28 Feb 2013, 18:05
ރާއްޖެ އަށް މަސްތުވާތަކެތި އެތެރެކުރި ބިދޭސީއަކު އުމުރަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން މިއަދު ހުކުމް ކޮށްފި އެވެ.
މަސްތުވާތަކެތި ރާއްޖެ އެތެރެކުރުމުގެ ކުށުގައި އުމުރަށް ޖަލަށް ލާން ހުކުމްކޮށްފައި ވަނީ ބަނގްލަދޭޝްގެ ރައްޔިތެއްކަމަށްވާ ދެލްވަރު ހޮސައިންގެ މައްޗަށެވެ.
ކްރިމިނަލް ކޯޓުން މިއަދު ކުރި ހުކުމްގައި ބުނަނީ 2011 ވަނަ އަހަރުގެ ޖޫން މަހުގެ 26 ވަނަ ދުވަހުގެ ރޭ 9:05 އެހައިކަންހާއިރު ލަންކާގެ ފްލައިޓަކުން އޭނާ ރާއްޖެ އައި އިރު އޭނާގެ ފޮށިތެރެއިން ޓޭޕްއޮޅާފައި އޮތް ދެ ޕާރުސަލް ފެނިފައިވާކަން ހެކީންގެ ހެކިބަހުން ޝަރީއަތަށް ސާބިތުވާ ކަމަށެވެ.
އެ ހުކުމްގައި ބުނަނީ އެ ދެ ޕާރުސަލްގައިވާ ތަކެތި ތަހުލީލު ކުރި އިރު އޭގެ ބަރުދަނުގައި 1457.7000 ގްރާމް ކެނަބިސް ހުރިކަމަށް އެތަކެތީގެ ތަހުލީލު ރިޕޯޓުން އެނގެން އޮންނަ ކަމަށެވެ.
އޭނާގެ މައްޗަށް އެ ހުކުމް ކޮށްފައި ވަނީ މަސްތުވާތަކެއްޗާ ބެހޭ ކުރީގެ ގާނޫނުގެ ދަށުންނެވެ. ސަބަބަކީ އޭނާ ކުށްކުރި އިރު މިހާރު އަމަލުކުރަމުން ދާ މަސްތުވާތަކެއްޗާ ބެހޭ ގާނޫނު ފާސްކުރެވިފައި ނުވާތީ އެވެ.