28 Feb 2013, 15:33
މިއަހަރު ބާއްވާ ރިޔާސީ އިންތިހާބަށް އެމްޑީޕީން ނެރޭ ކެންޑިޑޭޓަށް ތާއީދު ހޯދުމުގެ ގޮތުން ރާއްޖޭގެ އެކި ރަށްރަށުގައި "ދޮރުން ދޮރަށް" ކެމްޕޭން ކުރުމަށް އެ ޕާޓީގެ ޓީމުތައް މާލެއިން ފުރައިފި އެވެ.
"ދޭތިން ފަހެތި"ގެ ނަމުގައި އެމްޑީޕީން މިއަދު ފެށި ކެމްޕޭނަށް އެ ޕާޓީގެ ޓީމުތަކުން ދިއުމަށް ހަމަ ޖެހިފައިވަނީ ހއ. ދިއްދޫ އާއި ހދ. ކުޅުދުއްފުއްޓާއި ޏ. ފުވައްމުލަކާއި ގދ. ތިނަދޫ އާއި އަދި ލ އަތޮޅު ގަމުގެ އިތުރުން ފޮނަދޫ އާއި ހިތަދޫ އާއި މާވަށް އަދި އިސްދޫގެ އިތުރުން އައްޑޫ ސިޓީއަށް ކަމަށް އެ ޕާޓީން މައުލޫމާތު ދެ އެވެ.
އައްޑޫ ސިޓީ ފިޔަވައި އެހެން ހުރިހާ ރަށެއްގައި "ޑޯ ޓު ޑޯ" ކެމްޕެއިން ކުރިއަށް ގެންގެންދިއުމަށް ހަމަ ޖެހިފައިވާއިރު ހުރިހާ ރަށެއްގައި ވެސް އާންމު ޖަލްސާތައް ބޭއްވުމާއި، މަސައްކަތު ބައްދަލުވުންތައް ބޭއްވުމުގެ އިތުރުން ދާއިރާ ރައީސުންނާ ބައްދަލުކުރުމާއި ދާއިރާގެ ހިންގާ ކޮމެޓީތަކާ ބައްދަލުކުރުން އޮންނާނެ ކަމަށް ވެސް އެމްޑީޕީން މިއަދު ވަނީ ބުނެފަ އެވެ.
ރާއްޖެ ތެރެއަށް މިއަދު ފެށި ދަތުރުތަކުގައި ލ. ގަން އަދި ފޮނަދޫ ދާއިރާގައި އެޕާޓީގެ އާންމު ޖަލްސާތައް މިރޭ ބާއްވަން ހަމަ ޖެހިފައިވާއިރު ލ. އަތޮޅު ހިތަދޫ އަދި މާވަށު ދާއިރާގައި ވެސް މާދަމަ ރޭ ޖަލްސާ ބާއްވަން ހަމަ ޖެހިފައިވާ ކަމަށް އެމްޑީޕީން މައުލޫމާތު ދެ އެވެ. އެ ދަތުރުތަކުގައި އެމްޑީޕީއިން ކޮންމެ ރަށަކަށް ވެސް ކޯޑިނޭޓަރެއް ކަނޑައަޅާފައިވެ އެވެ.