މާދަމާ އިން ފެށިގެން އާސަންދައިގެ ޚިދުމަތް ފޯރު ކޮށްދެމުންދާ އަމިއްލަ ކްލިނިކް ތަކުން ދޫކުރާ އީ ޕްރިސްކްރިޕްޝަން ތަކަށް މާލެ އާއި ހުޅުމާލޭގެ ފާމަސީ ތަކުން ހިދުމަތް ފޯރުކޮށްދެމުން ދާނީ އީ ޕޯޓަލް މެދުވެރިކޮށް ކަމަށް އާސަންދަ ޕްރައިވެޓް ލިމިޓެޑުން ބުނެފި އެވެ.

އެކުންފުނިން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ އެގޮތަށް ހަމަޖެއްސުމާ ގުޅިގެން ކުރިން ޕްރިސްކްރިޕްޝަންއަކަށް ބޭސް ނަގާއިރު ސިޓީގެ އަސްލު އަތުލި ކަމުގައި ވިޔަސް މާދަމާ އިން ފެށިގެން އާސަންދާ ގެ ޕްރިސްކްރިޕްޝަން އަށް ހިދުމަތް ދޭ ފާމަސީތަކަށް ބޭސް ސިޓީގެ އަސްލު ދޭން ނުޖެހޭނެ ކަމަށެވެ. އަދި ޕްރިސްކްރިޕްޝަން އެއްގައި އޮންނަ ބޭސްތަކުގެ ތެރެއިން ބޭހެއް އެ ފާމަސީއަކުން ލިބެން ނެތް ނަމަ އެ ބޭހެއް އާސަންދައިގެ އީ ޕްރިސްކްރިޕްޝަންގެ ހިދުމަތް ދޭ ފާމަސީއަކަށް ދިއުމުން އެތަނުގައި އެ ބޭހެއް ހުރިނަމަ އާސަންދާ ގެ ދަށުން ލިބޭނެ ކަމަށެވެ.

އެ ބަޔާނުގައި ބުނެފައިވާ ގޮތުގައި އާސަންދާ ގެ ދަށުން ޚިދުމަތް ފޯރުކޮށްދޭ އަމިއްލަ ކްލިނިކްތަކުން ދޫކުރާ ޕްރިސްކްރިޕްޝަން އަކީ އަތުން ލިޔެފައިވާ އެއްޗެއް ނަމަ އާސަންދާ ގެ ޚިދުމަތެއް ނުލިބޭނެ ކަމަށެވެ.

ހުށަހަޅާ ބޭސް ސިޓީ އަކީ އާސަންދައިގެ ދަށުން ކަވަރު ނުކުރާ ބައްޔަކަށްވާ ނަމަ އާސަންދާ ގެ ޚިދުމަތެއް ނުލިބޭނެ ކަމަށް ވެސް އެ ބަޔާނުގައި ބުނެފައި ވެއެވެ. އަދި ހުށަހަޅާ ބޭސް ސިޓީ އަކީ އެ ބޭސް ސިޓީއެއް ލިޔުއްވިތާ 30 ދުވަސް ހަމަ ނުވާ ބޭސް ސިޓީ އަކަށް ވާން ޖެހޭނެ ކަމަށެވެ.