28 Feb 2013, 14:14
ޖެނީވާގައި ހުންނަ އދ.ގެ އިންސާނީ ހައްގުތަކާ ބެހޭ ކައުންސިލުގެ ރާއްޖޭގެ ގޮނޑި އިތުރު ދައުރަކަށް ކާމިޔާބުކުރުމުގެ މަސައްކަތް ރާއްޖެ އިން ފަށައިފި އެވެ.
ފޮރިން މިނިސްޓްރީ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ޔުނައިޓެޑް ނޭޝަންސް ހިއުމަން ރައިޓްސް ކައުންސިލް (ޔޫއެންއެޗްއާރުސީ)ގެ ގޮނޑި އިތުރު ދައުރަކަށް ކާމިޔާބުކުރުމުގެ ކެމްޕެއިން ފަށާފައި ވަނީ ޖެނީވާގެ ޕެލެއިސް ޑި ނޭޝަންސް (ޕެލެސް އޮފް ނޭޝަންސް)ގައި ރާއްޖޭގެ ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ދުންޔާ މައުމޫން ކަމަށެވެ.
ރާއްޖެ ޔޫއެން އެޗްއާރުސީގެ މެމްބަރެއްގެ ގޮތުގައި އިންތިހާބުވެފައި ވަނީ 2010 ވަނަ އަހަރުގެ މޭ މަހުގެ 13 ވަނަ ދުވަހު އެވެ. މި އަހަރުގެ ނިޔަލަށް ރާއްޖޭގެ ދައުރު ހަމަވާ އިރު، މި އަހަރުގެ އޮކްޓޫބަރު އަދި ނޮވެމްބަރު މަހުގެ ތެރޭގައި ޔޫއެންއެޗްއާރުސީގެ މެމްބަރުން ހޮވުމަށް އިންތިހާބެއް ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ.
ފޮރިން މިނިސްޓްރީ އިން ބުނީ އިއްޔެ ޖެނީވާގައި ކެމްޕެއިން ލޯންޗުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ޔޫއެންއެޗްއާރުސީގައި ރާއްޖެ އިން ކޮށްފައިވާ މަސައްކަތްތަކާ ބެހޭ ޕްރެޒެންޓޭޝަނެއް ހުށަހަޅާފައިވާ ކަމަށެވެ.
"އެ ރަސްމިއްޔާތުގައި ދުންޔާ ދެއްކެވި ވާހަކަފުޅުގައި ރާއްޖެއަކީ ޔޫއެން އެޗްއާރުސީގައި ހިމެނޭ އެންމެ ކުޑަ ގައުމުކަން ފާހަގަކޮށްފައިވާ އިރު، އެއްވެސް މައްސަލައެއްގައި ސްޓޭންޑެއް ނެގުމުގައި ރާއްޖެ އިން ފަހަތައް ޖެހިފައިނުވާނެ ކަމަށް ވަނީ ވިދާޅުވެފަ އެވެ." ފޮރިން މިނިސްޓްރީގެ ބަޔާނުގައިވެ އެވެ.
ފޮރިން މިނިސްޓްރީ އިން ބުނީ ރާއްޖެ އިން ޔޫއެންއެޗްއާރުސީގައި ހޭދަކުރި ދެ އަހަރުގެ މުއްދަތުގައި އަންހެނުންނާއި ކުޑަކުދިން އަދި ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކުގެ ހައްގުތަކަށް ހޯދައި ދިނުމަށް ވަރަށް ބޮޑަށް ވަކާލާތުކޮށްފައިވާނެ ކަމަށެވެ.
އަދި މޫސުމަށް އަންނަ ބަދަލުތަކާ އިންސާނީ ހައްގާ ހުރި ގުޅުމާ ބެހޭ ގޮތުން ރާއްޖެ އިން ގިނަ މަސައްކަތްތަކެއް ކޮށްފައިވާނެ ކަމަށާއި މިހުރިހާ ކަމަކާ ގުޅޭ ގޮތުން ވެސް ތަފާތު ކަރުދާސްތަކެއް ކައުންސިލަށް ހުށަހަޅާ، ކައުންސިލްގެ މެމްބަރުންގެ ފަރާތުން ތާއީދު ލިބިފައިވާ ކަމަށެވެ.
ޖެނީވާގައި ކެމްޕެއިން ލޯންޗުކުރަން ބޭއްވި ރަސްމިއްޔާތުގައި ގައުމުތަކުގެ ވަޒީރުންނާ، މަތީ ފެންވަރުގެ އޮފިޝަލުން ބައިވެރިވެލައްފާއިވެ އެވެ.
ދެހާސް ދިހަ ވަނަ އަހަރު ރާއްޖެ އިން ޔޫއެންއެޗްއާރުސީގެ ގޮނޑިއެއް ކާމިޔާބުކޮށްފައި ވަނީ 185 ގައުމެއްގެ ތާއީދާ އެކުގަ އެވެ. މިއީ ޔޫއެން އެޗްއާރުސީގެ ތާރީހުގައި މިހާ ބޮޑު އަޣުލަބިއްޔަތަކުން އެކައުންސިލްގެ މެމްބަރެއްގެ ގޮތުގައި ގައުމެއް އިންތިހާބުވި ފުރަތަމަ ފަހަރުކަން ފާހަގަކޮށްލެވެ އެވެ.