ރާއްޖޭގެ ރައްޔިތުންނަށް ފޯރުކޮށްދެވޭ ޞިއްޙީ ޚިދުމަތް ތަރައްޤީކޮށް ރައްޔިތުން ބޭނުންވާ ފެންވަރާއި މިންވަރުގައި ޞިއްޙީ ޚިދުމަތް ފޯރުވައިދެއްވުމަށް، ވިޔަފާރީގެ އުޞޫލުން ޞިއްޙީ ޚިދުމަތް ފޯރުވައިދޭ ތަންތަން ހިންގުމަށް ސަރުކާރުން ގެންގުޅުއްވާ ސިޔާސަތު ކުރިއަރުވަންޖެހޭ ކަމުގައި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.


ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، ޞިއްޙަތަށް އަސަރުފޯރުވާ އިޖްތިމާޢީ ކަންތައްތަކާ ބެހޭގޮތުން ކުރެވިފައިވާ ދިރާސާގެ ހޯދުންތަކާއި، ރާއްޖޭގެ ރައްޔިތުންގެ ޞިއްޙަތަށް އަސަރު ފޯރުވާ އިޖްތިމާޢީ ކަންތައްތަކާބެހޭ ރިޕޯޓްގައި ފާހަގަކޮށްފައިވާ ކަންކަމާބެހޭ މަޢުލޫމާތު، ޞިއްޙީ ދާއިރާއާއި ކަމާބެހޭ އެހެން ދާއިރާތަކުގެ އިސްބޭފުޅުންނާއެކު ޙިއްޞާ ކުރެއްވުމަށް މިއަދު ބޭއްވެވި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.


މިއަދު ހެނދުނު ހޮލިޑޭ އިން ހޮޓަލުގައި އޮތް މިބައްދަލުކުރެއްވުމުގައި، ސަރުކާރުގެ ޞިއްޙަތާބެހޭ ސިޔާސަތުގެ މައިގަނޑު ތިން ބައިގެ މައްޗަށް ރައީސުލްޖުމްހޫރިއްޔާ ވާހަކަފުޅު ދައްކަވަމުން، ސަރުކާރުގެ ސިޔާސަތުގެ މައިގަނޑު އެއްބަޔަކީ ވިޔަފާރީ އުޞޫލުން ޞިއްޙީ ޚިދުމަތް ފޯރުކޮށްދެއްވުން ކަމުގައި ވިދާޅުވި އެވެ.


ވިޔަފާރީ އުޞޫލުން ޞިއްޙީ ޚިދުމަތް ދޭ ތަންތަން ހިންގެވުމުގެ އިތުރުން، ސަރުކާރުގެ ޞިއްޙަތާ ބެހޭ ސިޔާސަތުގެ މައިގަނޑު އަނެއް ދެބަޔަކީ، އެންމެންނަށް އެކަށީގެންވާ ހެލްތް އިންޝުއަރެންސްގެ ނިޒާމެއް ޤާއިމް ކުރެއްވުމާއި، ސަރުކާރުގެ އިޖްތިމާޢީ ރައްކާތެރިކަމުގެ ނިޒާމް ފުރިހަމަ ކުރެއްވުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ.


ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ހެލްތް އިންޝުއަރެންސް ފޯރުކޮށްދެއްވުމަކީ، ސަރުކާރުން ހިންގާ ހުރިހާ ޞިއްޙީ ޚިދުމަތްދޭ ތަންތަން، މިހާރު ހިނގަމުން ދާގޮތަށް ހިންގެވުމަށްވުރެ ޚަރަދު ކުޑަކަމެއްކަން ބަޔާންކުރެއްވި އެވެ. އެމަނިކުފާނުގެ ވާހަކަފުޅުގައި، ރާއްޖޭގައި ސަރުކާރުން ހިންގަވާ ޞިއްޙީ ޚިދުމަތް ފޯރުވައިދޭ ތަންތަން ހިންގެވުމަށް 1.5 ބިލިއަން ރުފިޔާއަށްވުރެ ބޮޑު އަދަދެއް ހޭދަވާއިރު، ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ހެލްތް އިންޝުއަރެންސް ފޯރުވައިދެއްވުމަށް ސަރުކާރުން ޚަރަދު ކުރައްވަން ޖެހެނީ 600 މިލިއަން ރުފިޔާކަން ހާމަކުރެއްވި އެވެ. އަދި ރައްޔިތުންނަށް ހެލްތް އިންޝުއަރެންސް ފޯރުވައިދެއްވުމާއެކު، ވިޔަފާރީގެ އުޞޫލުން ޞިއްޙީ ޚިދުމަތް ފޯރުއްވައިދެއްވުމަކީ، ރައްޔިތުންނަށް ލިބޭ ޞިއްޙީ ޚިދުމަތުގެ ފެންވަރު ރަނގަޅުވެ، އެކަމަށް ސަރުކާރުންނާއި ރައްޔިތުން ކުރައްވާ ޚަރަދު އެތައް ތަނަކުން ކުޑަވެގެންދާނެ ކަމެއް ކަމުގައި އެމަނިކުފާނު ވިދާޅުވި އެވެ.


މީގެ އިތުރުން، ސަރުކާރުން އެކަށައަޅުއްވަމުން ގެންދަވާ އިޖްތިމާޢީ ރައްކާތެރިކަމުގެ ނިޒާމްގެ ފައިދާ މިހާރުވެސް ފެންނަން ފަށާފައިވާކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ. މިގޮތުން، 65 އަހަރުން މަތީ މީހުންނަށް ސަރުކާރުން ދެއްވާ ޕެންޝަނާއި، ހެލްތް އިންޝުއަރެންސްގެ ޚިދުމަތުގެ ސީދާ ނަތީޖާއެއްގެ ގޮތުން، 65 އަހަރުން މަތީ މީހުން މަރުވާ ނިސްބަތް ވޭތުވެދިޔަ ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި ވަރަށް ބޮޑަށް ދަށަށް ގޮސްފައިވާކަން ފާހަގަކުރެއްވޭ ކަމުގައި އެމަނިކުފާނު ވިދާޅުވި އެވެ.


ރާއްޖޭގެ މުޅި އާމްދަނީގެ ނިސްބަތުން ވަރަށް ބޮޑު މިންވަރެއް ޞިއްޙީ ދާއިރާއަށް މިހާތަނަށް ޚަރަދު ކުރެވެމުން އައި ނަމަވެސް، ރައްޔިތުން ބޭނުންވާ މިންވަރާއި ފެންވަރުގައި މިހާތަނަށް ރާއްޖޭގައި ޞިއްޙީ ޚިދުމަތް ފޯރުވައިދެވެމުން ނުދާކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވި އެވެ. މިކަމުގެ އެންމެ ބޮޑު ސަބަބަކީ، ރާއްޖެއަށް ލިބެމުން އައި ތަރައްޤީއާއެކު، ރާއްޖޭގައި ގައިން ގަޔަށް އަރާ އާދައިގެ ބަލިތައް ޖެހުން މަދުވެ، ގައިން ގަޔަށް ނާރާ ނުރައްކާތެރި ބަލިތައް އިތުރު ވަމުން ގޮސްފައިވީ ނަމަވެސް، ޞިއްޙީ ޚިދުމަތަށް ކުރެވޭ ޚަރަދާއި އެދާއިރާ ކުރިއެރުވުމަށް ކުރެވެމުން ދިޔަ މަސައްކަތުގެ ބޮޑު ބައެއް، ގައިން ގަޔަށް އަރާ އާދައިގެ ބަލިތައް ކޮންޓްރޯލް ކުރުމަށް ހުއްޓިފައި ހުރުން ކަމަށް ގަބޫލުފުޅު ކުރައްވާ ކަމުގައި އެމަނިކުފާނު ވިދާޅުވި އެވެ.