28 Feb 2013, 16:48
މާމިގިލިން: އަހުމަދު ސާއިލު އަލީ
އަމިއްލަ އެއާލައިން ކުންފުނި ވިލާ އެއާއިން އޮޕްރޭޓްކުރާ މާމިގިލީ އެއާޕޯޓް އިންޓަނޭޝަނަލް ކޮށްފި އެވެ.
މިއަދު ހަވީރު އދ. މާމިގިލީގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މާމިގިލީ އެއާޕޯޓް އިންޓަނޭޝަނަލްކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދެވެ.
ވިލާ އެއާގެ ޗެއާމަން ގާސިމް އިބްރާހިމް ވިދާޅުވެފައި ވަނީ މާމިގިލީ އެއާޕޯޓް އިންޓަނޭޝަނަލް ކުރެވޭ މަރުހަލާގައި ބޮޑަށް އިސްކަންދޭނީ އެ އެއާޕޯޓުން ބޭރަށް ދަތުރުތައް ކުރުމަށް ވުރެ ރާއްޖެ އިން ބޭރުން އަންނަ ފްލައިޓްތަކަށް ހިދުމަތްދޭނެ އިންތިޒާމް ހަމަޖެއްސުމަށް ކަމަށެވެ. އެގޮތުން މި ސަރަހައްދަކީ ގިނަ އަދަދެއްގެ ރިސޯޓްތައް ހުންނަ ސަރަހައްދެއް ކަމުން ޕްރައިވެޓް ޖެޓްތަކަށް ހާއްސަ ސަމާލުކަމެއް ދޭނެ ކަމަށް ގާސިމް އިބްރާހިމް ވިދާޅުވި އެވެ.
ވިލާ އެއާއިން ތަރައްގީކޮށް އެ ކުންފުނިން ހިންގަމުންދާ އެއާޕޯޓް މިއަދު އިންޓަނޭޝަނަލް ކޮށްފައިވާ އިރު އެކުންފުނިން ދަނީ އޭވިއޭޝަން ދާއިރާ އިން ބޮޑެތި ކުރިއެރުންތަކެއް ހޯދަމުންނެވެ. އެގޮތުން އެކުންފުނިން ދާދި ފަހުން 68 މީހުންގެ ޖާގައިގެ ފުލައިޓެއް ރާއްޖެ އަށް ގެނެސްފައިވާ އިރު އެމަރުކާގެ އިތުރުބޯޓެއް މިއަހަރުތެރޭގައި ގެނައުމަށް އެކުންފުނިން ވަނީ ނިންމާފަ އެވެ. އަދި ވިލާއެއާގެ ފުލައިޓްތައް ދަނީ މާމިގިއްޔަށާއި ބ. ދަރަވަންދޫގެ އިތުރުން ސ. ގަމަށް ވެސް ދަތުރުތަށް ކުރަމުންނެވެ. އެކުންފުނިން ބުނީ މި އަހަރުތެރޭގައި އެކުންފުނިން ސީ ޕްލޭންގެ ދަތުރުތައް ވެސް ކުރުމަށް ނިންމާފައިވާ ކަމަށެވެ.