28 Feb 2013, 18:04
ރާއްޖޭގައި ތިބި ޚާއްސަ އެހީ އަށް ބޭނުންވާ ކުދިންނަށް އުނގެނުމުގެ ފުރުސަތު ގެއްލިދާނެ ކަމުގެ ބިރު ހީވުމުން މަގުމައްޗަށް ނުކުމެ އެ ކުދިންގެ އިހްސާސްތަކާއި ކަންބޮޑުވުންތައް އެކި ގޮތް ގޮތަށް ފާޅުކޮށްފި އެވެ.
ކެއާ ސޮސައިޓީން މ. ފިޔާތޮށިމާގޭގައި ހިންގަމުން އަންނަ ސްކޫލް ކެއާ ޑިވެލޮޕް ސެންޓަރ (ސީޑީސީ) ކުއްޔަށް ދީފައިވާ މުއްދަތު މި އަހަރުގެ މޭ މަހުގެ ނިޔަލަށް ހަމަވާ އިރު އަދިވެސް ކަމާ ބެހޭ އެއްވެސް ފަރާތަކުން އެކަމަށް ސަމާލުކަމެއް ނުދީ ފަރުވާ ކުޑަކުރަމުން ދާތީ އެ ސްކޫލްގައި އިލްމާއި ހުނަރު އުނގެނެމުން އަންނަ ޚާއްސަ އެހީ އަށް ބޭނުންވާ ކުދިންނަނާއި އެ ކުދިންގެ ބެލެނިވެރިން ކަންބޮޑުވުން ފާޅު ކުރީ އެ ސްކޫލް ހުންނަ މަގަށް ނުކުމެ ސްކޫލް ކުރިމަތީގައި މިއަދު މެންދުރު ފަހު އެވެ.
ކެއާ ސޮސައިޓީގެ ޑިރެކްޓަރ ޝިދާތާ ޝަރީފް "ސަން" އަށް މިއަދު ވިދާޅުވީ ކުރިއަށް އޮތް ތަނުގައި ވެސް އެ ކުދިންނަށް އެކަށީގެންވާ ތަނެއް ނުލިބޭ ނަމަ އެފަދަ ހަރަކާތްތައް ހިންގުމަށް މަޝްވަރާ ކުރަމުން އަންނަ ކަމަށެވެ. އޭނާ ވިދާޅުވީ ކަމާ ބެހޭ ފަރާތްތަކުގައި އެކަމަށް އެދި ދަންނަވަމުން އަންނަތާ ހަތަރު އަހަރު ވެއްޖެ ކަމަށެވެ.
"އަޅުގަނޑުމެން މިހާ ތަނަށް އައި އިރު ސަރުކާރުގެ ކަމާ ގުޅުން ހުރި ހުރިހާ ފަރާތްތަކަކާ ވާހަކަ ދައްކައިފިން. މިނިސްޓަރުންނާ ވާހަކަ ބައްދަލުކޮށްފައި ވާނެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހާ ބައްދަލުކޮށްފައި ވާނެ. ނައިބު ރައީސާ ބައްދަލުކޮށްފައި ވާނެ. އެކަމަކު އެއްވެސް އަލި މަގެއް ނުފެނުނު." ޝިދާތާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ސީޑީސީ އަކީ ހުރިހާ ވައްތަރެއްގެ ނުކުޅެދުން ތެރިކަން ހުންނަ ކުދިންނަށް ޚާއްސަކޮށްގެން ހުޅުވާފައި ހުރި ހަމަ އެކަނި ސްކޫލް ކަމަށެވެ. އަދި ވިދާޅުވީ ޖޫން މަހުގެ ނިޔަލަށް ވެސް އެ ސްކޫލް ބަންދު ކުރަން ޖެހިދާނެތީ ބެލެނި ވެރިންނަށާއި އެ ކުދިންނަށް ބިރު ހީވެފައިވާ ކަމަށެވެ. އަދި ވިދާޅުވީ ކެއާ ސޮސައިޓީ އަކީ އަމިއްލަ ޖަމިއްޔާ އަކަށް ވީތީ ތަނެއް ކުއްޔަށް ހިފައިގެން އަމިއްލަ އަށް ސްކޫލެއް ހިންގާނެ ގާބިލްކަން ކަމާއި ފޯރުންތެރިކަން އެ ޖަމިއްޔާގައި ނެތް ކަމަށެވެ.
ސީޑީސީ ގައި މިވަގުތު އިލްމާއި ހުނަރު ދަސްކުރަމުންދާ 43 ކުދިން އެބަ ތިއްބެވެ. އަދި އެ ޖަމިއްޔާގައި ޚާއްސަ އެހީއަށް ބޭނުންވާ 600 އަށް ވުރެ ގިނަ މީހުން ރެޖިސްޓްރީ ވެފައި އެބަ ތިއްބެވެ.
ރާއްޖޭގެ އާބާދީގެ އަށް ޕަސެންޓް ކުދިން ނަކީ ނުކުޅެދުންތެރިކަން ހުންނަ ކުދިން ކަމަށް ދިރާސާތަކުން ދައްކަ އެވެ.