28 Feb 2013, 15:50
ށ. ފޭދޫ 15 އަހަރުގެ އަންހެން ކުއްޖާ ވިހެއި ދަރިފުޅު މަރާލިކަމުގެ ތުހުމަތުގައި އެ ކުއްޖާގެ މަންމަ ށ. ފޭދޫ ވައިމަތީއާގޭ އަޒީޒާ އިބްރާހިމް، 49، އާއި އެ ކުއްޖާގެ ދޮންބައްޕަ އެ ރަށު ބުލޫހެވަން އަބްދުލް ޣަފޫރު ގާސިމް،44،ގެ މައްޗަށް ދައުލަތުން ކުރި ކުއްޖަކު މަރާލުމުގެ ދައުވާއަށް ދެ މީހުން ވެސް އިންކާރުކޮށްފި އެވެ.
ކްރިމިނަލް ކޯޓުގެ މީޑިއާ އޮފިޝަލް އަހްމަދު މުހައްމަދު މަނިކު ވިދާޅުވީ މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި އެ ދެ މީހުންވެސް ދައުވާ އަށް އިންކާރުކޮށްފައި ވާތީ ދެން އޮންނާނީ ހެކީންގެ ހެކިބަސް ނެގުން ކަމަށެވެ.
އެ ދެ މީހުންގެ މައްޗަށް ދައުލަތުން ކުރި ދައުވާގައި ބުނަނީ މިދިޔަ އަހަރުގެ ޖޫން މަހުގެ 25 ވަނަ ދުވަހުގެ ވަގުތެއްގައި އަންހެންކުއްޖާ ވިހެއި ތުއްތު ދަރިފުޅަށް އޭނާ ބަލިވެއިނީއްސުރެ ވިހެއުމާ ހަމައަށް ވެސް ޑޮކްޓަރަށް ދައްކާފައި ނުވާ ކަމަށެވެ.
ދައުވާގައި ބުނަނީ އެ ތުއްތު ދަރިފުޅުގެ ސިއްހަތު ސަލާމަތުން ބެހެއްޓުމުގެ ގޮތުން އަޅަން ޖެހޭ ރައްކާތެރިކަމުގެ ފިޔަވަޅު އަޅާފައި ނުވާ އިރު އޭނާ ބަލިވެއިންކަން ސިއްރުކޮށް އޭނާ ވިހަން އުޅޭކަން އެނގުމުން ވެސް އެ ދެ މީހުން އޭނާ ހޮސްޕިޓަލަށް ފޮނުވާފައި ނުވާ ކަމަށެވެ. އަދި ސިއްހީ ގޮތުން އެކަށީގެންނުވާ ގޮތަކަށް އެކުޖާ ވިހާފައިވާ އިރު ފޭދޫ ވައިމަތީއާގޭ ގިފިލިތެރޭގައި ތުއްތު ދަރިފުޅު ވަޅުލި ކަމަށާއި އެ ކުއްޖާ މަރުވެފައި ވަނީ އެ ދެ މީހުންގެ ބައިވެރިވުމާއި އިހުމާލުން ކަމަށް ވެސް ދައުލަތުން ކުރި ދައުވާގައިވެ އެވެ.
އެ ދައުވާގެ އިތުރުން ދޮންބައްޕަގެ މައްޗަށް ދައުލަތުން އުފުލާފައިވާ "އިތުބާރު ކުރެވޭ މަގާމެއްގައި ހުރެ" ކުޑަކުއްޖަކާ މެދު ޖިންސީ އަމަލެއް ހިންގުމުގެ ކުށުގެ ދައުވާ އާއި މަންމަގެ މައްޗަށް އުފުލާފައިވާ ކުޑަކުއްޖަކާ މެދު ޖިންސީ އަމަލު ހިންގިކަން އެނގި ހުރެ އެކަން ފުލުހުންނަށް ނާންގާ ހުރުމުގެ ކުށުގެ ދައުވާގެ ޝަރީއަތް ވެސް މިއަދު ވަނީ ބާއްވާފަ އެވެ. އެ ދެ ދައުވާ އަށް ވެސް ދެ މީހުން ވަނީ އިންކާރު ކޮށްފަ އެވެ.
އެ މައްސަލައިގައި ދޮންބައްޕަގެ މައްޗަށް ދައުލަތުން ކުރި ދައުވާގައި ބުނަނީ އަބްދުލްޣަފޫރުގެ ދޮންދަރިއެއްކަމަށްވާ 15 އަހަރުގެ އަންހެން ކުއްޖާ އާ މެދު ތަފާތު އެކިފަހަރުމަތިން އޭނާ ބަދުއަޚުލާގީ އަމަލު ހިންގާފައިވާ ކަމަށެވެ.
ދޮންބައްޕަގެ މައްޗަށް އެ ދައުވާ ކޮށްފައި ވަނީ ކުޑަކުދިންނަށް ޖިންސީގޯނާ ކުރާ މީހުންނާ މެދު ޚާއްސަ އުސޫލުތަކަކުން އަމަލު ކުރުމުގެ ގާނޫނުގެ ނުވަ ވަނަ މާއްދާގެ (ހ) އާ ހަވާލާދީ އެ މާއްދާގެ (ށ) ގެ ދަށުންނެވެ.
ޖިންސީ އަމަލެއް ހިންގާކަން އެނގިހުރެ އެކަން ފުލުހުންނަށް ނާންގާ ހުރި ކަމުގެ ދައުވާ އެކުއްޖާގެ މަންމަގެ މައްޗަށް ކޮށްފައި ވަނީ އަބްދުލްޣަފޫރު އެކުއްޖާ އާ މެދު ގަދަކަމުން ބަދުއަޚުލާގީ އަމަލު ހިންގިކަން އެނގި ހުރެ އެކަން ފުލުހުންނަށް ނާންގައި ސިއްރުކުރި ކަމަށް ތުހުމަތު ކޮށެވެ.