28 Feb 2013, 14:20
މާފަންނު ބިއުޓީފްލާވާ މުހައްމަދު ހުސައިނަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމުކޮށްލި ކަމަށް ގ. ގޯޒީ އިބްރާހީމް ޝަހުމް އާދަމްގެ މައްޗަށް ސާބިތުވެ އޭނާ އުމުރަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން މިއަދު ހުކުމް ކޮށްފި އެވެ.
ކްރިމިނަލް ކޯޓުން މިއަދު ކުރި ހުކުމްގައި ބުނަނީ ޝަހުމްގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އުފުލާފައި ވަނީ 2010 ވަނަ އަހަރުގެ ޖުލައި މަހުގެ 30 ވަނަ ދުވަހުގެ ހަވީރު 4:45 ހާއިރު މާޒިޔާ ދަނޑުގައި ފުޓްބޯޅަމެޗެއް ކުޅުނުވަގުތު ބިސްބުރު ޓީމާއި ޕީޓްރަލް ޓީމްގެ ސަޕޯޓަރުންގެ ދެމެދުގައި ހިނގި ހަމަނުޖެހުންތަކާ ގުޅިގެން ކަމަށެވެ.
އެ ހުކުމްގައި ބުނަނީ އެ ހަމަނުޖެހުންތަކުގައި ޝަހުމާއި އިތުރު ބަޔަކު ބައިވެރިވެގެން ކ.ގުޅި ރާޒުދާން މުޙައްމަދު ރީޙާން އާއި ލ.ގަން ތުނޑި ސްނޯރޯސް މާދިޙް މުޙައްމަދުގެ އިތުރުން މ. ބިއުޓީފްލާވާ މުހައްމަދު ހުސެއިނަށް ތޫނުއެއްޗަކުން ހަމަލާދިން ކަމަށް ބުނެ ދައުލަތުން ދައުވާ ކުރިނަމަވެސް ރީހާނާއި މާދިހަށް ޝަހުމް ތޫނުއެޗަކުން ހަމަލާދިންކަން ޝަރީއަތަށް ސާބިތުނުވާ ކަމަށެވެ. ނަމަވެސް އިތުރު ބަޔަކާ ބައިވެރިވެގެން މުހައްމަދު ހުސެއިނަށް ޝަހުމް ތޫނުއެއްޗަކުން ހަމަލާދީ ބޮޑެތި ޒަޚަމްތަކެއް ކޮށްފައިވާކަން ހެކީންގެ ހެކިބަހުން ޝަރީއަތަށް ސާބިތުވާކަމަށް ވެސް ކްރިމިނަލް ކޯޓުގެ ހުކުމްގައި ވެއެވެ.
ޝަހުމް އާއި އިތުރު ބަޔަކު ބައިވެރިވެގެން ތޫނުއެއްޗަކުން ދިން ހަމަލާއަށް ފަރުވާދެމުން ދަނިކޮށް 31 ޖުލައި 2010 ވަނަ ދުވަހުގެ ހަވީރު 6:00 ގައި މުހައްމަދު ހުސެއިން ވަނީ މަރުވެފަ އެވެ.
ޓެރަރިޒަމްގެ ކުށުގައި ޝަހުމް އުމުރަށް ޖަލަށްލާން ހުކުމްކޮށްފައިވާއިރު 2011 ވަނަ އަހަރުގެ ތެރޭގައި ސ. ހިތަދޫ ވަރުދީގޭ އަހުސަން ބަޝީރު މަރާލިކަމުގެ ތުހުމަތުގައި ވެސް ޝަހުމްގެ މައްޗަށް ވަނީ ދައުވާ އުފުލާފަ އެވެ.