޓެކްޝަން ޔުނިޓެވެ.
ސަރުކާރުން ނެރުނު ބަޔާނުގައި ބުނަނީ މިދިޔަ އަންގާރަ ދުވަހު ޒިނޭގެ ކުށުގައި ޙުކުމްކޮށްފައިވާ، 15 އަހަރުގެ އަންހެންކުއްޖާއަކީ، ޢުމުރުން 12 އަހަރުއްސުރެ، އޭނާއަށް އެކިފަރާތްތަކުން ޖިންސީ ގޯނާ ލިބެމުންދާކަމުގެ ޝަކުވާ، ދައުލަތަށް ލިބިފައިވާ ކުއްޖެއް ކަމަށާއި ދައުލަތާއި، މުޖުތަމަ ޢާއި، އޭނާގެ ޢާއިލާއާއި ސަރުކާރުގެ އެހީތެރިކަން ލިބެންޖެހޭ ކުއްޖެއް ކަމަށެވެ. އަދި އެ ކުއްޖާއަކީ އަމިއްލަ ނަފްސު ރައްކާތެރިކުރުމުގެ ބާރުވެރިކަމެއްނެތި، އަމިއްލަ ހަށިގަނޑު އަދި މިހާރު މުޅި ދިރިއުޅުންވެސް ރަޙުމްކުޑަ ބައެއްގެ ދަށުވެ ޝިކާރަކުރެވިފައިވާ ކުއްޖެއް ކަމަށެވެ.
"ޢުމުރުން 12 އަހަރުއްސުރެ، ނުވަތަ އެއަށްވުރެވެސް ކުރިއްސުރެ، އަމިއްލަ ނަފްސު ރައްކާތެރިކުރުމުގެ ބާރުވެރިކަމެއްނެތި، އަމިއްލަ ހަށިގަނޑު އަދި މިހާރު މުޅި ދިރިއުޅުންވެސް ރަޙުމްކުޑަ ބައެއްގެ ދަށުވެ ޝިކާރަކުރެވިފައިވާ ކުއްޖެކެވެ. ޢުމުރުން އެންމެ 15 އަހަރުގައި މަންމައަކަށްވެ، ކިޔެވުމުން މަޙުރޫމްވެ، މިހާރުއޭނާގެ މައްޗަށް ޖިނާޢީ ދަޢުވާއެއް އުފުލި ކުށްވެރިއެއްގެ ގޮތުގައި ޙުކުމްކުރެވިފައިވާ ކުއްޖެކެވެ،" ސަރުކާރުން ނެރުނު ބަޔާނުގައިވެ އެވެ.
ކޮންމެ މީހެއްގެ ލޯބިވާ ދަރިންނެކޭ އެއްފަދައިން، އެ ކުއްޖާއަކީ ވެސް ޚާއްޞަ އެހީތެރިކަމާއި ޚާއްޞަ ރައްކާތެރިކަން ލިބެންޖެހޭ، އަދި ތަޢުލީމްގެ ޙައްޤު ކަށަވަރުވާންޖެހޭ ދިވެހި ދަރިއެއް ކަމަށާއި ކުޑަކުދިންގެ ޙައްޤުތަކާބެހޭ ޤާނޫނުގައި ބަޔާންވެގެންވާ ރައްކާތެރިކަން ލިބިގެންވާ ކުއްޖެއް ކަމަށް ނޫސް ބަޔާނުގައިވެ އެވެ. އަދި ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމަށް އެކުލަވާލެވިފައިވާ ޤާނޫނީ އޮނިގަނޑާއި، އިދާރީ އޮނިގަނޑު އަދި، އިޖުތިމާޢީ އޮނިގަނޑުގެތެރެއިން އޭނާއަށް ލިބިގެންވާ ރައްކާތެރިކަންވަނީ ނުލިބިވާ ކަން ސަރުކާރުން ފާހަގަކޮށްފައިވެ އެވެ. އޭނާގެ ކުށެއްނެތި ފެށުނު ޖަރީމާތަކެއްގެ ތެރެއިންގޮސް، އޭނާއަކީ ކުށްވެރިއެއްގެ ގޮތުގައި ޙުކުމްކުރެވި، މިއަދު އޭނާވަނީ ތަޢުލީމުން މަޙުރޫމްވެފައި ކަމަށާއި އެ މައްސަލައަކީ ސަރުކާރުން ކަންބޮޑުވާ، އަދި ސަރުކާރުން އިސްވެ ޙައްލުތަކެއް ހޯދަންޖެހޭ ފަދަ މައްސަލައެއްކަމުގައި ޤަބޫލުކުރާ ކަމަށް ސަރުކާރުން ނެރުނު ބަޔާނުގައިވެ އެވެ.
މިދެންނެވި ކުއްޖާ މިހާރު ހުރީ ދައުލަތުގެ ބެލެހެއްޓުމުގެ ދަށުގައި ކަމުގައިވުމުން، އޭނާގެ މައްސަލައިގައި ދޭންޖެހޭ ހުރިހާ ޤާނޫނީ އެހީތެރިކަމެއް ވަނީ ދައުލަތުން ހަމަޖައްސައިދީފަ އެވެ. އަދި މިކަން ދައުލަތުގެ ޚަރަދުގައި އިސްތިއުނާފުގެ ހުރިހާ މަރުޙަލާއެއް ނިމެންދެން ކުރިޔަށް ގެންދާނެއެވެ. އަދި އޭނާގެ މައްސަލަ ހިނގާނުހިނގާ ގޮތް ބަންޑާރަނައިބުގެ އޮފީހުން ދެން ވެސް ބަލަހައްޓަވަމުން ގެންދަވާނެ އެވެ. އަދި މިމައްސަލައިގެ ޙުކުމްގައި އިސްތިއުނާފުކުރަންޖެހޭ މައްސަލަތަކެއް ހުރިކަމަށް ފެންނާތީ، އޭނާގެ މައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފު ކުރުމުގެ މަސައްކަތް ކުރިޔަށް ގެންދެވުމަށް އޭނާގެ ޤާނޫނީ ވަކީލަށް ދައުލަތުގެ ބަންޑާރަނައިބުގެ އޮފީހުން މިހާރުވަނީ ދަންނަވާފަ އެވެ. އިސްތިއުނާފުގެ ޙައްޤަކީ ކިތަންމެ ބޮޑު ކުށްވެރިއަކަށްވިޔަސް ޤާނޫނު އަސާސީން ރައްކާތެރިކޮށްދީފައިވާ ޙައްޤަކަށްވުމާއެކު، އެކަންކަން ދައުލަތުން އޭނާއަށްވެސް ހަމަޖައްސައިދެވޭނެ އެވެ.